ލްޑިވްސް ޕެންޝަން އެޑްމިނިސްޓްރޭޝަން އޮފީހުގެ ޗީފް އެގްޒެކެޓިވް އޮފިސަރ (ސީއީއޯ) ގެ މަގާމަށް ޔަޒްމީދު މުހައްމަދު އައްޔަން ކޮށްފިއެވެ.
ޕެންޝަން އޮފީހުން މައުލޫމާތު ދޭ ގޮތުގައި، ދިވެހިރާއްޖޭގެ ޕެންޝަނާބެހޭ ގާނޫނުގައި ބަޔާންކޮށްފައިވާ ގޮތުގެ މަތިން އެ އޮފީހުގެ ބޯޑުން ޔަޒްމީދު މި މަގާމަށް އައްޔަން ކޮށްފައި ވަނީ އަންނަ އާދިއްތަ ދުވަހުން ފެށިގެން، ފަސް އަހަރު ދުވަހުގެ މުއްދަތަކަށެވެ. މީގެ ކުރިން އެ މަގާމުގައި ހުންނެވި ސުޖާތާ ހިލްމީ ވަނީ މި އަހަރުގެ ފެބްރުއަރީ މަހުގެ ތެރޭގައި މަގާމުން އިސްތިއުފާ ދެއްވާފައެވެ.
އަލަށް އައްޔަންކުރެވުނު ޔަޒްމީދު މުހައްމަދަކީ ދައުލަތުގެ އެކިއެކި އިދާރާތަކުގައާއި ޕްރައިވެޓް ސެކްޓާގެ އިސް މަގާމުތަކުގައި 20 އަހަރަށްވުރެ ދިގު މުއްދަތަކަށް ހިދުމަތް ކުރައްވާފައިވާ، ތަޖުރިބާކާރު ބޭފުޅެކެވެ. އެގޮތުން ގަވަނަންސް، އޮޑިޓިން، އެންޓި-ކޮރަޕްޝަން، އެކައުންޓިން، ފައިނޭންސް އަދި ހިންގުމުގެ ދާއިރާއިން އޭނާ ވަނީ ގިނަގުނަ ތަޖުރިބާތަކެއް ހޯއްދަވާފައެވެ. ޔަޒްމީދު މީގެ ކުރިން ފުރުއްވާފައިވާ މުހިންމު މަގާމުތަކުގެ ތެރޭގައި ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) ގެ ނައިބު ރައީސް ކަމާއި، އެންޓި-ކޮރަޕްޝަން ކޮމިޝަން (އޭސީސީ) ގެ މެންބަރު ކަމުގެ އިތުރުން އޮޑިޓާ ޖެނެރަލްގެ އޮފީހުގެ އޮޑިޓް މެނޭޖަރުކަން ހިމެނެއެވެ.
ތައުލީމީ ގޮތުން ބަލާއިރު ޔަޒްމީދަކީ އެސޯސިއޭޝަން އޮފް ޗާޓާޑް ސެޓިފައިޑް އެކައުންޓެންޓްސް (އޭސީސީއޭ) ފުރިހަމަކުރައްވާފައިވާ ސެޓިފައިޑް ޗާޓާޑް އެކައުންޓެންޓެކެވެ. މީގެ އިތުރުން އޭނާ ވަނީ އޯޕަން ޔުނިވާސިޓީ މެލޭޝިޔާއިން މެނޭޖްމަންޓްގެ ދާއިރާއިން މާސްޓާސް ޑިގްރީ އަދި އިނގިރޭސިވިލާތުގެ އޮކްސްފޯޑް ބްރޫކްސް ޔުނިވާސިޓީން އެކައުންޓިން ދާއިރާއިން ފަސްޓް-ކްލާސް އޮނަރސް ޑިގްރީ ހާސިލުކުރައްވާފައެވެ.
ޕެންޝަން އޮފީހުގެ ބޯޑުން ހާމަކުރި ގޮތުގައި އެ ބޯޑުގެ މައިގަނޑު އަމާޒަކީ އަލަށް އައްޔަނުކުރެވުނު ސީއީއޯގެ ގާބިލު ލީޑާޝިޕްގެ ދަށުން، އޮފީހުގެ އިދާރީ ހިންގުމުގެ ނިޒާމު އިތުރަށް ފުރިހަމަކޮށް، ރާއްޖޭގައި ހަރުދަނާ އަދި ދެމެހެއްޓެނިވި ޕެންޝަން ނިޒާމެއް ގާއިމުކުރުމަށް ކުރެވެމުންދާ މަސައްކަތްތަކަށް އިތުރު ކުރިއެރުމާއި ހަލުވިކަމެއް ގެނައުމެވެ.
