ސިޔާސީ ހަރަކާތްތައް ހިންގުމުގައި ކްރިމިނަލް ކޯޓުން ނެރެފައިވާ އަމުރެއްގެ ހުދޫދުގެ ތެރެއިން އަމަލުކުރުމަށް އިލެކްޝަންސް ކޮމިޝަނުން ހުރިހާ ސިޔާސީ ޕާޓީތަކަށް އަންގައިފި އެވެ.

އީސީން މިފަދަ އެންގުމެއް އަންގާފައި ވަނީ "އައިޝާ" ވީޑިއޯ ޑޮކިއުމެންޓްރީއާ ގުޅޭ އެއްވެސް ވާހަކައެއް ނުފެތުރުމަށް ކްރިމިނަލް ކޯޓުން މިއަދު ނެރުނު އަމުރާ ގުޅިގެންނެވެ.

އެގޮތުން އިލެކްޝަންސް ކޮމިޝަނުން މިއަދު ސިޔާސީ ޕާޓީތަކަށް ފޮނުވި އީމެއިލެއްގައި ބުނެފައިވަނީ ކްރިމިނަލް ކޯޓުން ނެރެފައިވާ އަމުރާ ހިލާފުވުމަކީ ކޯޓުގެ ހުރުމަތް ކެނޑުމުގެ އަމަލެއް ކަމަށް ބެލެވޭނޭކަމަށް ކޯޓު އަމުރުގައި ބަޔާންކޮށްފައިވާކަމަށާއި، އެކަމަށް ހުރިހައި ސިޔާސީ ޕާޓީތަކުން ސަމާލުވުމަށް އެދިފަ އެވެ.

އާންމުކޮށް އެންމެންގެ މައްޗަށް ކްރިމިނަލް ކޯޓުން ނެރުނު އަމުރުގައި އަންގާފައިވާ ކަންކަމުގެ ތެރޭގައި ހިމެނެނީ، "އަދަދު" ނޫހުން އާންމުކުރި ވީޑިއޯ ޑޮކިއުމެންޓްރީ މުޖުތަމައުގެ ތެރޭގައި ދައުރު ނުކުރުމަށާއި ޑޮކިއުމެންޓްރީގައިވާ އެއްވެސް ވާހަކައެއް ސީދާ ގޮތުންނާއި ނުސީދާ ގޮތުން ވެސް ނުދެއްކުމަށެވެ. އަދި ހަމަ އެހެންމެ ޑޮކިއުމެންޓްރީއާ ގުޅުވައި މައްސަލައިގެ ހަސްމަކާއި ނުވަތަ ކުށުގެ ޝިކާރައަކަށް މީހާގެ އެއްވެސް ވާހަކައެއް ނުދެއްކުމަށާއި މައްސަލައިގައި ހުށަހަޅާފައިވާ ލިޔުންތަކާއި ޝަރީއަތާ ގުޅުންހުރި މައުލޫމާތުތައް ނުފެތުރުމަށްވެސް ވަނީ އަންގާފައެވެ.

އަދި މިއިން ކޮންމެ ކަމަކީ ކޯޓުގެ ހުރުމަތް ކެނޑުން ކަމުގައި ބެލެވޭނެ ކަމަށް ވެސް އަމުރުގައި ވަނީ ބުނެފައެވެ. ކްރިމިނަލް ކޯޓުން މި އަމުރު ނެރެފައިވަނީ އަދަދު ނޫހުގެ ސީއީއޯ ސައިން ފިޔާޒު މޫސާ އާއި އެޑިޓަރު ހަސަން މުހައްމަދުގެ މައްޗަށް ގާނޫނުލްއުގޫބާތުގެ 612 ވަނަ މާއްދާގެ ތަށުން ގަޒުފުކުރުމުގެ ދައުވާ އުފުލައި، އެ މައްސަލަ ކޯޓުން ބަލަމުންދިއުމާ ގުޅިގެންނެވެ.

ކޯޓު އަމުރުގައިވާ ގޮތުން، އަދަދު ނޫހުން އާންމުކުރި އައިޝާ ޑޮކިއުމެންޓަރީ މުޖުތަމައުގެ ތެރޭގައި ދައުރުކުރުން ވަނީ މުޅިން މަނާކޮށްފައެވެ. މީގެ އިތުރުން އެ ވީޑިއޯގައި ހިމެނޭ ވާހަކަތައް އެއްވެސް ފަރާތަކުން ސީދާގޮތުންނާއި ނުސީދާގޮތުން ދެއްކުމަކީ ވެސް މަނާކަމެއްގެ ގޮތުގައި ވަނީ ކަނޑައަޅާފައެވެ. އަދި މި މައްސަލައިގެ ހަސްމުންނާއި ކުށުގެ ޝިކާރައަށްވީ ފަރާތާ ގުޅުވައިގެން އެއްވެސް ވާހަކައެއް ދެއްކުމާއި، މައްސަލައާ ގުޅޭ އެއްވެސް ލިޔެކިޔުމެއް ނުވަތަ މައުލޫމާތެއް އެއްވެސް ސިފައެއްގައި ފެތުރުމަކީ ކޯޓު އަމުރާ ހިލާފުވުން ކަމަށް ވެސް ބަޔާންކޮށްފައި ވެ އެވެ.

ގަޒުފުގެ ތުހުމަތުގައި ފިޔާޒާއި ހަސަން ވެސް ފުލުހަށް ހާޒިރުކޮށްފައިވެ އެވެ. ނަމަވެސް، އެ ދެ ބޭފުޅުން ވެސް ތަހުގީގު މަރުހަލާގައި ހިޔާރު ކުރީ ހަނު ހުރުމަށެވެ.

މި މައްސަލަ އުފެދުނު އައިޝާ ޑޮކިއުމެންޓަރީ އަދަދު ނޫހުން އާންމުކުރީ މިއަހަރުގެ މާޗު މަހުގެ 28 ވަނަ ދުވަހުއެވެ. އެ ޑޮކިއުމެންޓަރީގައި އިންޓަވިއުދިން އަންހެން މީހާ ވަނީ ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރު މުހައްމަދު މުއިއްޒުގެ މައްޗަށް ސީރިއަސް ތުހުމަތުތަކެއް ކޮށްފައެވެ.

މި ތަހުގީގާ ގުޅިގެން ފުލުހުން ވަނީ ކޯޓު އަމުރެއްގެ ދަށުން އަދަދު ނޫހުގެ އޮފީސް ބަލައިފާސްކޮށް، އެތަނުގެ ބައެއް އިލެކްޓްރޯނިކް ސާމާނު ހިފަހައްޓާފައެވެ. މީގެ އިތުރުން، އީޝާ އަޝްރަފްގެ އިތުރުން އަދަދު ނޫހުގެ ޗީފް އެގްޒެކެޓިވް އޮފިސާ ހުސައިން ފިޔާޒް މޫސާއާއި އެޑިޓާ ހަސަން މުހައްމަދުގެ ޕާސްޕޯޓު ވެސް ހިފަހައްޓާފައެވެ.