ލޯކަލް ކައުންސިލުތަކުގެ ކައުންސިލަރުންގެ މުސާރައަށް ހެޔޮ ބަދަލެއް ގެނައުމާ މެދު ރައްޔިތުންގެ މަޖިލީހުގެ މެންބަރުން ދެކެވަޑައިގަންނަވާ ގޮތެއް ބެއްލެވުމަށްޓަކައި، ގަލޮޅު ދެކުނު ދާއިރާގެ މެންބަރު މީކާއިލް އަހުމަދު ނަސީމް މަޖިލީހަށް ގަރާރެއް ހުށަހަޅުއްވައިފިއެވެ.

މީކާއިލް ހުށަހެޅުއްވި ގަރާރުގައި ބަޔާންކޮށްފައިވާ ގޮތުގައި، އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ގާނޫނުގެ ދަށުން އެންމެ ބޮޑު ޒިންމާއެއް އުފުލަންޖެހެނީ ކައުންސިލަރުންނަށެވެ. އަދި ގާނޫނަށް ގެނެވުނު އިސްލާހުތަކާއެކު ކައުންސިލަރުންގެ މަސްއޫލިއްޔަތުތައް އިތުރުވެ، މަސައްކަތުގައި ހޭދަކުރަންޖެހޭ ވަގުތު ކުރިއަށްވުރެ ގިނަވެފައިވާތީ، އެ ފަރާތްތަކުގެ މުސާރައަށް އެކަށީގެންވާ ބަދަލެއް އަންނަންޖެހޭ ކަމަށް ގަރާރުގައި ފާހަގަކޮށްފައިވެއެވެ.

މި ގަރާރުގައި ވަނީ ކައުންސިލަރުންގެ މުސާރަ އާއި އިނާޔަތްތައް ހުރި ގޮތުން ދިމާވާ ބައެއް މުހިންމު ފަރަގުތައް ފާހަގަކޮށްފައިވެއެވެ. އޭގެ ތެރޭގައި: ކައުންސިލް ރައީސްގެ މުސާރަ ކައުންސިލްގެ ސެކެޓްރީ ޖެނެރަލް ގެ މުސާރައަށްވުރެ ކުޑަވުމާ، ކައުންސިލް ނައިބު ރައީސްގެ މުސާރަ ކައުންސިލްގެ އެގްޒެކެޓިވް ފަންތީގެ މުވައްޒަފުންގެ މުސާރައަށްވުރެ ކުޑަވުން ހިމެނެއެވެ. އަދި އާންމު ކައުންސިލް މެންބަރުންގެ މުސާރަ ކައުންސިލްގައި މަސައްކަތްކުރާ ބައެއް އިދާރީ މުވައްޒަފުންގެ މުސާރަ އާއި އިނާޔަތްތަކަށްވުރެ ކުޑަކަން ވަނީ ފާހަގަކޮށްފައެވެ.

"އިދާރީ މުވައްޒަފުންގެ މުސާރަ ކައުންސިލަރުންނަށްވުރެ ބޮޑުވުމަކީ، ކައުންސިލަރުންނަކީ އިދާރީ މުވައްޒަފުންނަށްވުރެ ދަށް ފަންތީގެ ބައެއްގެ ގޮތުގައި ބެލެވުމަށް މަގުފަހިވާ ކަމެއް. އަދި ރައްޔިތުން އިންތިހާބުކުރާ ބައެއްގެ މުސާރަ، ސަރުކާރުން އައްޔަންކުރާ ސިޔާސީ މުވައްޒަފުންނަށްވުރެ ކުޑަވުމަކީ އިންތިހާބީ މަގާމުތަކުގެ ބާރުވެރިކަން ކުޑަވާ ކަމެއް." މީކާއިލްގެ ގަރާރުގައި ބަޔާންކޮށްފައިވެއެވެ.

ގާނޫނުއަސާސީގެ 37 ވަނަ މާއްދާގެ (ށ) އާ ހަވާލާދީ އެ ގަރާރުގައި ބުނެފައިވަނީ، ހަމަހަމަކަމާއެކު ރައްކާތެރި މާހައުލެއްގައި ކުރާ މަސައްކަތަށް އެކަށީގެންވާ އުޖޫރައެއް ލިބުމާއި، އެއް މިންގަނޑަކުން މަސައްކަތް ވަޒަންކުރެވި ހަމަހަމަ އުޖޫރައެއް ލިބުމަކީ ކޮންމެ މީހަކަށްމެ ލިބިގެންވާ ހައްގެއް ކަމަށެވެ.

މީގެ އިތުރުން، ގައުމަށް ދިމާވާ ކޮންމެ ބޮޑު ހާލަތެއްގައިވެސް ރައްޔިތުންނަށް ހިދުމަތް ދިނުމުގައި އެންމެ ކުރީ ސަފުގައި ކައުންސިލަރުން ހަރަކާތްތެރިވާއިރު، އެއްވެސް އިތުރުގަޑީގެ ފައިސާއެއް ކައުންސިލަރުންނަށް ނުލިބޭކަންވެސް މީކާއިލް ހުށަހެޅުއްވި ގަރާރުގައި ވަނީ ހިމަނުއްވާފައެވެ.