އުސޫލާ ހިލާފަށް އަދި އެއްވެސް ހުއްދައެއް ނެތި ފްލެޓްތައް ކުއްޔަށް ދޫކުރުމުގެ 11 މައްސަލައަކާއި، އިމާރާތްތަކަށް ހުއްދަނެތި ބަދަލު ގެނައުން ހިމެނޭހެން ޖުމްލަ 44 މައްސަލައެއް ފާހަގަކުރެވި އެކަންކަން ބަލަމުން އަންނަ ކަމަށް ފަހި ދިރިއުޅުން ކޯޕަރޭޝަން (އެފްޑީސީ) އިން ހާމަކޮށްފިއެވެ.

އެފްޑީސީން އާންމުކޮށްފައިވާ ތަފާސްހިސާބުތަކަށް ބަލާއިރު، ހުއްދަނެތި ފްލެޓްތައް ކުއްޔަށް ދިން 11 މައްސަލައިގެ ތެރެއިން 8 މައްސަލައެއް މިހާރުވެސް ދަނީ ތަހުގީގު ކުރަމުންނެވެ. އަދި މި މައްސަލަތަކާ ގުޅިގެން 1 ފަރާތެއް ޖޫރިމަނާކޮށްފައިވާއިރު، 2 ފަރާތަކަށް ވަނީ ނޯޓިސް ފޮނުވާފައެވެ.

މީގެ އިތުރުން ފްލެޓްތަކަށް ހުއްދަނެތި ބަދަލު ގެނައުމުގެ 27 މައްސަލައެއް ވެސް ވަނީ ފާހަގަވެފައެވެ. އޭގެ ތެރެއިން 25 މައްސަލައެއް މިހާރު ބަލަމުންދާއިރު، ގަވާއިދާ ހިލާފުވި 2 ފަރާތެއް ވަނީ ޖޫރިމަނާކޮށް ނޯޓިސް ފޮނުވާފައެވެ. ހަމައެއާއެކު ކުނި އެޅުމުގެ ގަވާއިދާ ހިލާފުވުމުގެ 3 މައްސަލައަކާއި، އެންގުންތަކަށް އަމަލުނުކުރުމުގެ 2 މައްސަލައިގެ އިތުރުން އަޑުގަދަވުމުގެ 1 ޝަކުވާއެއް ވެސް ބަލަމުން އަންނަ ކަމަށް އެ ކޯޕަރޭޝަނުން ބުނެފައި ވެއެވެ.

ފްލެޓްތަކުގެ ކުލި ދެއްކުމާ ގުޅޭގޮތުން އެފްޑީސީން ހާމަކުރި ތަފާސްހިސާބުތައް ދައްކާގޮތުން، މަހުން މަހަށް ގަވާއިދުން ކުލި ދައްކަމުން ދަނީ 3،405 ޔުނިޓަކުންނެވެ. އަދި ކުލި ނުދައްކައި ޕެންޑިންގައި މިވަގުތު ހުރީ 509 ޔުނިޓެއްގެ ކުއްޔެވެ.

ސަރުކާރުގެ ބޯހިޔާވަހިކަމުގެ ދަށުން ދޫކުރެވިފައިވާ ފްލެޓްތަކަކީ ޢާންމު ރައްޔިތުންގެ ދިރިއުޅުމުގެ ޙާލަތު ރަނގަޅުކުރުމަށް ދޫކޮށްފައިވާ ތަންތަނަށް ވާތީ، އެއްބަސްވުމާ ޚިލާފަށް އެ ތަންތަން ބޭނުންކުރުމަކީ މަނާކަމެކެވެ. އެފްޑީސީން ވަނީ އެއްބަސްވުމުގައިވާ އެންމެހައި މާއްދާތަކަށާއި ޤަވާޢިދުތަކަށް ފުރިހަމައަށް ބޯލެނބުމަށް އިލްތިމާސްކޮށް، އުސޫލުތަކާ ޚިލާފުވާ ފަރާތްތަކާމެދު ފިޔަވަޅު އަޅަމުން ގެންދާނެ ކަމަށް ބުނެފައެވެ.