މާލެ ސަރަޙައްދުން ހިމަބިހީގެ ކޭސްތަކެއް ފެނުމާ ގުޅިގެން، އެ ބަލީގެ ވެކްސިންގެ ދެ ޑޯޒް ފުރިހަމަނުކުރާ މީހުންނަށް އަމާޒުކޮށްގެން ހާއްސަ ވެކްސިން ކެމްޕޭނެއް ފެށުމަށް ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) ނިންމައިފިއެވެ.
މި ފިޔަވަޅަކީ ބަލި އިތުރަށް ފެތުރުނަ ނުދިނުމަށާއި، ބަލީގެ ސަބަބުން ފުރާނައަށް ލިބިދާނެ ގެއްލުންތަކުން ރައްކާތެރިވުމަށް އަޅާ ފިޔަވަޅެއް ކަމަށް އެ އިދާރާއިން މައުލޫމާތުދެއެވެ.
ދިވެހިރާއްޖެއަކީ 2017 ވަނަ އަހަރު ހިމަބިހި ނައްތާލެވިފައިވާ ޤައުމެއްގެ ގޮތުގައި ކަނޑައަޅާފައިވީ ނަމަވެސް، ފާއިތުވި 9 އަހަރުގެ ތެރޭގައި އެކި ދުވަސްވަރު މި ބަލީގެ ކޭސްތައް ވަނީ ފެނިފައެވެ. އެންމެ ފަހުން މި މެއި މަހުގެ 13 ވަނަ ދުވަހު މާލެ ސަރަޙައްދުން ބަލީގެ އަލާމާތްތައް ފެނިގެން ޕޮޒިޓިވްވި މީހުންނާއެކު، މިހާތަނަށް ޖުމްލަ 9 މީހަކު ވަނީ މި ބައްޔަށް ޕޮޒިޓިވްވެފައެވެ. އެޗްޕީއޭއިން މިހާރު ދަނީ ބަލިޖެހުނު މީހުންނާ ބައްދަލުވި ފަރާތްތައް ދެނެގަނެ، އެ މީހުން ޓެސްޓުކުރުމާއި ވެކްސިން ދިނުމުގެ މަސައްކަތް ކުރަމުންނެވެ.
ޕީއެސްއެމްގެ ޕްރޮގްރާމެއްގައި ވާހަކަދައްކަވަމުން އެޗްޕީއޭގެ ޕަބްލިކް ހެލްތު ޑިރެކްޓަރ ނާޝިޔާ ޢަބްދުލްގަފޫރު ވަނީ ބަލި ކޮންޓްރޯލް ކުރުމަށް ކުރަމުންދާ މަސައްކަތްތަކުގެ ތަފްސީލު ހިއްސާކުރައްވާފައެވެ. ނާޝިޔާ ފާހަގަކުރެއްވި ގޮތުގައި، ބަލިޖެހުނު މީހުންނާ ސީދާ ބައްދަލުވި ފަރާތްތަކަށް މިހާރުވެސް ވެކްސިން ދެމުންދާއިރު، ކުރިއަށް އޮތް ދުވަސްތަކުގައި އާންމުންގެ ތެރެއިން ވެކްސިން ފުރިހަމަނުކޮށް ތިބި މީހުންނަށް އެ ފުރުސަތު ހުޅުވާލާނެއެވެ. އަދި މި ކެމްޕޭނަށް ބޭނުންވާ ވެކްސިން ރާއްޖެއިން ބޭރުން ގެނައުމުގެ މަސައްކަތް މިހާރު ކުރިއަށްދާ ކަމަށްވެސް އޭނާ ބަޔާންކުރެއްވިއެވެ.
ސިއްޙީ މާހިރުން ވިދާޅުވާ ގޮތުގައި، ވެކްސިން ޖެހިކަމުގެ ޔަގީން ލިޔެކިޔުމެއް ނެތް ނަމަ އެންމެ ރައްކާތެރި ގޮތަކީ އަލުން ވެކްސިންގެ ދެ ޑޯޒް ފުރިހަމަކުރުމެވެ. މިއީ ހާއްސަކޮށް ދިފާއީ ނިޒާމު ބަލިކަށި މީހުންނާއި ދާއިމީ ބަލިތަކަށް ފަރުވާކުރާ މީހުންނަށް ބަލީގެ ނުރައްކާ ބޮޑުވުމުން އެޅުން މުހިއްމު ފިޔަވަޅެކެވެ. ހަށިގަނޑުގައި ރަތް ބިހިތަކެއް ނެގުމާއެކު ހުން އައުން ފަދަ އަލާމާތެއް ފެނިއްޖެނަމަ، މީހުން އެއްވެ އުޅޭ ތަންތަނަށް ނުދިއުމަށާއި، ޑޮކްޓަރަށް ދެއްކުމަށްދާއިރު މާސްކު އެޅުމަށް އެޗްޕީއޭއިން އިރުޝާދުދެއެވެ.
