ދުންފަތުގެ އިސްތިއުމާލުކުރުން ހުއްޓުވުމަށް ސަރުކާރުން ގެންގުޅޭ ސިޔާސަތަށް އެއްވެސް ބަދަލެއް ނާންނަ ކަމަށާއި، މިހާރު ކުރިއަށްދަނީ ފަންނީ މާހިރުންގެ ލަފަޔާއެކު އެ ސިޔާސަތުތައް އިތުރަށް ހަރުދަނާކުރުމުގެ މަޝްވަރާތައް ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
މިއަދު ނޫސްވެރިންނާ ބައްދަލުކުރައްވައި ވާހަކަފުޅު ދައްކަވަމުން ރައީސް މުއިއްޒު ވިދާޅުވީ، ދުންފަތުގެ ޑިއުޓީއާ ގުޅޭގޮތުން ސަރުކާރުން "ޔޫ-ޓާނެއް" ނަގާފައިވާ ކަމަށް ދެކެވޭ ވާހަކައަކީ ހަގީގަތެއް ނޫން ކަމަށެވެ. އަދި މީގެ ކުރިން ބޭއްވި ޕްރެސް ކޮންފަރެންސްތަކުގައާއި ސޯޝަލް މީޑިއާގައި މިކަމާ ގުޅޭގޮތުން ދެކެވޭ ވާހަކަތަކަށް އިޝާރާތް ކުރައްވައި ރައީސް ވިދާޅުވީ، އެމަނިކުފާނު ދެއްކެވި ވާހަކަފުޅުތަކުގައި އެއްވެސް ފުށުއެރުމެއް ނެތް ކަމަށެވެ.
ރައީސް އިތުރަށް ބަޔާންކުރެއްވި ގޮތުގައި، ދުންފަތުގެ ބާވަތްތަކުން ނަގާ ޑިއުޓީ ބޮޑުކުރުމަކީ ދުޅަހެޔޮ މުޖުތަމައުއެއް ބިނާކުރުމަށް ސަރުކާރުން އިސްނަގައިގެން އެޅި މުހިންމު ފިޔަވަޅެކެވެ. މީގެ ތެރޭގައި ވޭޕް މަނާކުރުމާއި ޓެކްސް ބޮޑުކުރުން ހިމެނޭއިރު، މިއީ ދުނިޔޭގެ ސިއްހަތު ޖަމްއިއްޔާ، ޑަބްލިއުއެޗްއޯ އިން ވެސް ބަލައިގެންފައިވާ ކަމެއްކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.
ޑިއުޓީއަށް ބަދަލު ގެނައުމާ ގުޅޭގޮތުން ކުރެވޭ މަޝްވަރާތަކާ ބެހޭގޮތުން ރައީސް ވިދާޅުވީ، ކޮންމެ ސިޔާސަތަކީވެސް ތަންފީޒުކުރަމުންދާއިރު ރިވިއު ކުރަންޖެހޭ ކަންކަން ކަމަށެވެ. އެގޮތުން ޑަބްލިއުއެޗްއޯ އާއި ޑަބްލިއުޓީއޯ ފަދަ ބައިނަލްއަގުވާމީ ޖަމްއިއްޔާތަކުގެ ފަންނީ ލަފަޔާއި، ކަސްޓަމްސް އާއި އެޗްޕީއޭ ފަދަ އިދާރާތަކުން ލިބޭ ތަފާސްހިސާބުތަކަށް ބަލައި، ގެންނަންޖެހޭ "އެޖަސްޓްމަންޓްތައް" ގެންނާނީ ސިޔާސަތު އިތުރަށް ހަރުދަނާކުރުމަށް ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ. ރައީސް ވިދާޅުވީ މި މަޝްވަރާތަކަކީ ސިޔާސަތު ރިވާސްކުރުމެއް ނޫންކަމަށާއި. މިއީ ލިބޭ ފަންނީ ލަފަޔާއި ޑޭޓާގެ މައްޗަށް ބިނާކޮށް، އެންމެ އެދެވޭ ނަތީޖާ ހާސިލުކުރުމަށްޓަކައި ކުރެވޭ މަސައްކަތެއްކަމަށެވެ.
ދުންފަތުގެ އިސްތިޢުމާލުކުރުން ދުރުކުރުމަށް ރާއްޖެއިން ކުރާ މަސައްކަތަށް އިޝާރާތް ކުރައްވައި ރައީސް ވިދާޅުވީ، ސަރުކާރުގެ އަމާޒަކީ ދުންފަތުގެ ސަބަބުން ޖެހޭ ގައިންގަޔަށް ނާރާ ބަލިތަކުން ރައްޔިތުން ސަލާމަތްކުރުން ކަމަށެވެ. އަދި އެއްވެސް ނިންމުމެއް ނިންމާނީ ގާނޫނީ އިމުގެ ތެރެއިން، ދިރާސާތަކުގެ އަލީގައި ކަމުގެ ޔަގީންކަން ރައީސް ދެއްވިއެވެ.
