ސަނީ ޑިއޯލްގެ ކުރިއަށް އޮތް ފިލްމު 'ބަޓްވާރާ 1947' އަށް ގިނަ ބައެއްގެ ސަމާލުކަން ލިބިފައިވަނީ، މިއީ 1947 ގެ ބައިބައިވުމުގެ މައްޗަށް ބިނާކޮށް އަސްގަރް ވަޖާހަތު ލިޔެފައިވާ މަޝްހޫރު ތަމްސީލު ‘ޖިސް ލާހޯރު ނައި ވިކްޔާ، އޯ ޖަމްޔާ އީ ނައި’ އިން އިންސްޕިރޭޝަން ހޯދައިގެން ތައްޔާރުކުރާ ފިލްމެއް ކަމަށް ރިޕޯޓްތައް ބުނުމާ ގުޅިގެންނެވެ.

ކުރިން 'ލާހޯރު 1947' ގެ ނަމުން ނަންދެވިފައިވާ މި ފިލްމަކީ ޑައިރެކްޓަރު ރާޖްކުމާރު ސަންތޯޝީ އަދި އާމިރު ހާން ޕްރޮޑަކްޝަންސް ގުޅިގެން އުފައްދާ ފިލްމެކެވެ. މި ފިލްމުގައި މައިގަނޑު ގޮތެއްގައި ދައްކުވައިދޭނީ ބައިބައިވުމުގެ ސަބަބުން މީހުންނަށް ޖެހުނު ހާލާއި، ގެދޮރު ގެއްލުމާއި، އަދި އާއިލާތައް ވަކިވެގެންދިޔަ ހިތާމަވެރި ހާދިސާތަކެވެ.

އިންޑިއަން އެކްސްޕްރެސް އިން ރިޕޯޓްކޮށްފައިވާ ގޮތުގައި، މި ފިލްމުގެ މައިގަނޑު ވާހަކަ ނަގާފައިވަނީ ވަޖާހަތުގެ ތަމްސީލުންނެވެ. ވާހަކަ ބިނާވެފައިވަނީ ބައިބައިވުމަށްފަހު، ލަކްނޯއިން ލާހޯރަށް ހިޖުރަކުރި މުސްލިމް އާއިލާއަކަށެވެ. އެމީހުންނަށް އެ ރަށުން ލިބެނީ ހިންދޫ އާއިލާއަކުން ދޫކޮށް ގޮސްފައިވާ ބޮޑު ގެއެކެވެ.

ފިލްމުގެ މުޅި ވާހަކަ އެއްކޮށް ބަދަލުވެގެންދަނީ، އެ ގޭގެ ތެރޭގައި އުމުރުން ދުވަސްވީ ހިންދޫ އަންހެނަކު ދިރިއުޅެމުންދާކަން އެނގޭ ހިސާބުންނެވެ. އޭނާ އެ ގެއިން ނިކުތުމަށް އިންކާރުކޮށް، އެއީ އޭނާގެ އަމިއްލަ ގެއެއް ކަމަށް ބުނެއެވެ. މި ދެމެދުގައި ހިނގާ ދެބަސްވުންތަކުގެ ތެރެއިން، ބައިބައިވުމުގެ އެންމެ ހިތްދަތި ދުވަސްވަރު އިންސާނިއްޔަތުކަމާއި، ބިރާއި، އަދި ކަންކަން ހިއްސާކުރުމުގެ އަސަރުގަދަ ވާހަކައެއް ދައްކުވައިދެއެވެ.

ރާޖްކުމާރު ސަންތޯޝީ ޑައިރެކްޓްކުރާ މި ފިލްމުގެ މައިގަނޑު ތަރިންނަކީ ސަނީ ޑިއޯލްގެ އިތުރުން އޭނާގެ ދޮށީ ފިރިހެން ދަރިފުޅު ކަރަން ޑިއޯލް، ޕްރިތީ ޒިންޓާ، ޝަބާނާ އަޒްމީ، އަލީ ފަޒަލް، އަބިމަންޔޫ ސިންގްއެވެ. މި ފިލްމުގެ މިއުޒިކް ތައްޔާރުކޮށްފައިވަނީ އޭ އާރް ރަހްމާން އެވެ. އަދި ލަވަތައް ލިޔެދީފައިވަނީ ޖާވީދު އަހްތަރެވެ.

https://youtu.be/DstkbSnWFf4?si=IqYxh8UxD0DQnD7-

ކުރިން މި ފިލްމަށް 'ލާހޯރު 1947' ކިޔުނު ނަމަވެސް، ސިޔާސީ ގޮތުން ދިމާވެދާނެ ނުތަނަވަސްކަމަކުން ސަލާމަތްވުމުގެ އިތުރުން ބައިބައިވުމުގެ މުޅި ތަސްވީރު ތަފްސީލުކޮށް ގެނެސްދިނުމަށްޓަކައި ފިލްމުގެ ނަން ވަނީ 'ބަޓްވާރާ 1947' އަށް ބަދަލުކޮށްފައެވެ. ފިލްމުގެ ފުރަތަމަ މޯޝަން ޕޯސްޓަރުން ފެންނަނީ ސަނީ ޑިއޯލް އަލިފާންގަނޑެއްގެ ތެރެއިން ދުވަމުންދާ ތަނެވެ. އޭގައި ލިޔެފައިވަނީ "ނަފުރަތާ، ބިރުވެރިކަމުގެ ދުވަސްވަރު، އޭނާ އިހްތިޔާރުކުރީ ކެރުމެވެ."

މިއީ ސަނީ ޑިއޯލް ބައިބައިވުމުގެ ދުވަސްވަރަށް ބިނާކޮށް ކުޅޭ ފުރަތަމަ ފިލްމެއް ނޫނެވެ. މީގެ ކުރިން އޭނާ ވަނީ މިފަދަ މަގުބޫލު ދެ ފިލްމު ކަމަށްވާ 'ގަދަރް: އެކް ޕްރޭމް ކާތާ' އަދި 'ގަދަރް 2' ކުޅެފައެވެ.

'ބަޓްވާރާ 1947' ރިލީޒްކުރުމަށް ހަމަޖެހިފައިވަނީ މިއަހަރުގެ މިނިވަންދުވަހުގެ މުނާސަބަތާ ދިމާކޮށް (އޮގަސްޓް މަހު) އެވެ.