ބައެއް ގައުމުތަކުގައި ހަލުވިކަމާއި އެކު މިހާރު ފެތުރެމުންދާ އެބޯލާ ރާއްޖެއަށް އައުމުގެ ފުރުސަތު ވަރަށް ކުޑަ ކަމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ)އިން ބުނެފިއެވެ.

ޑިމޮކްރެޓިކް ރިޕަބްލިކް އޮފް ކޮންގޯ އާއި ޔުގެންޑާގައި ފެތުރެމުންދާ މި ބަލިމަޑުކަމަކީ "ބައިނަލްއަގުވާމީ ގޮތުން ސަމާލުކަންދޭންޖެހޭ އާންމު ސިއްހަތުގެ ކުއްލި ނުރައްކަލެއް" ކަމަށް ކަނޑައަޅައި، މި ބަލި ބޯޑަރު ހުރަސްކޮށް އިތުރަށް ފެތުރުމުގެ ފުރުސަތު ބޮޑުކަމުގެ އިންޒާރު ޑަބްލިއުއެޗްއޯ އިން ވަނީ ދާދި ފަހުން ދީފަ އެވެ.

އެ ބަލިމަޑުކަން މިހާރު ވެސް ބައިނަލްއަގުވާމީ ފެންވަރުގައި ފެތުރެން ފަށާފައިވާކަން އެ ޖަމިއްޔާއިން ކަށަވަރުކޮށްދީފައިވީ ނަމަވެސް އެޗްޕީއޭއިން މިއަދު ބުނީ، އެބޯލާ ރާއްޖެއަށް އައުމުގެ ފުރުސަތު ވަރަށް ކުޑަ ކަމަށެވެ.

އެބަލިން ރައްކާތެރިކުރުމަށް އަޅަންޖެހޭ ފިޔަވަޅުތައް އެޅުމުގެ މަސައްކަތް ކަމާގުޅޭ މުއައްސަސާތަކާ ގުޅިގެން ކުރަމުންދިއުމުގެ އިތުރުން ބަލި ފެތުރެމުންދާ ގައުމުތަކަށް ދަތުރު ނުކުރުމަށްވެސް އެޗްޕީއޭއިން ވަނީ އިލްތިމާސްކޮށްފައެވެ.

ޔުގެންޑާގެ ކަމްޕާލާ އިން ބަލި ޖެހިފައިވާ ދެ މީހަކު ފެނިފައިވާއިރު، އޭގެ ތެރެއިން އެކަކު ވަނީ މަރުވެފަ އެވެ. މިކަމާ ގުޅިގެން، އަވަށްޓެރި ގައުމުތަކުން ކުއްލި ނުރައްކަލުގެ ހާލަތަށް އިޖާބަދޭ ނިޒާމުތައް ހަރަކާތްތެރިކުރުމަށާއި ބޯޑަރުތަކުގައި ސްކްރީން ކުރުން ވަރުގަދަކޮށް، ބަލިޖެހޭ މީހުން ވަގުތުން އެކަހެރިކުރުމަށް ޑަބްލިއުއެޗްއޯ އިން ވަނީ އިލްތިމާސްކޮށްފަ އެވެ.

އެބޯލާ ބައްޔަކީ، ބަލިޖެހިފައިވާ މީހެއްގެ ހަށިގަނޑުން ބޭރުވާ އެއްޗެއްގައި ނުވަތަ އެފަދަ ތަކެތި ހޭކިފައި ހުންނަ ތަކެތީގައި ބީހުމުގެ ސަބަބުން ފެތުރޭ ބައްޔެކެވެ. މި ބަލީގެ އަލާމާތްތަކުގެ ތެރޭގައި ހުން އައުން، ހޮޑުލުން، ބޭރަށް ހިންގުން އަދި ހަށިގަނޑުގެ އެތެރެއަށް ލޭ ފޭބުން ހިމެނޭއިރު މިއީ އިންސާނާގެ ފުރާނައަށް ވަރަށް ނުރައްކާތެރި ބައްޔެއްވެސް މެއެވެ.