މިދިޔަ ތިން މަސްދުވަހުގެ ތެރޭގައި ސަރުކާރުގެ ތަފާތު 15 މިނިސްޓްރީއަކުން 205 ސިޔާސީ މުވައްޒަފުން ވަކިކޮށްފައިވާ ކަމަށް ސަރުކާރުގެ ތަރުޖަމާނު މުހައްމަދު ހުސައިން ޝަރީފް (މުންދު) ވިދާޅުވެއްޖެއެވެ.

ތަރުޖަމާނު ވިދާޅުވި ގޮތުގައި، ސަރުކާރުގެ ހަރަދުތައް ކުޑަކުރުމުގެ މަގުސަދުގައި ކުރިއަށްގެންދާ މި މަސައްކަތުގެ ދަށުން ވަކިކޮށްފައިވަނީ ހަތަރު މަގާމެއްގައި ތިބި މުވައްޒަފުން ކަމަށެވެ. އެއީ ސްޓޭޓް މިނިސްޓަރުން، ޑެޕިއުޓީ މިނިސްޓަރުން، ސީނިއާ ޕޮލިޓިކަލް ޑައިރެކްޓަރުން، ޕޮލިޓިކަލް ޑައިރެކްޓަރުންކަމަށް މުންދު ވަނީ ވިދާޅުވެފައެވެ.

މީގެ އިތުރުން މުންދު ވިދާޅުވީ މި މަސައްކަތް އަދި ނުނިމޭ ކަމަށާއި ކުރިއަށް އޮތް ތަނުގައިވެސް އިތުރު ސިޔާސީ މުވައްޒަފުން ވަކިކުރާނެ ކަމަށެވެ. އަދި އެސްއޯއީތައް"ރައިޓްސައިޒް" ކުރުމުގެ މަސައްކަތްވެސް ކުރިއަށްދާ ކަމަށާއި، އެ ތަފްސީލުތައް ފަހުން އާންމުކުރައްވާނެ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.

އިތުރަށް މުންދު ވިދާޅުވީ ހުރިހާ އެސްއޯއީތަކަކުން ވެސް ރައިޓްސައިޒްކޮށް ނިމޭއިރު މި ސަރުކާރުން މީހުން ވެއްދި އަދަދަށް ވުރެ ބޮޑު އަދަދެއް އުނިވެގެން ދާނެކަމަށެވެ.

މިއަދު ބާއްވަން ހަމަޖެއްސި ނޫސްވެރިންގެ ބައްދަލުވުން ކެންސަލްވުމާ ގުޅިގެން މި މައުލޫމާތު ދެއްވާފައިވަނީ ނޫސްވެރިންނާއެކު ބޭއްވި ނުރަސްމީ ބައްދަލުވުމެއްގައެވެ.