ވެރިކަންކުރާ ޕީއެންސީގެ ޓިކެޓުގައި މާލެ ސިޓީގެ އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީ (ޑަބްލިއުޑީސީ) ގެ ރައީސާ ކަމަށް ވާދަކުރެއްވި އާޝިޔަތު އަލައިކާ އަދުނާނު، ފަތުރުވެރިކަމާއި މަދަނީ އުދުހުންތަކާ ބެހޭ މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ކަމަށް އައްޔަން ކުރައްވައިފިއެވެ.

މިދިޔަ އެޕްރީލް މަހުގެ 4 ވަނަ ދުވަހު ބޭއްވި ވާދަވެރި އިންތިހާބުގައި އަލައިކާގެ މައްޗަށް ކުރިހޯއްދެވީ އިދިކޮޅު އެމްޑީޕީގެ ކެންޑިޑޭޓު އައިޝަތު ރީޝާއެވެ. އިންތިހާބުގެ ނާކާމިޔާބީއަށްފަހު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި އަލައިކާ ވިދާޅުވެފައިވަނީ، އިންތިހާބުގައި ވާދަކުރެއްވީ ހަމައެކަނި މަޤާމެއް ހޯއްދެވުމުގެ ބޭނުމުގައި ނޫން ކަމަށެވެ. އަދި މިއީ އޭނާގެ ސިޔާސީ ހަޔާތުގެ ނިމުން ނޫން ކަމަށާއި، މިއީ އާ ފެށުމެއް ކަމަށް ވެސް އޭނާ ފާހަގަކުރެއްވިއެވެ.

ސަރުކާރުގެ އިސް މަގާމަކަށް އަލައިކާ އައްޔަންކުރައްވާފައި މިވަނީ، ލޯކަލް ކައުންސިލްތަކާއި ޑަބްލިއުޑީސީ އިންތިހާބަށްފަހު ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރަށް ބޮޑެތި ބަދަލުތަކެއް ގެންނަވަމުންދާ ދަނޑިވަޅެއްގައެވެ.

ސަރުކާރުގެ މިނިސްޓްރީތަކުގެ އިތުރުން، ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ އިސް މެނޭޖްމަންޓަށް ބަދަލު ގެންނެވުމާއި، ކުންފުނިތަކުގެ މުވައްޒަފުންގެ އަދަދު 33 އިންސައްތަ މަދުކުރުމަށް އަންގަވައި، ހަރަދު ކުޑަކުރުމުގެ ފިޔަވަޅުތަކެއް މިހާރު ސަރުކާރުން ދަނީ އަޅަމުންނެވެ.