ފަހި ދިރިއުޅުން ކޯޕަރޭޝަން (އެފްޑީސީ) އިން ހުޅުމާލޭގައި އިމާރާތްކޮށްފައިވާ ފްލެޓުތައް ލިބުނު ފަރާތްތަކަށް، އެ ފްލެޓުތަކަށް ރަށްވެހިކަން ބަދަލުކުރުމަށް ބޭނުންވާ ހުރިހާ ލިޔެކިޔުންތަކެއް އެ ކޯޕަރޭޝަންގެ ޕޯޓަލް މެދުވެރިކޮށް ލިބޭނެ އިންތިޒާމު ހަމަޖައްސައިފިއެވެ.
މިކަމާ ގުޅިގެން އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު ހަމްދާން ޝަކީލް ވިދާޅުވީ ޕޯޓަލް މެދުވެރިކޮށް ސަރުކާރުގެ ޑިޖިޓަލައިޒޭޝަން ރޯޑް މެޕާ އެއްގޮތަށް އެއްވެސް ފިޒިކަލް ޑޮކިއުމަންޓޭޝަނެއް ހުށަނާޅާ އޮންލައިންކޮށް ސިޓީ ކައުންސިލަށް ހުށަހަޅަން ބޭނުންވާ ހުރިހާ ލިޔެކިޔުމެއް އެފްޑީސީގެ ޕޯޓަލް މެދުވެރިކޮށް ލިބޭނެ ނިޒާމު މިހާރު ހަމަޖެހިފައިވާކަމަށެވެ.
ފްލެޓަށް ރަށްވެހިކަން ބަދަލުކުރުމުގައި އެއްވެސް އިދާރީ ހުރަހެއް ނޯންނާނެކަން ފާހަގަކުރައްވަމުން ޝަކީލް ވިދާޅުވީ މިދިޔަ އަހަރުގެ އޮގަސްޓު މަހު ވެސް އެފްޑީސީން އިސްނަގައިގެން ވަނީ ސިޓީ ކައުންސިލާ ބައްދަލުކޮށްފައިކަމަށެވެ. އަދި ފްލެޓު ލިބިފައިވާ މީހުންގެ ރަށްވެހިކަން ފްލެޓަށް ބަދަލުކުރަން ބޭނުންވާ ޑޮކިއުމަންޓްތަކާއި އެކަމާ ގުޅޭ މައުލޫމާތު ސާފުކޮށްފައިވާކަމަށްވެސް ޝަކީލް ވަނީ ވިދާޅުވެފައެވެ.
ހުޅުމާލެ 2 ގައި އިމާރާތް ކޮށްފައިވާ 4،000 ފްލެޓުގައި ދިރިއުޅޭ މީހުން، މާލޭގެ ރަށްވެހިކަންގެ ގޮތުގައި ރަޖިސްޓަރީވުމުގައި ދިމާވާ ދަތިތަކަށް އަވަސް ހައްލެއް ހޯދުމުގެ ގޮތުން އެ ކުންފުނިން އެދިގެން ސިޓީ ކައުންސިލާ އެކު މިއަދު ބައްދަލުވުމެއް ބާއްވާފައެވެ.
މި ފްލެޓަށް ރަޖިސްޓަރީވުމާ ގުޅޭގޮތުން ހައުސިން މިނިސްޓަރު ޑރ. އަބްދުﷲ މުއްތަލިބު ވިދާޅުވީ އެ ފްލެޓްތަކުގައި ދިރިއުޅޭ މީހުން މާލޭގެ ރަށްވެހިންގެ ގޮތުގައި ރަޖިސްޓަރީވުމަށް އެއްވެސް ގާނޫނީ ހުރަހެއް ނެތް ކަމަށެވެ. އެފްޑީސީން ފްލެޓްތައް ހަވާލުކުރާއިރު ހަދަނީ ކުލީގެ އެއްބަސްވުމެއްކަމަށެވެ. އެހެންކަމުން އެ ތަންތަނަށް ރަށްވެހިންގެ ރަޖިސްޓްރީ ނުހެދޭނެ ކަމަށް މާލޭ ސިޓީ ކައުންސިލުން ބުނާ ބުނުމަކީ އެއްވެސް އުސޫލެއްގެ މައްޗަށް ބިނާވެގެން ދައްކާ ވާހަކައެއް ނޫންކަމަށް ވެސް މުއްތަލިބު ވަނީ ވިދާޅުވެފައެވެ.
މިނިސްޓަރު ވިދާޅުވި ގޮތުގައި އެ ފްލެޓްތަކުގެ އެއްބަސްވުމުގައި އޮތް ހަމައެކަނި ތަފާތަކީ "ސޭލް އެންޑް ޕާޗޭޒް އެގްރިމެންޓް" އެއްގެ ބަދަލުގައި "ރެންޓް ޓު އޯން" (ކުލި ދައްކަމުން ގޮސް މިލްކުވާ) މޮޑެލްއެއްގެ ވާހަކަ އޮތުމެވެ. ނަމަވެސް މިއީ އެ ތަނަކަށް ރަށްވެހި ނުވެވޭނެ ސަބަބެއް ނޫން ކަމަށް ވަނީ ވިދާޅުވެފައެވެ.
