ރާއްޖޭގެ ދެކުނުގެ އަތޮޅުތަކަށް މި އަހަރުގެ ހުޅަނގު މޫސުން މެއި މަހުގެ 8ވަނަ ދުވަހު ފެށިފައިވާކަމަށް މެޓް އޮފީހުން ބުނެފިއެވެ.
މެޓް އޮފީހުން ބުނީ ރާއްޖޭގައި އޮންނަ ދެ މޫސުމުގެ ތެރެއިން އިރުވާ މޫސުމަކީ މީލާދީ ގޮތުން ބަލާއިރު ގާތްގަނޑަކަށް ޖެނުއަރީ މަހުން ފެށިގެން މާޗުމަހުގެ ނިޔަލަށްކަމަށެވެ. އަދި ހުޅަނގު މޫސުމަކީ ގާތްގަނޑަކަށް މޭމަހުން ފެށިގެން ނޮވެމްބަރު މަހުގެ ނިޔަލަށް ކަމަށެވެ.
ހުޅަނގު މޫސުމުގެ އަސަރުތައް އާންމު ގޮތެއްގައި މެއި މަހުގެ ފުރަތަމަ ނުވަތަ ދެވަނަ ހަފްތާގެ ތެރޭގައި ދެކުނުގެ އަތޮޅުތަކަށް ފެށޭކަން ފާހަގަކުރަމުން މެޓުން ބުނީ އެއަށްފަހު މި މޫސުމުގެ އަސަރު މެދު ރާއްޖެތެރެއަށް ފޯރާ މޭމަސް ނިމުމުގެ ކުރިން މުޅި ރާއްޖެއަށް ހުޅަނގު މޫސުން ފެށިގެން ދާކަމަށެވެ.
ހުޅަނގު މޫސުން ފެށުނުކަމަށް ބަލާ މިންގަނޑު ހާމަކުރަމުން މެޓުން ބުނީ މެއި މަހު 1ގެ ފަހުން ދެކުނުގެ އަތޮޅުތަކަށް މަދުވެގެން 60 އިންސައްތަ ސްޓޭޝަނުން 2.5 މިލިލީޓަރު ނުވަތަ އިތުރަށް ދުވާލެއްގެ މައްޗަށް ވާރޭ ވެހުން ކަމަށެވެ.
އަދި 60 އިންސައްތަ ސްޓޭޝަނުގައި ވައިގެ މިސްރާބު ހުޅަނގު ދެކުނާއި ހުޅަނގާ ދެމެދު ހުރެފައި، ގަޑިއަކު 10 ނޯޓިކަލް މޭލަށްވުރެ ބާރު މިނުގައި ވައި ހުރުން ކަމަށް މެޓުން ވަނީ ބުނެފައެވެ. މެޓުން ބުނީ މި ދެ ހާލަތު ވިދިވިދިގެން 2 ދުވަހަށް ނުވަތަ އިތުރަށް ދެމިގެން ދާނަމަ ހުޅަނގު މޫސުން ފެށުނީ ކަމަށެވެ.
މެޓް އޮފީހުން ވަނީ ގަޑިއަކު 22 މޭލާ 27 މޭލާ ދެމެދުގެ ބާރުމިނުގައި ވައި ޖެހި ކަނޑުތައް ގަދަވާނެކަމަށް ލަފާކޮށް ފުވައްމުލަކު ސިޓީން އައްޑޫ ސިޓީއަށް މިއަދު 16:30 އިން 21:30 އަށް ހުދު ސަމާލު ވެސް ނެރެފައެވެ.
