"އަދަދު" ނޫހުގެ ދެ ނޫސްވެރިން ކަމަށްވާ މުހައްމަދު ޝަހުޒާނާއި ލީވާން އަލީ ނަސީރު ތިބި ޖަލު ގޮޅިން މޮބައިލް ފޯނެއް ފެނުނު މައްސަލަ ބަލަމުންދާ ކަމަށް ހޯމް މިނިސްޓަރު އަލީ އިހުސާން ވިދާޅުވެއްޖެއެވެ.

ކްރިމިނަލް ކޯޓުގެ އަމުރަކާ ހިލާފުވެގެން 'އަދަދު' ނޫހުގެ ދެ ނޫސްވެރިން ކަމަށްވާ މުހައްމަދު ޝަހްޒާން އާއި ލީވާން އަލީ ނާސިރުއަށް ވަނީ ޖަލު ހުކުމެއް އިއްވާފައެވެ. ޝަހުޒާން 15 ދުވަހަށް ޖަލަށް ލި އިރު ލީވާން ޖަލަށް ލާފައި ވަނީ 10 ދުވަހުގެ މުއްދަތަކަށެވެ.

ދެ ނޫސްވެރިން ވެސް ހުކުމް ތަންފީޒުކޮށް ނިމި، މިނިވަންވެފައިވާއިރު މިނިވަންވުމަށްފަހު ޝަހުޒާން މީޑިއާތަކަށް ދިން އިންޓަވިއުއެއްގައި ވަނީ، ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުއަށް ތުހުމަތުތަކެއް ކުރައްވާފައެވެ.

އެގޮތުން ލީވާން އެކުގައި އެއް ގޮޅިއެއްގައި ފުރަތަމަ ބޭއްތިބުމަށް ފަހު، ވަކިކޮށް އެކަހެރި ގޮޅިއަކަށްލީ ސީދާ ރައީސް ޑރ. މުހައްމަދު މުއިއްޒު އަންގަވައިގެން ކަމަށް ޝަހުޒާން ބުނެފައި ވެއެވެ. އޭނާގެ ގޮޅިއަށް ކޮންމެ ރެއަކު ޖަލު އޮފިސަރުން ދަގަނޑު މުގުރާއި މަރުތޭލަ ހިފައިގެން ވަދެ އެނދާއި ފާރުތަކުގައި ތެޅި ކަމަށާއި އެކަން ވެސް ކުރީ ބިރު ދެއްކުމުގެ މަގްސަދުގައި ކަމަށް އޭނާ ބުނެފައި ވެއެވެ.

ނަމަވެސް އެ ވާހަކަތައް ދޮގު ކުރައްވަމުން ހޯމް މިނިސްޓަރު އަލީ އިހުސާން މިއަދު ވިދާޅުވީ، 15 މެއި 2024 ވީ ދުވަހުގެ ރޭގަނޑު 19:35 ހާއިރު، އާންމު ފަރާތަކުން ލިބުނު މައުލޫމާތަކާ ގުޅިގެން ކަރެކްޝަންސްގެ އޮފިސަރުން ޝަހުޒާން އާއި ލީވާން ބަންދުކޮށްފައި ތިބި ގޮޅި ފާސްކޮށްފައިވާ ކަމަށެވެ. މި ދެ މީހުންގެ ހާޒިރުގައި އެ ގޮޅީގެ ކަބަޑުތެރޭގައި ހުރި އަންނައުނުތަކުގެ ތެރެއިން މޮބައިލް ފޯނެއް ފެނިފައިވާ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

މި ކަމާ ގުޅިގެން ޖަލުގައި އެހެން ގައިދީންނާ މެދުވެސް އަމަލުކުރާ އުސޫލުގެ ދަށުން، އެ ދެ މީހުން މޮނިޓަރު ކުރުމަށްޓަކައި ވަކި ދެ ގޮޅިއަކަށް ބަދަލުކުރެވުނު ކަމަށާއި، އޭގެ ފަހުންވެސް ގަވާއިދުން ވަކި ވަގުތުތަކެއްގައި އެ ގޮޅިތައް ފާސްކުރަމުން ގޮސްފައިވާ ކަމަށް މިނިސްޓަރު ސާފުކޮށްދެއްވިއެވެ.

"މި ކަންކަމަކީ ވަކި ގައިދީއަކަށް ނުވަތަ ވަކި ފަރާތަކުން އަންގައިގެން ކުރާ ކަންކަމެއް ނޫން. އަމުދުން ޖަލުގެ މިފަދަ ކަންކަމަކީ ރައީސުލްޖުމްހޫރިއްޔާ ގޮތް ނިންމަވާ ކަންކަމެއް ނޫން. އަދި އަޅުގަނޑުގެ ވަޒީރުކަމުގައި ރައީސް ޑރ. މުހައްމަދު މުއިއްޒު ދުވަހަކުވެސް ޖަލުގެ މިފަދަ ކަންކަމާ ގުޅޭގޮތުން އެއްވެސް އިރުޝާދެއް ދެއްވާފައެއް ނުވޭ،"
އިހުސާން

މީގެ އިތުރުން، ޝަހުޒާން އާއި ލީވާން ދެ ގޮޅިއަކަށް ބަދަލު ކުރި މައްސަލައިގައި ރާއްޖޭގެ ތަފާތު ތިން ނޫސްވެރިއަކު މީގެ ކުރިން މިނިސްޓަރަށް ގުޅައި، އެ ދެ މީހުން ވަކިކުރި ސަބަބު އޮޅުންފިލުވި ކަމަށް އިހުސާން ވިދާޅުވިއެވެ. އަދި އޭރު ނޫސްވެރިންނަށްވެސް ހަގީގަތް ކިޔައިދެއްވި ނަމަވެސް، އެއްވެސް ނޫސްވެރިއަކު އެ މައުލޫމާތު ރައްޔިތުންނަށް ސާފުކޮށްދީ ރިޕޯޓެއް ނުވަތަ ހަބަރެއް ލިޔެފައިވާތަން ފެނިވަޑައިނުގަންނަވާ ކަމަށް މިނިސްޓަރު ފާހަގަކުރެއްވިއެވެ. އެ މައުލޫމާތު އޭރު ހާމަކުރި ނަމަ، ޝަހުޒާން މިހާރު ހަދަނީ އިތުރުފުޅެއްކަން ރައްޔިތުންނަށް ސާފުވާނެ ކަމަށް ހޯމް މިނިސްޓަރު ވަނީ ވިދާޅުވެފައެވެ.

މިނިސްޓަރު ވިދާޅުވި ގޮތުގައި ޖަލަށް ވެއްދުން މަނާތަކެތި ގޮޅިން ފެނިފައިވާ މައްސަލަ ފުލުހުން އަންނަނީ ތަހުގީގު ކުރަމުންނެވެ.

ލީވާންގެ ގާނޫނީ ޓީމުން މީގެ ކުރިން ބުނެފައިވާ ގޮތުގައި ލީވާންގެ ސިއްހީ ފަރުވާއަށް ވެސް ކަރެކްޝަނަލް ސާވިސް އިން ހުރަސްއެޅި އެވެ. އޭނާއަކީ ހަމުގެ މައްސަލައެއް ހުންނަ މީހަކަށް ވާއިރު ޖަލަށްލީ ފަހުން އެ ހާލަތު ގޯސްވި ކަމަށް ބުނެފައި ވެއެވެ. މި ކަންކަމާ ގުޅޭ ތަހުގީގެއް ހިއުމަން ރައިޓްސް ކޮމިޝަންއިން ކުރިއަށް ގެންދެއެވެ.

"އަދަދު" ނޫހުން ނެރުނު ވީޑިއޯ ޑޮކިއުމެންޓްރީއާ ގުޅިގެން ކްރިމިނަލް ކޯޓުގެ ގާޒީ މުޒައްމިލް ނާސިރު ސޮއިކުރައްވައި ނެރުއްވި އަމުރުގައިވާ ގޮތުން ވީޑިއޯ ޑޮކިއުމަންޓްރީ މުޖުތަމައުގެ ތެރޭގައި ދައުރުކޮށް، އޭގެ ވާހަކަ ސީދާ ގޮތުންނާއި ނުސީދާ ގޮތުން ވިޔަސް ދެއްކުމާއި މައްސަލައިގެ ހަސްމަކާއި ނުވަތަ ކުށުގެ ޝިކާރައަކަށްވީ މީހާގެ އެއްވެސް ވާހަކައެއް ދައްކައި، މައްސަލައިގައި ހުށަހެޅިފައިވާ ލިޔުންތަކާއި ޝަރީއަތާ ގުޅުން ހުރި މައުލޫމާތު ފަތުރާ ނަމަ، މިފަދަ ކޮންމެ ކަމަކީ ކޯޓުގެ ހުރުމަތް ކެނޑުން ކަމުގައި ބެލިދާނެއެވެ.

މި މައްސަލައިގެ ތުހުމަތުގައި 'އަދަދު' ނޫހުގެ ސީއީއޯ ހުސައިން ފިޔާޒު މޫސާއާއި ހަސަން މުހައްމަދުގެ މައްޗަށް ވަނީ ދައުވާ އުފުލައިފައެވެ. ހަމަ އެހެންމެ މި މައްސަލައިގައި ތުހުމަތުގައި ފިޔާޒާއި ހަސަންގެ ޕާސްޕޯޓު ވެސް ވަނީ ހިފަަހައްޓާފަައެވެ.