އައްޑޫ ސިޓީ ގަން އިންޓަނޭޝަނަލް އެއާޕޯޓުގައި އަލަށް ބިނާކުރާ "ގަން މިސްކިތް ކޮމްޕްލެކްސް"ގެ ބިންގާ މިއަދު އަޅައިފިއެވެ.
މި މަޝްރޫއަކީ ނިޝާން މުލީގޭ ޝަރަފްގެ އިއްޒަތުގެ ވެރިޔާ އަދި ދަމާސް ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑްގެ ޗެއާމަން މުހައްމަދު ސޯލިޙްގެ ދީލަތި އެހީގައި ކުރިއަށްގެންދާ މަޝްރޫއެކެވެ.
މި މަޝްރޫއުގެ ބިންގާ އަޅުއްވައިދެއްވީ އެކަމަށްޓަކައި ގަން އިންޓަނޭޝަނަލް އެއާޕޯޓުގައި ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައެވެ. ބިންގާ އަޅުއްވައިދެއްވީ އިސްލާމީ ކަންތައްތަކާއި އައުގާފާ ބެހޭ މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދާއި، ނިޝާން މުލީގޭ ޝަރަފްގެ އިއްޒަތުގެ ވެރިޔާ މުހައްމަދު ސޯލިޙެވެ.
ދެ ފަންގިފިލާއަށް ބިނާކުރާ މި ކޮމްޕްލެކްސްއަކީ އެއްފަހަރާ 800 މީހުންނަށް ނަމާދު ކުރެވޭނެ ޖާގައިގެ ތަނެކެވެ. މި އިމާރާތް ބިނާކުރަނީ ނަމާދުކުރާ ބައިގެ އިތުރުން މަލްޓި ޕާޕަސް ހޯލަކާއި ލައިބްރަރީއެއް ހިމެނޭ ގޮތަށެވެ. މިއީ އެއާޕޯޓަށް ޒިޔާރަތްކުރާ ފަރާތްތަކާއި އެ ސަރަހައްދުގައި މަސައްކަތްކުރާ މުވައްޒަފުންނަށް ފަސޭހަކަމާއެކު އަޅުކަންކޮށް، ދީނީ މައުލޫމާތު އުނގެނުމުގެ ފުރުޞަތު ފަހިކޮށްދިނުމަށް ބިނާކުރާ ތަނެކެވެ.
ބިންގާ އެޅުމުގެ މި ރަސްމިއްޔާތުގައި އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާގެ އިސްވެރިންނާއި، އައްޑޫ ސިޓީ ކައުންސިލުގެ މެންބަރުންގެ އިތުރުން މުހައްމަދު ސޯލިޙާއި އެމަނިކުފާނުގެ އާއިލާގެ ބޭފުޅުން ބައިވެރިވެވަޑައިގެންނެވިއެވެ.
އައްޑޫ ސިޓީގައި ދީނީ ކަންކަމަށް ބޮޑެތި އެހީތަކެއް ވެދެއްވަމުންދާ މުހައްމަދު ސޯލިހު ވަނީ އައްޑޫ ހުޅުދޫގައި އެމަނިކުފާނުގެ އަމިއްލަ ގޯތި މާތް ﷲ އަށްޓަކައި ވަގުފުކޮށް، އޭނާގެ ދީލަތި އެހީގައި މިސްކިތެއް ބިނާކޮށްދެއްވާފައެވެ. 200 މީހުންގެ ޖާގައިގެ މި މިސްކިތް ރަސްމީކޮށް ހުޅުވީ މިދިޔަ އަންގާރަ ދުވަހުއެވެ.
