ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) ގެ ރުފިޔާ ކާޑުތަކުން ރާއްޖެއިން ބޭރުގެ އީކޮމާސް އަދި އޮންލައިން ރީޓެއިލް ސައިޓްތަކުން މުއާމަލާތް ކުރެވޭ އުސޫލަށް ގެނައި ބަދަލަކީ ސަރުކާރާ އެއްވެސް ގުޅުމެއް އޮވެގެން ނިންމި ނިންމުމެއް ނޫން ކަމަށް ސަރުކާރުގެ އިސް ތަރުޖަމާނު މުހައްމަދު ހުސައިން ޝަރީފް ވިދާޅުވެއްޖެއެވެ.

"ޕްރެސާ ވިތު ދަ ސްޕޯކްސް" ގެ ނަމުގައި ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަދައްކަވަމުން ތަރުޖަމާނު ވިދާޅުވީ، ބީއެމްއެލް އިން ކާޑުތަކުގެ ލިމިޓަށް ގެނައި ބަދަލަކީ ބޭންކުގެ އަމިއްލަ ނިންމުމެއް ކަމަށެވެ. އަދި މުޅި ރާއްޖެއަށް ބޭނުންވާ ކާބޯތަކެއްޗާއި، ބޭހާއި، ތެލުގެ އިތުރުން ރާއްޖެއިން ބޭރުގައި ކިޔަވާ ކުދިންގެ ބޭނުންތަކަށް ޑޮލަރު ހޯދުމުގައި އެންމެންވެސް ބަރޯސާވަނީ ބީއެމްއެލްއަށް ކަމަށްވެސް ތަރުޖަމާނު ފާހަގަކުރެއްވިއެވެ.

ތަރުޖަމާނު އިތުރަށް ވިދާޅުވީ، ސަރުކާރުން އިސްކަންދެނީ ޒަރޫރީ ބޭނުންތަކަށް ބޭނުންކުރާ ޑޮލަރުގެ މިންވަރު އިތުރުކުރުމަށާއި ކާޑުތަކުން ކުރެވޭ ނަހަމަ މުއާމަލާތްތައް ހުއްޓުވުމަށް ފިޔަވަޅުތަކެއް އެޅުމަށް ކަމަށެވެ. މީގެ އިތުރުން، ރުފިޔާ އެކައުންޓް ބޭނުންކޮށްގެން ބޭރުގެ ބައެއް އީކޮމާސް ސައިޓުތަކުން ދުވާލަކަށް ބޭންކުން ޑޮލަރު ވިއްކާނެ އަދަދެއް ބޭންކުން މިހާރު ކަނޑައަޅާފައިވާ ކަމަށާއި، ޓީޓީ ހަދަން ބޭނުންވާ ފަރާތްތަކުން ޓީޓީ ހުށަހަޅާ ގަޑިއަކީ ބޭންކުގެ ރަސްމީ ގަޑި ކަމުގައި ބޭންކުން ހަމަޖައްސާފައިވާ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.

ބީއެމްއެލްގެ މި ނިންމުމަކީ ސަރުކާރުން ދަރަނި އަދާކުރުމާ ގުޅިގެން ދިމާވި ކަމެއް ކަމަށް ބައެއް ފަރާތްތަކުން ބުނަމުންދާ ވާހަކަތައް ތަރުޖަމާނު ވަނީ ދޮގުކުރައްވާފައެވެ. ވަކިން ހާއްސަކޮށް، 2026 އެޕްރީލް 2 ގައި ސަރުކާރުން ދެއްކި 524 މިލިޔަން ޑޮލަރުގެ ސުކޫކާއި، އޭޕްރީލް 23 ގައި އިންޑިއާއަށް ދެއްކި 400 މިލިޔަން ޑޮލަރުގެ ކަރަންސީ ސްވޮޕާ މި ބަދަލާ އެއްވެސް ގުޅުމެއް ނެތް ކަމަށް އޭނާ ވިދާޅުވިއެވެ.

ސަރުކާރުން އަދާކުރި ދަރަނިތަކުގެ ސަބަބުން ކޭޝްފްލޯގެ އެއްވެސް ދަތިކަމެއް ނެތްކަން ތަކުރާރުކުރައްވަމުން، ތަރުޖަމާނު ވިދާޅުވީ އިގްތިސާދީ ކަންކަން ހަމަ މަގަށް އެޅުވުމަށް މިސަރުކާރުން މުހިންމު މަސައްކަތްތަކެއް ކުރަމުންދާ ކަމަށެވެ.