ށ. މިލަންދޫގައި ފައިބަރު މަސައްކަތްކުރާ ތަނެއްގައި އަލިފާނުގެ ހާދިސާއެއް ހިނގައި ބޮޑެތި ގެއްލުންތަކެއްވެއްޖެއެވެ.
ފުލުހުން ބުނީ ށ. މިލަންދޫ ފައިބަރު މަސައްކަތް ކުރާ ތަނެއްގައި އަލިފާން ރޯވެފައިވާ މައްސަލަ ޖޫން 1 ވަނަ ދުވަހުގެ ރޭ 23:09 އެހައިކަންހާއިރު ފުލުހުންނަށް ރިޕޯޓްކޮށްފައިވާ ކަމަށެވެ.
އާންމުންނާއި ފުލުހުން ގުޅިގެން ކުރި މަސައްކަތުން އަލިފާން ނިއްވާލެވިފައިވަނީ އެ ރޭ ދަންވަރު 01:00 އެހައިކަންހާއިރުކަމަށް ފުލުހުން ވަނީ ބުނެފައެވެ.
އާދަމްކޮއިބޭ ފައިބަރު މަސައްކަތަށް ދޯނި އަޅާ ސަރަހައްދުގައި ހިނގި މި ހާދިސާގައި އެއްވެސް މީހަކަށް އަނިޔާއެއް ލިބިފައެއް ނުވެއެވެ. އެހެން ނަމަވެސް ތިން ޑިންގީ އަކާއި ޑިންގީ އެޅުމަށް ބޭނުންކުރާ ތައްގަނޑު ތަކެއްގެ އިތުރުން ފައިބަރު މަސައްކަތުގައި ބޭނުންކުރާ ތަކެއްޗަށާއި ތަނަށް ގެއްލުން ވެފައިވެއެވެ.
މި މައްސަލަ ފުލުހުން ތަހުގީގު ކުރަމުން އަންނައިރު ސޯޝަލް މީޑިއާގައި ދައުރުވަމުން އަންނަ ވީޑިއޯތަކުން އެ ތަނުގައި ވަރަށް ބޮޑަށް ރޯވެެފައިވާ މަންޒަރު ފެނެއެވެ. އަދި ރަށުގެ ގިނަ އަދަދެއްގެ ބަޔަކު ނިކުމެ އަލިފާން ނިއްވުމުގެ މަސައްކަތުގައި ހަރަކާތްތެރިވާ މަންޒަރު ފެނިގެންދާއިރު ޓިނުން ހަދާފައިވާ މި ތަނުގައި ރޯވާން ދިމާވި ސަބަބެއް އަދި ސާފުވެފައެއް ނުވެއެވެ.
