އަދަދު ނޫހުން ނެރުނު "އައިޝާ" ޑޮކިއުމެންޓަރީއާ ގުޅިގެން ފުލުހުން ކުރިއަށްގެންދާ ޖިނާއީ ތަހުގީގަށް، އީޝާ އަޝްރަފް މިއަދު ހެންވޭރު ޕޮލިސް ސްޓޭޝަނަށް ހާޒިރުކޮށްފިއެވެ.
އީޝާއަކީ މި ސަރުކާރުގެ ފުރަތަމަ ދުވަސްވަރު ރައީސް އޮފީހުގެ ސިޔާސީ ވަޒީފާއެއްގައި ހުރި ފަރާތެކެވެ. އެއަށްފަހު އެހެން ދެ ވުޒާރާއަކަށް އޭނާ ބަދަލުކޮށްފައިވާ އިރު، ފަހުން ވަނީ ސަރުކާރުން ވަކިކޮށްފައެވެ. އޭނާގެ މައްޗަށް ތުހުމަތު ކުރެވެނީ މި ޑޮކުމެންޓްރީ އުފެއްދުމުގައި އަމަލީގޮތުން ބައިވެރިވެފައިވާ ކަމުގެ ތުހުމަތެވެ.
މިއަދު އޭނާ ފުލުހަށް ހާޒިރުކޮށްފައިވާ އިރު، މީގެ ކުރިން އަންގާރަ ދުވަހުގެ ރޭ ވެސް އޭނާއާ ފުލުހުން ވަނީ ސުވާލުކޮށްފައެވެ. ނަމަވެސް އީޝާގެ އެދުމުގެ މަތިން އެރޭގެ ސެޝަން މެދުކަނޑާލުމަށްފަހު، މިއަދު އަލުން ކުރިއަށްގެންދަން ނިންމީކަމަށް އޭނާގެ ގާނޫނީ ޓީމުން ވަނީ ހާމަކޮށްފައެވެ.
މި މައްސަލައިގައި އީޝާގެ ގާނޫނީ ވަކީލެއްގެ ގޮތުގައި ހަރަކާތްތެރިވެވަޑައިގަންނަވަނީ ކުރީގެ ޕްރޮސެކިއުޓާ ޖެނެރަލް ހުސައިން ޝަމީމެވެ. ޝަމީމް ވިދާޅުވި ގޮތުގައި، މި މައްސަލައިގައި އީޝާއަކީ "ވިކްޓިމް" އެއް ކަމަށާއި، ތަހުގީގަށް ފުރިހަމައަށް އެއްބާރުލުން ދެއްވާނެ ކަމަށެވެ. އަދި އީޝާ ވިކްޓިމްއަކަށް ވީގޮތުގެ ތަފްސީލު ފަހުން ހާމަކުރައްވާނެ ކަމަށާއި، މިހާރު ކުރިއަށްދަނީ ކަން ހިނގައިދިޔަ ގޮތް ފުލުހުންނަށް ކިޔައިދިނުމުގެ މަރުހަލާ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.
ގާނޫނީ ޓީމުގައި ހިމެނިވަޑައިގަންނަވާ އަނެއް ވަކީލު މުހައްމަދު ފަރީދު ވިދާޅުވީ، ފުލުހުންގެ އަތުގައި ހެކި ހުރިކަމަށް ބުނި ނަމަވެސް، އެއީ ކޮން ބާވަތެއްގެ ހެއްކެއްކަން ފުލުހުން ސާފުކޮށްދީފައި ނުވާ ކަމަށެވެ. ޝަމީމް އިތުރަށް ފާހަގަކުރެއްވި ގޮތުގައި، މި މައްސަލައިން ފެނިގެންދަނީ ޕްރޮފެޝަނަލް މާހައުލެއްގައި ހިނގައިގެންވާނެ ފަދަ ކަންތައްތަކެއް ނޫނެވެ.
ފުލުހުން ތަހުގީގުކުރަމުންދަނީ މާޗު މަހުގެ ފަހުކޮޅު އަދަދު ނޫހުން އާންމުކުރި ޑޮކިއުމެންޓަރީގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒަށް ނިސްބަތްކޮށް ކޮށްފައިވާ ތުހުމަތުތަކުގެ މައްސަލައެވެ. މި މައްސަލަ ފުލުހުން ބަލަމުންދަނީ ގާނޫނުލްއުގޫބާތުގެ 30 ވަނަ މާއްދާއާއި 612 ވަނަ މާއްދާގެ (ހ) ގެ ދަށުން، ގަޒްފުކުރުމުގެ ކުށުގެ ތުހުމަތުގައެވެ. ރައީސް މުއިއްޒު ވަނީ އެ ޑޮކިއުމެންޓަރީގައިވާ ވާހަކަތަކަކީ ކަނޑައެޅިގެން ދޮގު ކަމަށް ވިދާޅުވެ، އެކަން ފެތުރި ފަރާތްތަކާމެދު ފިޔަވަޅު އެޅުމަށް ކަމާބެހޭ ފަރާތްތަކަށް ގޮވާލައްވާފައެވެ. ފުލުހުން ތުހުމަތުކުރާ ގޮތުގައި އީޝާ ވަނީ މި ޑޮކިއުމެންޓަރީ ތައްޔާރުކުރުމުގައި އަމަލީގޮތުން ބައިވެރިވެފައެވެ.
މި ތަހުގީގާ ގުޅިގެން ފުލުހުން ވަނީ ކޯޓު އަމުރެއްގެ ދަށުން އަދަދު ނޫހުގެ އޮފީސް ބަލައިފާސްކޮށް، އެތަނުގެ ބައެއް އިލެކްޓްރޯނިކް ސާމާނު ހިފަހައްޓާފައެވެ. މީގެ އިތުރުން، އީޝާ އަޝްރަފްގެ އިތުރުން އަދަދު ނޫހުގެ ޗީފް އެގްޒެކެޓިވް އޮފިސާ ހުސައިން ފިޔާޒް މޫސާއާއި އެޑިޓާ ހަސަން މުހައްމަދުގެ ޕާސްޕޯޓު ވެސް ހިފަހައްޓާފައެވެ.
