ޕެންޝަން އޮފީސްގެ ޗީފް އޮޕަރޭޓިން އޮފިސަރު (ސީއޯއޯ) ގެ މަގާމުގައި ހުންނެވި މަރިޔަމް ޝިއުނާ މަގާމުގެ މަސްއޫލިއްޔަތުތަކުން ސަސްޕެންޑުކޮށްފިއެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި، ޕެންޝަން އޮފީހުގެ އިދާރީ މައްސަލައަކާ ގުޅިގެން ޝިއުނާ ސަސްޕެންޑުކޮށްފައި ވަނީ މީގެ ދުވަސްކޮޅެއް ކުރިންނެވެ. ނަމަވެސް، މި މައްސަލައާ ގުޅޭ އިތުރު އެއްވެސް ތަފްސީލެއް އަދި ހާމަކޮށްފައެއް ނުވެއެވެ.

މިކަމާ ގުޅިގެން ޕެންޝަން އޮފީހުން ބުނެފައި ވަނީ، އެ އޮފީހުގެ ވަކިވަކި މުވައްޒަފުންގެ އިދާރީ ކަންކަމާ ގުޅޭގޮތުން މީޑިއާތަކަށް މައުލޫމާތު ހިއްސާކުރުމަކީ އެ އޮފީހުގެ އުސޫލެއް ނޫން ކަމަށެވެ. އެހެންނަމަވެސް، އެ އޮފީހުން ރައްޔިތުންނަށް ފޯރުކޮށްދޭ އެންމެހައި ހިދުމަތްތައް އެއްވެސް މެދުކެނޑުމެއް ނެތި ފޯރުކޮށްދިނުމަށްޓަކައި އަޅަންޖެހޭ އެންމެހައި އިންތިޒާމްތައް ހަމަޖައްސާފައިވާ ކަމަށާއި، ހިދުމަތްތައް އާއްމު އުސޫލުން ކުރިއަށްދާ ކަމުގެ ޔަގީންކަން އެ އޮފީހުން ވަނީ ދީފައެވެ.

އިންޓަނޭޝަނަލް ޑިވެލޮޕްމަންޓުގެ ރޮނގުން މާސްޓާސް ޑިގްރީ ހާސިލްކުރައްވާފައިވާ ޝިއުނާ، ޕެންޝަން އޮފީހުގެ ކޯޕަރޭޓް އެފެއާޒު ޑިވިޝަންގެ އިސްވެރިއެއްގެ ގޮތުގައި އެ އޮފީހާ ގުޅިވަޑައިގެންނެވީ 2023 ވަނަ އަހަރުގެ ތެރޭގައެވެ.

ޕެންޝަން އޮފީހާ ގުޅިވަޑައިގަތުމުގެ ކުރިން ޝިއުނާ ވަނީ އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) ގެ ރައީސްކަމުގެ މަގާމާއި، މަދަނީ ޖަމިއްޔާއެއް ކަމަށްވާ ޓްރާންސްޕޭރެންސީ މޯލްޑިވްސްގެ އެގްޒެކެޓިވް ޑިރެކްޓަރުގެ މަގާމު ވެސް ފުރުއްވާފައެވެ.