"އަދަދު" ނޫހުން އާންމުކުރި ވީޑިއޯ ޑޮކިއުމެންޓްރީ މުޖުތަމައުގެ ތެރޭގައި ދައުރު ނުކުރުމަށާއި ޑޮކިއުމެންޓްރީގައިވާ އެއްވެސް ވާހަކައެއް ސީދާ ގޮތުންނާއި ނުސީދާ ގޮތުން ނުދެއްކުމަށް ނެރެފައިވާ ކޯޓު އަމުރާ ހިލާފްވި ކަމަށް ބުނެ މިއަދު ރައީސް އޮފީހުގައި ކުރިއަށް ގެންދިޔަ ނޫސްވެރިންގެ ބައްދަލުވުމުން އަދަދު ނޫހުގެ ނޫސްވެރިޔާ ބޭރުކޮށްފިއެވެ.
ރައީސުލްޖުމްހޫރިއާޔާ ޑރ، މުހައްމަދު މުއިއްޒު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މިއަދު އަދަދު ނޫހުގެ ނޫސްވެރިޔާ މުހައްމަދު ޝަހްޒާން ވަނީ އެ ނޫޙުން ތައްޔާރު ކުރި ޑޮކިއުމަންޓަރީއާ ގުޅޭ ސުވާލުތަކެއް ރައީސް އާ ކުރައްވާފައެވެ. ކޮންމެ ނޫސްވެރިއަކަށް ދެ ސުވާލު ކުރުމުގެ ފުރުސަތު ދީފައިވާއިރު ޝަހުޒާންގެ ފުރަތަމަ ސުވާލުވެސް އަމާޒު ކޮށްފައިވަނީ ޑޮކިއުމަންޓްރީއާ ގުޅޭ ގޮތުންނެވެ.
އެ ސުވާލު ކުރުމާއެކީ ރައީސް ވިދާޅުވީ، އެ މައްސަލައާ ގުޅިގެން ކޯޓުން ނެރެފައިވާ އަމުރާ ނޫސްވެރިޔާ ހިލާފް ވެފައިވާ ކަމަށެވެ. ކަނޑައެޅިގެން ޝަހުޒާން ކުރީ ދޮގު ތުހުމަތުތަކެއް ކަމަށާއި އެއީ އެއްވެސް ގޮތަކަށް ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށް ރައީސް ވިދާޅުވިއެވެ. ކޯޓު އަމުރާ ހިލާފްވެފައިވާތީ އެ މާލަމުން ނުކުތުމަށާއި އެ މާލަމުގައި ކޯޓު އަމުރާ ހިލާފަު ނުވެވޭނެ ކަމަށް ރައީސް ވިދާޅުވިއެވެ.
އެއާއެކު ޝަހްޒާން އޭނާގެ ދެވަނަ ސުވާލު ކުރަން ފެށި ނަމަވެސް މައިކްގެ އަޑު ކަނޑާޅުމަށްފަހު އޭނާ ވަނީ އެ މާލަމުން ނެރެފައެވެ.
ކްރިމިނަލް ކޯޓުން ނެރުނު އަމުރުގައި އަންގާފައިވާ ކަންކަމުގެ ތެރޭގައި ހިމެނެނީ، "އަދަދު" ނޫހުން އާންމުކުރި ވީޑިއޯ ޑޮކިއުމެންޓްރީ މުޖުތަމައުގެ ތެރޭގައި ދައުރު ނުކުރުމަށާއި ޑޮކިއުމެންޓްރީގައިވާ އެއްވެސް ވާހަކައެއް ސީދާ ގޮތުންނާއި ނުސީދާ ގޮތުން ވެސް ނުދެއްކުމަށެވެ. އަދި ހަމަ އެހެންމެ ޑޮކިއުމެންޓްރީއާ ގުޅުވައި މައްސަލައިގެ ހަސްމަކާއި ނުވަތަ ކުށުގެ ޝިކާރައަކަށް ވާ މީހާގެ އެއްވެސް ވާހަކައެއް ނުދެއްކުމަށާއި މައްސަލައިގައި ހުށަހަޅާފައިވާ ލިޔުންތަކާއި ޝަރީއަތާ ގުޅުންހުރި މައުލޫމާތުތައް ނުފެތުރުމަށެވެ.
އަދި މިއިން ކޮންމެ ކަމަކީ ކޯޓުގެ ހުރުމަތް ކެނޑުން ިކަމުގައި ބެލެވޭނެ ކަމަށް ވެސް އަމުރުގައި ވަނީ ބުނެފައެވެ. ކްރިމިނަލް ކޯޓުން މި އަމުރު ނެރެފައިވަނީ އަދަދު ނޫހުގެ ސީއީއޯ ހުސައިން ފިޔާޒު މޫސާ އާއި އެޑިޓަރު ހަސަން މުހައްމަދުގެ މައްޗަށް ގާނޫނުލްއުގޫބާތުގެ 612 ވަނަ މާއްދާގެ ތަށުން ގަޒުފުކުރުމުގެ ދައުވާ އުފުލައި، އެ މައްސަލަ ކޯޓުން ބަލަމުންދިއުމާ ގުޅިގެންނެވެ.
