ދައުލަތުގެ ދަރަނި އަދާކުރުމަކީ މިހާރުގެ ސަރުކާރުން އެންމެ ބޮޑު އިސްކަމެއް ދީގެން ކުރަމުން އަންނަ އެއް މަސައްކަތަށް ވާ އިރު އިންޑިއާ ސަރުކާރުން ނަގާފައިވާ ލޯނު ދައްކާ ނިންމުމަި އެ ގައުމާއެކު އޮތް ގުޅުން ރަނގަޅުވެ މުސްތަގްބަލުގައި ތަރައްގީގެ ގިނަ މަސައްކަތް ކުރެވޭނެ ކަމެއް ކަމަށް ރައީސް އޮފީހުގެ ތަރުޖަމާނު މުހައްމަދު ހުސައިން ޝަރީފް (މުންދު) ވިދާޅުވެއްޖެއެވެ.

ޕްރެސާ ވިތު ދަ ސްޕޯކްސްގައި ނޫސްވެރިއަކު ކުރި ސުވާލަކަށް ޖަވާބުދެއްވަމުން، ތަރުޖަމާނު ވަނީ ސަރުކާރުގެ މާލީ ސިޔާސަތުގެ ހަރުދަނާކަމުގެ މައްޗަށް އަލިއަޅުއްވާލައްވާފައެވެ. އޭނާ ފާހަގަކުރެއްވި ގޮތުގައި، އިގްތިސޯދީ ގޮތުން ދަތި ދަނޑިވަޅެއްގައިވެސް، އިތުރު ދަރަންޏެއް ނުނަގައި ބިލިއަނެއްހާ ޑޮލަރުގެ ދަރަނި ސަރުކާރުން ވަނީ ދައްކައި ހަލާސްކޮށްފައެވެ. މިއީ ދަރަނި ދެއްކުމުގައި ރާއްޖެއިން ޒިންމާދާރުކަމާއެކު އަމަލުކުރަމުންދާކަން ސާބިތުކޮށްދޭ ހެއްކެއް ކަމަށް ތަރުޖަމާނު ވިދާޅުވިއެވެ.

މިހާރު އިންޑިއާއަށް ދައްކަން އޮތް ދަރަނީގެ ބާކީ 50 މިލިއަން ޑޮލަރާ ގުލޭ ގޮތުން މައުލޫމާތު ދެއްވަމުން ތަރުޖަމާނު ވިދާޅުވީ، ސަރުކާރުން މިހާރު މަސައްކަތްކުރަނީ، ސެޕްޓެންބަރުގައި ބާކީ އޮތް 50 މިލިޔަން ދައްކަން ކަަމަށެވެ. ނިޔަތަކީ ދެއްކުން ކަމަށްވީ އިރު އެ ދެއްކީމާ، ލޯނު ދިން ފަރާތުން މި ސަރުކާރާ ދޭތެރޭ ދެކޭ ގޮތްވެސް ރަނގަޅުވާ ކަމަށާއި މުސްތަގްބަލުގައި ވެސް ޒިންމާދާރުކަމާއެކު އެފަރާތްތަކާއެކު ތަރައްގީގެ މަސައްކަތްތައް ކުރެވޭނެ ކަމަށް އޭނާ ވިދާޅުވިއެވެ.

މި ދަރަންޏަކީ ނިމިދިޔަ ސަރުކާރުން 2019 ވަނަ އަހަރުގެ ތެރޭގައި ތިން ފަހަރެއްގެ މަތިން އިންޑިއާ ސަރުކާރުގެ އެހީގައި ނަގާފައިވާ 150 މިލިއަން ޑޮލަރުގެ ލޯނެކެވެ. މި ފައިސާއަކީ އޭރު ދައުލަތުގެ ބަޖެޓު ސަޕޯޓުގެ ގޮތުގަ އާއި އެހެނިހެން ބޭނުންތަކަށް ނެގި ފައިސާކަމުގައި ވީ ނަމަވެސް، އެ ލޯނުތައް އަނބުރާ ދެއްކުމުގެ ބަދަލުގައި، އެކި ފަހަރު މަތިން އެ ލޯނުތައް ރޯލްއޯވާ ކުރަމުން ނުވަތަ ދައްކަންޖެހޭ މުއްދަތު ވަނީ ފަސްކޮށްފައެވެ.

އެއަށްފަހު މި ސަރުކާރުން ވެރިކަމާ ހަވާލުވި އިރު މިދިޔަ ސަރުކާރުން ވާރުތަވި ދަރަނި އަދާކުރުމަށް ގޮންޖެހުންތަކަކާ ކުރިމަތިވި ނަމަވެސް ދަރަނި ދައްކައި ރާއްޖޭގެ އިގްތިސޯދު ސަލާމަތްކުރުމަށް މަސައްކަތްތަކެއް ކޮށްފައިވާ ކަމަށް ސަރުކާރުން ބުނެފައި ވެއެވެ. އެގޮތުން އެ 150 މިލިއަން ޑޮލަރުގެ ތެރެއިން މިހާތަނަށް 100 މިލިއަން ޑޮލަރު ވަނީ ދައްކައި ނިންމާފައެވެ.

މީގެ ތެރެއިން އެންމެ ފުރަތަމަ 50 މިލިއަން ޑޮލަރު ދައްކާފައި ވަނީ، މި ސަރުކާރަށް މަހެއްހާ ދުވަސް ނުވަނީހެވެ. އޭގެ ފަހުން އިތުރު 50 މިލިއަން ޑޮލަރު ދައްކާފައިވާއިރު، މިހާރު ބާކީ އޮތީ ސެޕްޓެންބަރު މަހު ދައްކަންޖެހޭ 50 މިލިޔަން ޑޮލަރެވެ. މި ފައިސާ ދެއްކުމަށް ބޭނުންވާ ތައްޔާރީތައް މިހާރުވެސް އަންނަނީ ވަމުންނެވެ.