ކުރީގެ ކޮންޓްރޯލާ ޖެނެރަލް އޮފް އިމިގްރޭޝަން މުހައްމަދު ޝަމްއާން ވަހީދު ފްރޭމްކުރަންޖެހޭ އެއްވެސް ސަބަބެއް ސަރުކާރަށް ނޯންނާނެ ކަމަށާއި، އޭނާގެ މައްޗަށް އުފުލާފައިވާ ދައުވާތަކަކީ ސިޔާސީ ކަމެއް ނޫން ކަމަށް ބަންޑާރަނައިބު އަހްމަދު އުޝާމް ވިދާޅުވެއްޖެއެވެ.

ބިދޭސީން ގެނައުމަށް ދޫކުރާ ކޯޓާއާއި ވޯކް ޕާމިޓް އެޕްރޫވް ކުރުމުގައި ހޯމްލޭންޑް މިނިސްޓަރު އަލީ އިހުސާނާއި ބަންޑާރަނައިބު އަހުމަދު އުޝާމް ބޮޑެތި ކޮރަޕްޝަންތަކެއް ހިންގަވަމުން ގެންދަވާ ކަމަށް ތުހުމަތު ޝަމްއާން ވަނީ ކުރައްވާފައެވެ.

މިކަމާ ގުޅިގެން "ދަ ޕެރްސް" އިން ސުވާލުކުރެއްވުން އުޝާމް ވިދާޅުވީ ބަންގްލަދޭޝް މީހެއްގެ އަތުން ފައިސާ ފޭރުނު މައްސަލައިގައި ޝައްމާނަށް ކުރާ ދައުވާއަކީ ސިޔާސީ ކަމެއް ނޫން ކަމަށެވެ.

އަޅުގަނޑު ނުވަތަ ސަރުކާރުން ޝަމްއާން ފްރޭމް ކުރަން ޖެހޭ އެއްވެސް ރީޒަންއެއް ނޯންނާނެ. ބަންގްލަދޭޝް މީހެއްގެ އަތުން ލާރި ފޭރުނު މައްސަލައެއްގަ އޭނަ މައްޗަށް ދައުވާ ކުރީ. އެއީ ސިޔާސީ ކަމެއް ވެސް ނޫން
ބަންޑާރަ ނައިބު އުޝާމް

ޝަމްއާން ވިދާޅުވީ ކޮންމެ ކޯޓާ އަކަށް 8000 ރުފިޔާގެ މަގުން އަދި އެޕްރޫވް ކުރާ ބަންގްލަދޭޝް މީހަކަށް 1800 ޔޫއެސް ޑޮލަރުގެ މަގުން މި ކަން ކުރާ ވާހަކަ ރައީސް އަށް ދެންނެވިކަމަށާއި، ނަމަވެސް މިނިސްޓަރު އިހްސާން އާއި ދެކޮޅަށް ޝަމްއާން ޒާތީ ގޮތުން ކަންކަން ކުރާކަމުގެ މައުލޫމާތު ލިބިވަޑައިގެންފައި ވާކަމަށް ރައީސް ވިދާޅުވިކަމަށެވެ.

މި ތުހުމަތުތަކާއި ހެކިތައް ރައީސްއަށް ހުށަހެޅުނު ވަގުތަކީ، އެމަނިކުފާނު ރަސްމީ ދަތުރުފުޅެއްގައި އެސްޓޯނިއާގައި ހުންނެވި ވަގުތެއް ކަމަށް ޝަމްއާން ވަނީ ވިދާޅުވެފައެވެ. ޝަމްއާން ވިދާޅުވީ ގާނޫނާއި ގަވައިދާ ހިލާފު އެއްވެސް ކަމެއް އިހުސާން ނުކުރާނެކަމަށް ރައީސް ވިދާޅުވެ "ލޯޔަލް ވުމަކީ ތިއީ ނޫން" ކަމަށް ވިދާޅުވެފައި ވާކަމަށެވެ.

ޝައްމާންގެ މައްޗަށް ދައުލަތުން އުފުލާފައިވަނީ މަނީ ލޯންޑަރިންގ އާއި، ފޭރުމުގެ އިތުރުން ރަސްމީ ހައިސިއްޔަތު ނަހަމަ ގޮތުގައި ބޭނުންކުރުމުގެ ކުށުގެ ދައުވާއެވެ. މި މައްސަލައިގެ ތަހުގީގަށް ހާމަވެފައިވާ ގޮތުގައި، މިދިޔަ ރޯދަމަހު އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެންދިޔަ ބަންގްލަދޭޝް މީހަކު ދޫކޮށްލުމަށްފަހު، އެ އިދާރާގެ މުވައްޒަފުންތަކަކާ ގުޅިގެން އެ މީހާގެ އަތުން 500،000 އަށްވުރެ ގިނަ ރުފިޔާ ވަނީ ހޯދާފައެވެ. މި މައްސަލައިގައި ޝައްމާންގެ އިތުރުން އިމިގްރޭޝަންގެ އިތުރު ހަތަރު މުވައްޒަފަކު ހައްޔަރުކުރިއެވެ.