ހުޅުމާލެ ދެވަނަ ފިޔަވަހީގައި ހުންނަ ފަހި ދިރިއުޅުން ކޯޕަރޭޝަން (އެފްޑީސީ) ގޭގެ ފުލެޓުތަކުގައި ރައްކާތެރިކަމުގެ އިތުރު ފިޔަވަޅުތައް ވަރުގަދަކުރަން މަޝްވަރާކުރަން ފަށައިފިއެވެ.
އެ ކޯޕަރޭޝަންގެ މެނޭޖިން ޑިރެކްޓަރު ހަމްދާން ޝަކީލް އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ އިރުޝާދުގެ ދަށުން "އަމާން އުދަރެސް" އަދި "އަމާން ދޯދި" ޓަވަރުތަކުގައި އިތުރު ސަލާމަތީ ފިޔަވަޅުތައް އަޅަން ނިންމާފައިވާ ކަމަށެވެ.
އެގޮތިން ކުޑަކުދިންނާއި ހާއްސަ އެހީއަށް ބޭނުންވާ ފަރާތްތައް ދިރިއުޅޭ ޔުނިޓުތައް ވަކިން ފާހަގަކޮށް، އެ ފަރާތްތަކަށް އެންމެ ބޮޑަށް އިސްކަންދީގެން ހިދުމަތްތައް އިންތިޒާމުކުރަން ނިންމާފައިވާކަމަށް ޝަކީލް ވިދާޅުވިއެވެ. އަދި ޓަވަރުތަކުގައި ދިރިއުޅޭ ހުރިހާ ރައްޔިތުންގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށްޓަކައި އަޅަންޖެހޭ އަވަސް ފިޔަވަޅުތައް އެޅުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށްވެސް ޝަކީލް ވިދާޅުވިއެވެ.
އެފްޑީސީ ފުލެޓުތަކުގައި ސަލާމަތީ ފިޔަވަޅުތައް ވަރުގަދަކުރުމަށް ނިންމާފައިވާކަން ޝަކީލް ހާމަކުރެއްވި ނަމަވެސް، އެ ފުލެޓުތަކުގައި އަޅާ ފިޔަވަޅުތަކުގެ ތަފުސީލެއް އަދި ހާމަކޮށްފައެއް ނުވެއެވެ.
އެޗްޑީސީން މި ނިންމުން ނިންމާފައިވަނީ ހުޅުމާލޭގެ ޓަވަރުތަކުގެ ކުޑަދޮރުތަކާއި ބެލްކަނީގައި ރެއިލިން ހަރުކުރުމަށް އެކޯޕަރޭޝަނަށް އެންގުމަށް މާލެ ސިޓީ ކައުންސިލުން ނިންމާފައިވާ ދަނޑިވަޅެއްގައެވެ.
