އަދަދު ނޫހުން ދެއްކި ކޮންޓެންޓަކާ ގުޅިގެން ކްރިމިނަލް ކޯޓުން ނެރުނު ގެގް އޯޑަރު، މޯލްޑިވްސް ޖާނަލިސްޓް އެސޯސިއޭޝަން (އެމްޖޭއޭ) އަށް އިސްތިއުނާފު ނުކުރެވޭނެ ކަމަށް ބުނެ ހައިކޯޓުން ބޭރު ކޮށްލުމަށް ރަޖިސްޓްރާ ނިންމި ނިންމުން ގޯސްކަމަށް އެ ކޯޓުން ކަނޑައަޅައިފިއެވެ.

އެ މައްސަލަ ހައި ކޯޓުގައި އެންމެ ފުރަތަމަ އިސްތިއުނާފްކުރަން ހުށަހެޅީ މޯލްޑިވްސް ޖާނަލިސްޓް އެސޯސިއޭޝަން (އެމްޖޭއޭ)އިންނެވެ. ނަމަވެސް އެމްޖޭއޭއިން ހުށަހެޅި އެ މައްސަލަ އިސްތިއުނާފްކުރުމުގެ ހައިސިއްޔަތެއް ނެތް ކަމަށް ބުނެ ބޭރުކޮށްލުމާއެކު، އެ ނިންމުން މުރާޖައާ ކޮށްދިނުމަށް އެދި ނޫސްވެރިންގެ ޖަމިއްޔާއިން ވަނީ ހުށަހަޅާފައެވެ.

ހައިކޯޓުގެ އިސްފަނޑިޔާރު އަބްދުﷲ ޖަމީލް މޫސާ އަދި ދީބާނާޒް ފަހުމީ އަދި އިބްރާހީމް މާހިރު ހިމެނޭ ބެންޗަކުން އެ ނިންމުން ރިވިއު ކުރެެއްވުމަށް ފަހު، އެ މައްސަލަ ހައިކޯޓަށް ބަލައިގަންނަން ފެންނަ ކަމަށް، ފަނޑިޔާރުންގެ އަޣުލަބިއްޔަތުން މިއަދު ވަނީ ނިންމަވާފައެވެ.

މައްސަލަ ބަލައިގަންނަން ނުފެންނަ ކަމަށް ނިންމެވީ، ފަނޑިޔާރު ދީބާނާޒްއެވެ. އަނެއް ދެ ފަނޑިޔާރުން ނިންމެވީ މައްސަލަ ބަލައިގަންނާށެވެ.

އެގޮތުން މި މައްސަލަ ބެލި ފަނޑިޔާރުންގެ ބެންޗުގެ ރިޔާސަތުގައި އިންނެވި، ހައި ކޯޓުގެ އިސް ފަނޑިޔާރު އަބްދުالله ޖަމީލު މޫސާގެ ރައުޔުގައި ވިދާޅުވީ، ކްރިމިނަލް ކޯޓުގެ އަމުރުގެ ދަށުން މަނާކޮށްފައިވާ ކަންކަން އެއްވެސް ފަރާތަކުން ނުކުރުމަށް ނެރެފައިވާ އަމުރަކަށް ވާތީ، އެ އަމުރު އެންމެންގެ މައްޗަށް ރައްދުވާ ކަމަށެވެ. ހަމަ އެހެންމެ ރަޖިސްޓްރާގެ ނިންމުން ބިނާކޮށްފައި ހުރީ ރަނގަޅު އަސާސްތަކެއްގެ މައްޗަށް ނޫންކަން ފަނޑިޔާރުން ވަނީ ފާހަގަ ކުރައްވާފައެވެ.

"އަދަދު" ނޫހުން ނެރުނު ވީޑިއޯ ޑޮކިއުމެންޓްރީއާ ގުޅިގެން ކްރިމިނަލް ކޯޓުގެ ގާޒީ މުޒައްމިލް ނާސިރު ސޮއިކުރައްވައި ނެރުއްވި އަމުރުގައިވާ ގޮތުން ވީޑިއޯ ޑޮކިއުމަންޓްރީ މުޖުތަމައުގެ ތެރޭގައި ދައުރުކޮށް، އޭގެ ވާހަކަ ސީދާ ގޮތުންނާއި ނުސީދާ ގޮތުން ވިޔަސް ދެއްކުމާއި މައްސަލައިގެ ހަސްމަކާއި ނުވަތަ ކުށުގެ ޝިކާރައަކަށްވީ މީހާގެ އެއްވެސް ވާހަކައެއް ދައްކައި، މައްސަލައިގައި ހުށަހެޅިފައިވާ ލިޔުންތަކާއި ޝަރީއަތާ ގުޅުން ހުރި މައުލޫމާތު ފަތުރާ ނަމަ، މިފަދަ ކޮންމެ ކަމަކީ ކޯޓުގެ ހުރުމަތް ކެނޑުން ކަމުގައި ބެލިދާނެ ކަމަށެވެ.

ގެގް އޯޑަރާ ހިލާފުވީ ކަމަށް ބުނެ، 'އަދަދު' ނޫހުގެ ދެ ނޫސްވެރިން ކަމަށްވާ ލީވާން އަލީ ނަސީރާއި މުހައްމަދު ޝަހުޒާންވަނީ ކުރިން ޖަލަށްލާފައެވެ. ޖަލަށްލުމާ އެކު، އެއީ ޑިމޮކްރެޓިކް ވެރިކަމެއްގެ އަސާސްތަކަށް ދެވޭ ހަމަލާއެއް ކަމަށް ބުނެ، ޓްރާންސްޕޭރެންސީ މޯލްޑިވްސްއިންވަނީ އެކަން ކުށްވެރިކޮށްފައެވެ.

މި މައްސަލަ ރައްދުވި އެކަކު ކަމަށްވާ އަދަދުގެ ސީއީއޯ ހުސެން ފިޔާޒު މޫސާގެ ފަރާތުންވެސް މައްސަލަ ހައިކޯޓަށް ހުށަހަޅާފައި ވެއެވެ. އަދި އެ މައްސަލަ ވަނީ ބަލައިގެންފައެެވެ.