ހުޅުމާލޭގެ ދެވަނަ ފިޔަވަހީގައި އިމާރާތްކޮށްފައިވާ "އަމާން ޓަވަރުތައް" ނުވަތަ 4،000 ފްލެޓްގައި ސީސީޓީވީ ކެމެރާ ހަރުކުރުމުގެ އެންމެހާ މަސައްކަތްތައް އެއްކޮށް ނިންމާލައިފިއެވެ.
މި މަޝްރޫއު ހިންގާ ފަހި ދިރިއުޅުން ކޯޕަރޭޝަން (އެފްޑީސީ) އިން ބުނީ، ސަރުކާރުގެ ބޯހިޔާވަހިކަމުގެ ސިޔާސަތުގެ ދަށުން ތަރައްގީކޮށްފައިވާ އަމާން ދޯދި އަދި އަމާން އުދަރެސް ޓަވަރުތަކުގައި ސީސީޓީވީ ކެމެރާ ހަރުކުރުމުގެ މަސައްކަތް މިހާރު ވަނީ ފުރިހަމަކުރެވިފައި ކަމަށެވެ. އަދި މި ނިޒާމު އެންމެ ފުރިހަމަ ގޮތުގައި މަސައްކަތް ކުރޭތޯ ބެލުމަށްޓަކައި ޓެސްޓުކުރުމުގެ މަސައްކަތްތައް މިހާރު ކުރިއަށްދާ ކަމަށް އެ ކޯޕަރޭޝަނުން މައުލޫމާތުދެއެވެ.
އެގޮތުން، އަމާން އުދަރެސް ޓަވަރުތަކުގައި ހަރުކުރި ސީސީޓީވީތައް ޓެސްޓުކޮށް، ކޮމިޝަން ކުރުމުގެ މަސައްކަތް މިހާރު ވަނީ އެއްކޮށް ނިމިފައެވެ. އަދި މިވަގުތު ކުރިއަށްދަނީ އަމާން ދޯދި ޓަވަރުތަކުގައި ހަރުކޮށްފައިވާ ސީސީޓީވީ ސިސްޓަމްތައް ޓެސްޓްކުރުމާއި ކޮމިޝަން ކުރުމުގެ މަސައްކަތްތަކެވެ.
އަމާން ދޯދި އަދި އަމާން އުދަރެސްގެ ނަމުގައި ހުޅުމާލޭގެ ދެވަނަ ފިޔަވަހީގައި އެފްޑީސީން ތަރައްގީ ކުރި 4،000 ހައުސިން ޔުނިޓަކީ ރައްޔިތުންނަށް އަމާން އަދި ރައްކާތެރި މާހައުލެއް ފޯރުކޮށްދިނުމަށް އިސްކަންދީގެން ބިނާކޮށްފައިވާ ޓަވަރުތަކެކެވެ. ޓަވަރުތަކުގައި ސީސީޓީވީގެ ހިދުމަތް ގާއިމުކުރުމަކީ އެ ސަރަހައްދުގައި ދިރިއުޅޭ ރައްޔިތުންގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށް އެޅުނު މުހިންމު ފިޔަވަޅެކެވެ.
