ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ މައްޗަށް ތުހުމަތުތަކެއް ކޮށް 'އަދަދު' ނޫހުން އާންމުކުރި ޑޮކިއުމެންޓްރީގައި އިންޓަވިއު ދިން ކަމަށް ތުހުމަތުކުރެވޭ އީޝާ އަޝްރަފްގެ މައްޗަށް ދައުލަތުން އުފުލާފައިވާ ގަޒުފުކުރުމުގެ ދައުވާގެ ޝަރީއަތް ކްރިމިނަލް ކޯޓުގައި މިއަދު ފަށައިފިއެވެ.
މިއަދު ހެނދުނު ކްރިމިނަލް ކޯޓުގައި ފެށި މި މައްސަލައިގެ އިބްތިދާއީ އަޑުއެހުން ކުރިއަށް ގެންގޮސްފައި ވަނީ ސިއްރު ކޮށްގެންނެވެ. އެހެންކަމުން މި އަޑުއެހުމަށް ވަނުމުގެ ފުރުސަތު މީޑިއާތަކަށް ދީފައެއް ނުވެއެވެ. މި މައްސަލަ ބައްލަވަނީ ގާޒީ އިބްރާހީމް ޒިހުނީއެވެ.
މި ސަރުކާރުގެ ސިޔާސީ މަގާމެއްގައި ކުރިން ހުރި އީޝާ ވަނީ ތަހުގީގު މަރުހަލާގައި ދިފާއުގައި ވާހަކަދައްކަން ފުލުހުން ފުރުސަތު ނުދޭ ކަމަށް ބުނެ ކަންބޮޑުވުން ފާޅުކޮށްފައެވެ.
މިދިޔަ އޭޕްރީލް މަހުގެ 28 ވަނަ ދުވަހު އަދަދު ނޫހުން ގެނެސްދިން މި ޑޮކިއުމެންޓްރީގެ މައްސަލައިގައި ފުލުހުން ވަނީ އެ ނޫސް ހިންގާ އޮފީހަށް ވަދެ ބަލައި ފާސްކޮށް، ގިނަ އަދަދެއްގެ އިލެކްޓްރޯނިކް ސާމާނު ވެސް ގެންގޮސްފައެވެ. އަދި މި މައްސަލައާ ގުޅިގެން އީޝާ އަޝްރަފްގެ އިތުރުން އަދަދު ނޫހުގެ ސީއީއޯ ހުސެއިން ފިޔާޒު މޫސާ އަދި މެނޭޖިން އެޑިޓަރު ހަސަން މުހައްމަދުގެ ޕާސްޕޯޓު ވެސް ވަނީ ހިފަހައްޓާފައެވެ.
މި ޑޮކިއުމެންޓްރީ ހެދުމުގައި ބައިވެރިވި ކަމުގެ ތުހުމަތުގައި މިދިޔަ މޭ މަހު ފިޔާޒާއި ހަސަންގެ މައްޗަށް ވެސް ވަނީ ގަޒުފުކުރުމުގެ ދައުވާ އުފުލާފައެވެ. މަސްދަރު ހިމާޔަތްކުރުމަށް ތަހުގީގުގައި ހަނު ތިބި އެ ދެ ނޫސްވެރިންގެ ޝަރީއަތް ވެސް ކޯޓުގައި ކުރިއަށް ގެންދަނީ ސިއްރުންނެވެ. މީގެ އިތުރުން ކޯޓުގެ ހުރުމަތް ކެނޑިކަމުގެ ތުހުމަތުގައި އަދަދު ނޫހުގެ ދެ ނޫސްވެރިއަކު މީގެ ކުރިން ވަނީ ޖަލަށްވެސް ލާފައެވެ.
މި މައްސަލައާ ގުޅިގެން ކްރިމިނަލް ކޯޓުން ވަނީ ޑޮކިއުމެންޓްރީގެ ވާހަކަ ދެއްކުން މަނާކުރާ 'ގެގް' އަމުރެއް ވެސް ނެރެފައެވެ. އާންމުކޮށް އެންމެންގެ މައްޗަށް ނެރުނު އެ އަމުރުގައި ވަނީ، "އަދަދު" ނޫހުން އާންމުކުރި ވީޑިއޯ ޑޮކިއުމެންޓްރީ މުޖުތަމައުގެ ތެރޭގައި ދައުރު ނުކުރުމަށާއި، ޑޮކިއުމެންޓްރީގައިވާ އެއްވެސް ވާހަކައެއް ސީދާ ގޮތުންނާއި ނުސީދާ ގޮތުން ވެސް ދެއްކުން ވަނީ މަނާކޮށްފައެވެ.
އަދި އެ ޑޮކިއުމެންޓްރީއާ ގުޅުވައި މައްސަލައިގެ ހަސްމަކާއި ނުވަތަ ކުށުގެ ޝިކާރައަކަށްވި މީހާގެ އެއްވެސް ވާހަކައެއް ނުދެއްކުމަށާއި، ޝަރީއަތަށް ހުށަހަޅާފައިވާ ލިޔުންތަކާއި ޝަރީއަތާ ގުޅުންހުރި މައުލޫމާތުތައް ނުފެތުރުމަށް ވެސް ކޯޓުގެ އަމުރުގައި ވަނީ ކަނޑައަޅާފައެވެ.
