އިޓަލީގެ ބޮޑުވަޒީރު ޖޯޖިއާ މެލޯނީއާއެކު އޮންނަ ގާތް ރަހުމަތްތެރިކަމުގެ ގުޅުމަށް ނިސްބަތްކޮށް އިންޓަނެޓުގައި މަޝްހޫރުވެފައިވާ "މެލޮޑީ" ޓްރެންޑަށް ބޮޅެއް އިތުރުކުރައްވަމުން، އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ މި ވަނީ މެލޯނީއަށް ""ޕާލޭސް މެލޮޑީ" ޓޮފީ ޕެކެޓެއް ހަދިޔާކުރައްވާފައެވެ.
އިންޓަނެޓުގައި "މެލޯޑީ" (Melody - Meloni + Modi) ގެ ނަމުން މަޝްހޫރުވެފައިވާ މި ސަކަރާތް ބޮޑުވަޒީރު މޯދީ ހަގީގަތަކަށް ހެއްދެވުމުން ގިނަ ބައެއްގެ ސަމާލުކަން ވަނީ މިކަމަށް ހުއްޓިފައެވެ. މި ހަދިޔާއަކީ އިންޓަނެޓުގައި މި ދެ ބޭފުޅުންގެ މެދުގައި އޮންނަ ގާތް ގުޅުމަށް ނިސްބަތްކޮށް ހަދާފައިވާ މަޖާ މީމްސްތަކާއި ދެބޭފުޅުންގެ ނަން އެއްކޮށްލުމުން އަންނަ 'މެލޮޑީ' މި ނަމަށް އިޝާރާތްކުރައްވައި ދެއްވި ސަމާސާ ހަދިޔާއެކެވެ.
ރޯމަށް ކުރެއްވި ރަސްމީ ދަތުރުފުޅެއްގައި ދެއްވި މި ހަދިޔާގެ ވީޑިއޯ މެލޯނީ ވަނީ ސޯޝަލް މީޑިއާގައި ހިއްސާކުރައްވާފައެވެ. އަދި މި ހަދިޔާއާ ގުޅިގެން މެލޯނީ ވަނީ އެކްސްގައި ބޮޑުވަޒީރު މޯދީއަށް ޝުކުރު އަދާކުރައްވައި ޕޯސްޓެއް ކުރައްވާފައެވެ. ވީޑިއޯއިން ފެންނަ ގޮތުގައި ދެ ބޭފުޅުން ވެސް ތިއްބެވީ މި މަޖާ އިންޓަނެޓް ޓްރެންޑާ މެދު ވަރަށް ބޮޑަށް ހިނިފުޅުވަޑުވައިފައެވެ.
ބޮޑުވަޒީރު މޯދީ ރޯމްއަށް ވަޑައިގަތުމުން މެލޯނީ ވަނީ އެމަނިކުފާނަށް ވަރަށް ހޫނު މަރުހަބާއެއް ދަންނަވާފައެވެ. އަދި ދެ ބޭފުޅުން އެކުގައި ރޭގަނޑުގެ ފަރިއްކޮޅަކަށްފަހު އިޓަލީގެ ތާރީހީ ބިނާއެއް ކަމަށްވާ ކޮލޯސިއަމްއަށް ޒިޔާރަތްކުރައްވައި، ދެ ގައުމުގެ ގުޅުން ބަދަހިކުރުމާ ބެހޭގޮތުން ފުޅާ ދާއިރާއެއްގައި މަޝްވަރާ ކުރެއްވިއެވެ.
މި ބައްދަލުވުމުގައި އިންޑިއާއާއި އިޓަލީއާ ދެމެދު އޮންނަ ގުޅުން "ސްޕެޝަލް ސްޓްރެޓީޖިކް ޕާޓްނަޝިޕް" އަކަށް މަތީ ފަންތިއަކަށް ޖައްސައި، 2029 ވަނަ އަހަރާ ހަމައަށް ދެ ގައުމުގެ ދެމެދުގައި ކުރެވޭ ވިޔަފާރީގެ މިންވަރު 20 ބިލިއަން ޔޫރޯއަށް އިތުރުކުރުމަށް ވަނީ އަމާޒު ހިފާފައެވެ.
މީގެ އިތުރުން، އިންޑިއާގެ ސަގާފަތަށް ލޯބިކުރާ އިޓަލީގެ ކުރެހުންތެރިއެއް ކަމަށްވާ ޖިއަމްޕައޮލޯ ޓޮމަސެޓީ ވަނީ އިންޑިއާގެ ތާރީހީ ރަށެއް ކަމަށްވާ ވަރާނަސީ (ކާޝީ) ސިފަކޮށްދޭ ރީތި ކުރެހުމެއް ބޮޑުވަޒީރު މޯދީއަށް ހަދިޔާކޮށްފައެވެ.
