އައްޑޫ ސިޓީ ލިންކްރޯޑު ޒަމާނީ ފެންވަރަށް ތަރައްގީކޮށް އަލުން ހެދުމުގެ ބޮޑު މަޝްރޫއަށް ބޭނުންވާ ސާމާނު އެ ސިޓީއަށް ފޮނުވާފައިވާ ކަމަށާއި، މަގު ހެދުމުގެ ކުރިން ކުރަންޖެހޭ ސާވޭގެ މަސައްކަތްތައް މުޅިން ނިމިފައިވާ ކަމަށް ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އާރްޑީސީ) އިން ބުނެފިއެވެ.

އާރްޑީސީން ބުނީ ޑިޒައިން އެންޑް ބިލްޑް އުސޫލުން ކުރިއަށްގެންދާ މި މަޝްރޫއުގެ ސާވޭ ފޭސް މިހާރު ވަނީ އެއްކޮށް ނިމިފައިވާކަމަށާއި، އަދި މަގު ފުޅާކުރުމަށްޓަކައި ހަދަންޖެހޭ ބަންޑް ވޯލް (ގޮނޑުދޮށް ހިމާޔަތްކުރާ ފާރު) ގެ މަސައްކަތްތައް ވެސް މިހާރު ނިމިފައި ވާކަމަށެވެ.

މީގެ އިތުރުން، މަގު ފުޅާކުރުމަށް ހުރަސްއަޅާ ގަސްތައް ނަގައި، ސަރަހައްދު ސާފުކުރުމުގެ މަސައްކަތް ވެސް ކުންފުނިން ކުރަމުން އަންނަކަމަށް އާރްޑީސީން ވަނީ ބުނެފައެވެ.

މި މަޝްރޫއަކީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ހާއްސަ އިސްނެންގެވުމުގެ ދަށުން، އައްޑޫ ސިޓީގެ ދަތުރުފަތުރާއި އިގުތިސާދަށް ބޮޑު ބަދަލެއް ގެނައުމަށް ސަރުކާރުން ކުރިއަށްގެންދާ މުހިންމު މަޝްރޫއެކެވެ.

ދިވެހި ދައުލަތުގެ ބަޖެޓުން 829.8 މިލިއަން ރުފިޔާ ހަރަދުކޮށްގެން ހިންގާ މި ބޮޑު މަޝްރޫއު އާރްޑީސީއާ ހަވާލުކޮށްފައި ވަނީ 3 އަހަރާއި 11 މަސްދުވަހުގެ ތެރޭގައި ނިންމާ ގޮތަށެވެ.

މި މަޝްރޫއުގެ ދަށުން މިހާރު އޮތް ލިންކް ރޯޑުގެ 12.3 ކިލޯމީޓަރުގެ ސަރަހައްދެއް މުޅިން އަލުން ތަރައްގީ ކުރުމަށް ހަމަޖެހިފައި ވާއިރު، ގު ފުޅާކުރުމުގެ ގޮތުން 5.5 ކިލޯމީޓަރުގެ މުޅިން އާ ބައެއް އިތުރުކުރުމަށް ހަމަޖެހިފައިވާކަމަށް އާރްޑީސީން ވަނީ ބުނެފައެވެ. އަދި އައްޑޫ ސިޓީގެ އެކި ސަރަހައްދުތަކުގައި ސީޓީބީ (ސިމެންތި ބޭސް) އަޅާފައިވާ 67.58 ކިލޯމީޓަރުގެ މަގުގައި ތާރުއެޅުމަށާއި ދުވާރުތައް ހެދުމުގެ އިތުރުނ މަގުމަތީގެ ނިޝާންތަކާއި ބޯޑުތައް ހަރުކޮށް ރައްކާތެރިކަން އިތުރުކުރުމަށް ވެސް ހަމަޖެހިފައިވާކަމަށް އާރްޑީސީން ވަނީ ބުނެފައެވެ.