ދިވެހިރާއްޖޭގެ ޕެންޝަނާބެހޭ ގާނޫނަށް 6 ވަނަ އިސްލާހު ގެނައުމުގެ ބިލު ރައީސް ޑރ މުހައްމަދު މުއިއްޒު މިއަދު ތަސްދީގުކުރައްވައިފިއެވެ.
ރައީސް އޮފީހުން ބުނީ މި ބިލަކީ، 2026 މޭ 14 ވަނަ ދުވަހު ބޭއްވި، ރައްޔިތުންގެ މަޖިލީހުގެ 2026 ވަނަ އަހަރުގެ ފުރަތަމަ ދައުރުގެ 19 ވަނަ ޖަލްސާއިން ފާސްކުރި ބިލެއްކަމަށެވެ.
އެގޮތުން މި ބިލުގައި އަސާސީ ޕެންޝަނުގެ އުސޫލުތައް މުރާޖާކޮށް ޕެންޝަން ފަންޑުގައިވާ ފައިސާ ބޭނުންކުރެވޭނެ ހާލަތްތަކާއި ޕެންޝަން އޮފީހާއި ޕެންޝަންގެ ނިޒާމު އިތުރަށް ހަރުދަނާކުރުމުގެ އުސޫލުތައް ވަނީ ތައާރަފުކޮށްފައެވެ.
މި ބިލު ތަސްދީގުކުރުމާއެކު އަމަލުކުރަން ފެށުނު މުހިންމު ބަދަލުތަކުގެ ތެރޭގައި ގެދޮރު އެޅުމާއި މަރާމާތުކުރުން ހިމެނޭއިރު ޕެންޝަން ފަންޑުގައިވާ ފައިސާ ކޮލެޓަރަލައިޒްކޮށްގެން (ރަހުނެއްގެ ގޮތުގައި ބޭނުންކޮށްގެން) ގެދޮރު އިމާރާތްކުރުމަށާއި މަރާމާތުކުރުމަށް ފުރުސަތު ލިބިގެންދާނެކަމަށް ރައީސްއޮފީހުން ވަނީ ބުނެފައެވެ.
މީގެއިތުރުން ހައްޖުގެ މާތް އަޅުކަން އަދާކުރުމަށް ޓަކައި ކުރިޔާލައި ޖާގަ ރިޒާވްކުރުމަށް ޕެންޝަން ފައިސާ ބޭނުންކުރެވޭނެކަމަށާއި، ފަރުވާ ކުރެވެން ނެތް ބޮޑެތި ބަލިތައް ތަހައްމަލުކުރާ ފަރާތްތަކަށް، އެ މީހުންގެ ޕެންޝަން ފަންޑުގައިވާ ފައިސާ ދޫކުރުމުގެ އުސޫލުތައް ކަނޑައެޅިގެންދާނެކަމަށް ވެސް ރައީސް އޮފީހުން ވަނީ ބުނެފައެވެ.
މީގެއިތުރުން އަސާސީ ޕެންޝަނުގެ ގޮތުގައި ލިބޭ މިންވަރަށް ވުރެ ބޮޑު އާމްދަނީއެއް އެހެން ގޮތްގޮތުން ލިބޭ ފަރާތްތަކަށް ދައުލަތުންދޭ އަސާސީ ޕެންޝަން ދޫނުކުރާ ގޮތަށް ހަމަޖެހިފައިވާކަމަށް ވެސް ރައީސް އޮފީހުން ވަނީ ބުނެފައެވެ.
މި ބިލު ސަރުކާރުގެ ގެޒެޓުގައި ޝާއިއުކުރުމާ ގުޅިގެން، މިއަދުން ފެށިގެން މި އިޞްލާޙުތަކަށް އަމަލުކުރަން ފެށޭނެއެވެ.
