ނޫސްވެރިން ހައްޔަރުކުރުމާ ދެކޮޅަށް އަޑުއުފުލުމަށްޓަކައި މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ) އިސްވެ އޮވެ މާލޭގައި މިރޭ ބޮޑު މުޒާހަރާއެއް ކުރަމުން އެބަދެއެވެ.
މި މުޒާހަރާގައި އެންމެ އިސްކޮށް ހުންނެވީ ކުރީގެ ރައީސް މުހައްމަދު ނަޝީދެވެ. އެމަނިކުފާނާއެކު އެމްޑީޕީގެ އިސް ސަފުގެ ގިނަ ބޭފުޅުންނާއި އެޕާޓީގެ މެންބަރުން ބައިވެރިވެފައި ވެއެވެ. މުޒާހަރާގެ ބައިވެރިންގެ މައިގަނޑު ގޮވާލުމަކީ، ހައްޔަރުކޮށްފައިވާ ނޫސްވެރިން އެއްވެސް ޝަރުތަކާ ނުލައި ވަގުތުން މިނިވަންކުރުމަށެވެ. އަދި ހަމަ އެހެންމެ މި މުޒާހަރާގައި ވަނީ ޔާމީނަށް ތާއީދު ކުރާ ޕީއެންއެފްގެ މެންބަރުން ވެސް ބައިވެރިވެފައެވެ.
މިރޭ 9 ޖެހިއިރު ޗާންދަނީ މަގުގައި ހުންނަ އެމްޑީޕީގެ މައި ހަރުގެއިން ފެށި މި މުޒާހަރާގެ ބައިވެރިން، އެ މަގުން ހިނގާފައި ގޮސް ވަކި ހިސާބަކުން މިސްރާބު ޖެހީ އަލިކިލެގެފާނު މަގުން ރައީސުލްޖުމްހޫރިއްޔާގެ ގެކޮޅު، މުލީއާގެއާ ދިމާއަށް ދިއުމަށެވެ. ނަމަވެސް، މުޒާހަރާގެ ބައިވެރިން އެ ސަރަހައްދަށް ދިޔަނުދީ ފުލުހުން ވަނީ ބާރުގެ ބޭނުންކޮށް ހުރަސްއަޅާފައެވެ.
މި ހަމަނުޖެހުންތަކުގެ ތެރޭގައި، މުޒާހަރާ ކަވަރުކުރަމުންދިޔަ ނޫސްވެރިންނަށްވެސް ފުލުހުން ވަނީ ހުރަސްއަޅާފައެވެ. އެގޮތުން، މުޒާހަރާގެ މަންޒަރުތައް ސާފުކޮށް ފެންނަ ހިސާބުން ނޫސްވެރިން ފަހަތަށް ޖައްސައި، އެ ސަރަހައްދު ފުލުހުން ވަނީ ބަންދުކޮށްފައެވެ. މި މުޒާހަރާގެ ވަކި ހިސާބަކުން ވަނީ ހައްޔަރުކޮށްފައިވާ ދެ ނޫސްވެރިން ކަމަށްވާ ޝަހުޒާން އާއި ލީވާންގެ އާއިލާގެ މެންބަރުން ވެސް ބައިވެރިވެފައެވެ.
މި މުޒާހަރާ ކުރިއަށް ގެންގޮސްފައި ވަނީ ކޯޓުގެ ހުރުމަތް ކަނޑާލި ކަމުގެ ކުށުގައި 'އަދަދު' ނޫހުގެ ނޫސްވެރިޔާ މުހައްމަދު ޝަހުޒާން 15 ދުވަހަށް، އަދި ލީވާން އަލީ ނަސީރު 10 ދުވަހަށް ޖަލަށްލުމަށް ކްރިމިނަލް ކޯޓުން އިއްޔެ ކުރި ހުކުމާ ދެކޮޅަށް އަޑުއުފުލުމަށެވެ.
މި ދެ ނޫސްވެރިންނަށް ފިޔަވަޅު އަޅާފައިވަނީ މާޗް މަހުގެ 28 ވަނަ ދުވަހު އެ ނޫހުން ގެނެސްދިން ޑޮކިއުމެންޓްރީއަކާ ގުޅިގެން ކޯޓުން ނެރެފައިވާ 'ގެގް އޯޑަރު' ނުވަތަ އެ މައްސަލައާ ގުޅޭގޮތުން އެއްވެސް މިންވަރަކަށް ވާހަކަދެއްކުން މަނާކުރާ އަމުރާ ހިލާފުވި ކަމަށް ބުނެއެވެ.
މީގެ ތެރެއިން ޝަހުޒާނަށް ފިޔަވަޅު އެޅީ ރައީސް ޑރ. މުހައްމަދު މުއިއްޒު ބޭއްވެވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އެކަމާ ގުޅޭގޮތުން ސުވާލު ކުރުމުންނެވެ. އެ ސުވާލާ ގުޅިގެން އޭނާ ވަނީ ނޫސްވެރިންގެ ބައްދަލުވުމުން ނެރެފައެވެ. އަދި އޭގެ ފަހުން ރައީސް އޮފީހުން ބާއްވާ އެއްވެސް ނޫސްވެރިންގެ ބައްދަލުވުމަކަށް 'އަދަދު' ނޫހަށް ނުވަދެވޭނެ ގޮތަށް ވަނީ މަނާކޮށްފައެވެ.
މީގެ އިތުރުން އެ ނޫހުގެ ސީއީއޯ ހުސައިން ފިޔާޒް މޫސާ އާއި އެޑިޓަރު ހަސަން މުހައްމަދު ރާއްޖެއިން ފުރައިގެން ދިއުން މަނާކޮށް، ދަނީ ޝަރީއަތް ހިންގަމުންދާއިރު ނުސްވެރިން ޖަލަށް ލުމާ ދެކޮޅަށް އިދިކޮޅު އެކި ފަރާތްތަކުންނާއި ގިނަ އަދަދެއްގެ އާންމުން ވެސް ދަނީ އަޑު އުފުލަމުންނެވެ.
