ބައިނަލްއަގްވާމީ ފުޓްބޯޅަ މުބާރާތްތައް ރާއްޖޭގައި ބޭއްވުމުގެ ފުރުސަތުތައް ފަހިކޮށްދިނުމަކީ ސަރުކާރުގެ އަމާޒެއް ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
މި ދުވަހާ ގުޅިގެން ރައީސުލްޖުމްހޫރިއްޔާ ދެއްވި މެސެޖުގައި ވިދާޅުވީ، ފުޓްބޯޅައަކީ މުޅި ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ތިބި މީހުން އެއްބައިވަންތަކުރުވާ ރީތި ކުޅިވަރެއް ކަމަށެވެ. އަދި ރާއްޖޭގައި ކުޅިވަރު ކުރިއެރުވުމަށާއި ދުޅަހެޔޮ ދިރިއުޅުމަކަށް މަގުފަހިކޮށްދިނުމަށް މި ސަރުކާރުން ސާބިތުކަމާއެކު ދެމިއޮންނާނެ ކަމުގެ ޔަގީންކަން އެމަނިކުފާނު ދެއްވިއެވެ.
ރާއްޖޭގެ ފުޓްބޯޅައިގެ އިންފްރާސްޓްރަކްޗާ ވަރުގަދަކުރުމަށް ކުރެވޭ މަސައްކަތްތަކަށް އަލިއަޅުވާލައްވަމުން ރައީސް ވިދާޅުވީ، ފީފާ މިންގަނޑުތަކަށް ފެތޭ ފުޓްބޯޅަ ދަނޑުތައް ތަރައްގީކުރުމުގެ އިތުރުން، ކުޅިވަރުގެ ދާއިރާއިން މުހިންމު އިސްލާހީ ބަދަލުތަކެއް ގެންނަމުންދާ ކަމަށެވެ.
އެގޮތުން، ކުޅިވަރާ ބެހޭ ގާނޫނަށް އިސްލާހު ގެނެސް، ރާއްޖޭގެ އެކި ސަރަހައްދުތަކުގައި ކުޅިވަރު ތަރައްގީކުރުން ލާމަރުކަޒީ ކުރުމަށް ސަރުކާރުން މަސައްކަތް ކުރަމުންދާކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.
މީގެއިތުރުން، ބައިނަލްއަގްވާމީ ފުޓްބޯޅަ މުބާރާތްތައް ރާއްޖޭގައި ބޭއްވުމުގެ ފުރުސަތުތައް ފަހިކޮށްދިނުމަކީ ސަރުކާރުގެ ބޮޑު އަމާޒެއް ކަމަށް ރައީސް ވިދާޅުވިއެވެ. މީގެ ސަބަބުން ރާއްޖޭގެ ކުޅިވަރު ސަގާފަތް ވަރުގަދަވެ، ދިވެހި އެތުލީޓުންނަށް ބައިނަލްއަގްވާމީ މައިދާނުގައި އިތުރު ފުރުސަތުތަކާއި ތަޖުރިބާ ލިބިގެންދާނެ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
ރައީސުލްޖުމްހޫރިއްޔާގެ ހާއްސަ މެސެޖު ނިންމަވާލެއްވީ، ފުޓްބޯޅައިގެ ސަބަބުން ދިވެހި ރައްޔިތުންގެ މެދުގައި އޮންނަ އެއްބައިވަންތަކަމުގެ ރޫހަށް ތައުރީފު ކުރައްވަމުންނެވެ. އަދި މި ކުޅިވަރަކީ އަންނަން އޮތް ޖީލުތަކަށް ހިތްވަރު ލިބިދޭނެ ކަމެއްގެ ގޮތުގައި ސިފަކުރައްވައި، ހުރިހާ ފަރާތްތަކަށް އުފާވެރި ބައިނަލްއަގްވާމީ ފުޓްބޯޅަ ދުވަހަކަށް އެދިވަޑައިގެންފައެވެ.
