ނިމިދިޔަ ހަފްތާ ސްކޭމްގެ 36 މައްސަލައެއް ހުށަހަޅާފައިވާ ކަމަށް ފުލުހުން ބުނެފިއެވެ.

ފުލުހުންގެ އެންޓި ސްކޭމް ޑިޕާޓްމަންޓުން އާންމުކުރި ތަފާސް ހިސާބުތައް ދައްކާ ގޮތުން ތަފާތު އެކި ސްކޭމްތަކުގެ 36 މައްސަލައެއް ފުލުހުންނަށް ހުށަހަޅާފައިވާއިރު އެންމެ ގިނައިން ރިޕޯޓުކޮށްފައި ވަނީ އީ-ކޮމާސް މެދުވެރިކޮށް ހިންގާފައިވާ ސްކޭމް ތަކެވެ.

މި މަހުގެ 7 އިން 13 ވަނަ ދުވަހުގެ ނިޔަލަށް ހިންގި ސްކޭމްތަކުގެ ތަފާސްހިސާބުތަކުގައިވާ ގޮތުން އެ މުއްދަތުގައި ހުށަހަޅާފައިވާ އެކި މައްސަލަތަކުން 118،370ރ. ގެ ގެއްލުން ލިބިފައި ވެއެވެ. އޭގެތެރެއިން ފުލުހުންނަށް ހޯދިފައިވަނީ 164،240ރ. އެވެ.

އޮންލައިން މެސެޖިން ފްލެޓްފޯމްތަކާއި އައިބޭ އާއި ފޯނު ކޯލް އަދި ފިޝިން ލިންކާއި ފޭސްބުކް މާކެޓްޕްލޭސް މެދުވެރިކޮށް 26 މައްސަލައެއް ހުށަހަޅާފައިވާއިރު ފައިސާ މާރުކުރުމުގެ ނަމުގައި ސްކޭމް ހިންގި އެއް މައްސަލަ ހިމެނެއެވެ. އަދި އިންޕާސަނޭޝަންގެ ހަތަރު މައްސަލައަކާއި އެހެނިހެން ފަސް މައްސަލައެއްވެސް ހުށަހަޅާފައިވާ ކަމަށް ތަފާސް ހިސާބުތަކުން ދައްކައެވެ.

https://www.facebook.com/61574482463577/posts/122165775776816082/?mibextid=wwXIfr&rdid=WeKdMHScJbzWg3o5#

މަކަރާއި ހީލަތުގެ މައްސަލަތައް ގިނަކަން ފާހަގަކުރެވިފައިވާއިރު ވަކިން ހާއްސަކޮށް ފޯނުން ގުޅާ އީމެއިލް އައިޑީ ހޯދައިގެން ބޭންކުގެ ހިދުމަތަށް ވަދެ، ފައިސާ ހޯދާފައިވާ މައްސަލަތައް ގިނަކަން ފާހަގަކުރެވޭ ކަމަށް ފުލުހުން ވަނީ މީގެ ކުރިން ހާމަކޮށްފައެވެ.

އެކި ފަރާތްތަކުން އެކި ނަން ނަމުގައި ގުޅައިގެން އެމީހެއް ޒާތީ މައުލޫމާތާއި އީމެއިލް އާއި ކޭޝް ކާޑުގެ މައުލޫމާތާއި އެނޫންވެސް މުހިންމު މައުލޫމާތު ހޯދަން ގުޅި ނަމަވެސް އެފަދަ މަޢުލޫމާތު ހިއްސާ ނުކުރުމަކީ އެޅޭނެ އެންމެ މުހިންމު ފިޔަވަޅެވެ. އެހެންކަމުން އެފަދަ މައުލޫމާތުތައް އެއްވެސް ފަރާތަކާ ހިއްސާ ނުކުރުމަށް ފުލުހުންނާއި ކަމާ ގުޅުންހުރި އިދާރާތަކުން ދަނީ ކެނޑިނޭޅި ލަފާ ދެމުންނެވެ.