ސަރުކާރުގެ "ބޯހިޔާވަހިކަން އެންމެންނަށް" ސިޔާސަތުގެ ދަށުން މާލެ ސަރަހައްދުން ފުލެޓާއި ގޯއްޗަށް އެދި ފޯމު ހުށަހެޅުމަށް ދީފައިވާ މުއްދަތު މިނިސްޓްރީ އޮފް އިންފްރާސްޓްރަކްޗަރ، ހައުސިން އެންޑް އާބަން ޑިވެލޮޕްމަންޓުން އިތުރުކޮށްފިއެވެ.
އެ މިނިސްޓްރީން މިއަދު ކުރި އިއުލާނެއްގައި ބުނެފައިވަނީ، މާލެ ސަރަހައްދުގައި މިވަގުތު ކުރިއަށްގެންދާ ގިނަ ބޯހިޔާވަހިކަމުގެ ސްކީމުތަކަށް ފޯމު ހުށަހެޅުމުގެ މުއްދަތު ކުރިން މި މަހުގެ 31 ގެ ނިޔަލަށް ހަމަވާގޮތަށް އޮތް ނަމަވެސް، މިހާރު އެ މުއްދަތު ޖޫން 15 2026 ވާ ހޯމަ ދުވަހުގެ 23:59 އާ ހަމައަށް އިތުރުކޮށްފައިވާ ކަމަށެވެ.
މިނިސްޓްރީން ހާމަކުރި ގޮތުގައި މުއްދަތު އިތުރުކުރަން ނިންމީ އަންނަން އޮތް އަޟްޙާ އީދު ބަންދާ ގުޅިގެން ގިނަ ބަޔަކު ރަށުން ބޭރަށް ދިއުމާއި، ސަރުކާރު ބަންދުވުމުގެ ސަބަބުން ފޯމު ހުށަހެޅުމަށް ބޭނުންވާ ލިޔެކިއުންތައް ހޯދުމުގައި އާންމުންނަށް ދަތިތަކެއް ކުރިމަތިވަމުންދާތީ އެވެ. މިކަމާ ގުޅިގެން ގިނަ އަދަދެއްގެ ޝަކުވާ މިނިސްޓްރީއަށް ލިބެމުންދާކަން ފާހަގަކޮށްފައިވެއެވެ.
މީގެ އިތުރުން މިނިސްޓްރީންވަނީ ފޯމު ހުށަހެޅުމުގެ ކުރިން ފޯމު ފުރިހަމަކޮށްފައިވަނީ އެޕްލިކޭޝަން ހުށަހަޅަން އެދޭ ސީދާ ރަނގަޅު ސްކީމަށްތޯ ކަށަވަރުކުރަން އެދިފައެވެ. އަދި ހުރިހާ ލިޔެކިއުންތަކާ މައުލޫމާތުތައް ފުރިހަމައަށް އަދި ރަނގަޅަށް ހުރިތޯ ބެލުމަށާ ފޯމު ހުށަހެޅުމަށްފަހު، އެޕްލިކޭޝަން ކާމިޔާބުކަމާއެކު ހުށަހެޅިފައިވާކަން ޕޯޓަލް މެދުވެރިކޮށް ޔަގީންކުރުމަށް އެދިފައެވެ.
