ޔޫކްރެއިން އަދި ރަޝިއާއިން ވަކިވަކިން ހުށަހަޅާފައިވާ ހަމަލާ ބަދަލުކުރުން ހުއްޓާލުމުގެ އެއްބަސްވުންތަކަށް އަމަލުކުރަން ފެށުމުގެ ކުރިން، އަންގާރަ ދުވަހު ރަޝިއާއިން ޔޫކްރެއިންގެ އެކި ސަރަހައްދުތަކަށް ދިން ވަރުގަދަ ހަމަލާތަކެއްގައި 20 އަށްވުރެ ގިނަ މީހުން މަރުވެއްޖެއެވެ. މި ހަމަލާތައް ދީފައިވަނީ، ރަޝިއާއިން ފާހަގަކުރާ 'ވިކްޓަރީ ޑޭ' އާ ދިމާކޮށް ދެ ގައުމުންވެސް ހަމަލާތައް މެދުކަނޑާލުމަށް އިއުލާނުކޮށްފައި ވަނިކޮށެވެ. ނަމަވެސް ދެ ފަރާތުން ހުށަހަޅާފައިވާ ޝަރުތުތަކާއި މުއްދަތުތައް ތަފާތުވުމުގެ ސަބަބުން، މިއީ އެއްބަސްވުމަކަށްވުރެ ބޮޑަށް ދެ ގައުމުގެ އަމިއްލަ ނިންމުންތަކެއްގެ ގޮތުގައި ވަނީ ފާހަގަކުރެވިފައެވެ.
ރަޝިއާއިން ދިން ވައިގެ ހަމަލާތަކުގައި އެންމެ ބޮޑު ގެއްލުމެއް ލިބިފައިވަނީ ޒަޕޮރިޒިއާ ސަރަހައްދަށެވެ. އެ ސަރަހައްދުގެ އޮފިޝަލުން މައުލޫމާތު ދެއްވާފައިވާ ގޮތުގައި، ރަޝިއާގެ ހަމަލާތަކުގައި އެކަނިވެސް 12 މީހުން ވަނީ މަރުވެފައެވެ. ޔޫކްރެއިންގެ ރައީސް ވްލަޑިމިއާ ޒެލެންސްކީ ވަނީ މިއީ ޓެރަރިސްޓުންގެ ފަރާތުން ފެންނަ ފަދަ ރަހުމްކުޑަ އަމަލެއްގެ ގޮތުގައި ސިފަކުރައްވާފައެވެ.
މީގެ އިތުރުން، ކްރަމަޓޯސްކް ސަރަހައްދުން 5 މީހުން އަދި ޑްނީޕްރޯއިން 4 މީހުން މަރުވެފައިވާ ކަމަށްވެސް ޒެލެންސްކީ ވިދާޅުވިއެވެ.
ބަދަލު ހިފުމުގެ ގޮތުން ޔޫކްރެއިނުން ރަޝިއާގެ ސަރަހައްދުތަކަށް ޑްރޯން އަދި މިސައިލް ހަމަލާތަކެއް ދީފައި ވާއިރު ރަޝިއާގެ ޗުވާޝް ރިޕަބްލިކުން 2 މީހުން މަރުވެ، 32 މީހުންނަށް ވަނީ އެކިވަރުގެ އަނިޔާތައް ލިބިފައެވެ. މި ހަމަލާގެ ސަބަބުން 8،500 މީހުން ދިރިއުޅޭ 28 އިމާރާތަކަށް ގެއްލުންވެފައި ވާއިރު، އޭގެ ތެރެއިން ދެ އިމާރާތެއްގެ އޮނިގަނޑަށް ބޮޑެތި ގެއްލުންތަކެއް ލިބިފައިވާތީ މީހުން ވަނީ ހުސްކޮށްފައެވެ.
މި ހަމަލާގައި ޔޫކްރެއިނުން އަމިއްލައަށް އުފައްދާފައިވާ "ފްލެމިންގޯ" ކްރޫޒް މިސައިލް ބޭނުން ކޮށްފައިވާ ކަމަށާއި، މިއީ ހަނގުރާމައިގެ ކުރީ ސަފާ 1،500 ކިލޯމީޓަރު ދުރުގައި އޮތް ޗެބޮކްސަރީގައި ހުރި އަސްކަރީ އާލާތްތައް އުފައްދާ ކާރުހާނާއަކަށް އަމާޒުކޮށް ދިން ހަމަލާއެއް ކަމަށް ޒެލެންސްކީ ވިދާޅުވިއެވެ.
ޔޫކްރެއިންގެ ފަޔާ ޕޮއިންޓް ކުންފުނިން އުފައްދާފައިވާ މި މިސައިލަކީ 3،000 ކިލޯމީޓަރަށް ދަތުރުކުރުމުގެ ގާބިލުކަން ލިބިފައިވާ، އަދި 1،150 ކިލޯގްރާމްގެ ގޮވާތަކެތި އުފުލޭ މިސައިލެކެވެ. މީގެ އިތުރުން، ލެނިންގްރާޑް ސަރަހައްދުގެ ކިރިޝީގައިވާ ސިނާޢީ ސަރަހައްދަކަށްވެސް ޔޫކްރެއިނުން ވަނީ ވައިގެ ހަމަލާތަކެއް ދީފައެވެ. ރަޝިއާގެ ދިފާއީ ވުޒާރާއިން ފަހުން ކަށަވަރުކޮށްދީފައިވާ ގޮތުގައި، ޔޫކްރެއިނުން ފޮނުވާލި ހަ ފްލެމިންގޯ މިސައިލްގެ އިތުރުން 601 ޑްރޯން ވަނީ ވައްޓާލާފައެވެ.
ދެ ގައުމުން އިއުލާނުކޮށްފައިވާ ހަމަލާ ބަދަލުކުރުން ހުއްޓާލުމުގެ ނިންމުންތަކަށް ބަލާއިރު، ރަޝިއާއިން ބުނެފައިވަނީ މެއި މަހުގެ 8 އަދި 9 ވަނަ ދުވަހު އެ ގައުމުން ހަމަލާތައް މެދުކަނޑާލާނެ ކަމަށެވެ. އަދި މި މުއްދަތުގެ ތެރޭގައި ޔޫކްރެއިނުން އެއްބަސްވުމާ ހިލާފު ވެއްޖެނަމަ، ކިޔޭވްގެ މެދުތެރެއަށް ވަރުގަދަ މިސައިލް ހަމަލާތަކެއް ދޭނެ ކަމުގެ އިންޒާރު ރަޝިއާއިން ވަނީ ދީފައެވެ. ނަމަވެސް ޔޫކްރެއިނުން ނިންމާފައިވަނީ މެއި 6 ވަނަ ދުވަހުގެ މެންދަމުން ފެށިގެން ވަކި މުއްދަތެއް ނެތް ގޮތަށް ހަމަލާތައް ހުއްޓާލުމަށެވެ. އަދި އެއަށްފަހު ރަޝިއާއިން އަމަލުކުރާ ގޮތަކަށް ބަލައި، ހަމަ އެފަދައިން ރައްދުދޭނެ ކަމަށް ކިޔޭވްއިން ވަނީ އިއުލާނު ކޮށްފައެވެ.
ޒެލެންސްކީގެ ޗީފް އޮފް ސްޓާފް ކީރީލޯ ބުޑާނޯވް ވިދާޅުވި ގޮތުގައި، ޔޫކްރެއިނުން އިއުލާނުކުރި ހަމަލާ ހުއްޓާލުމަށް ރަޝިއާއިން އިހްތިރާމް ކުރާނަމަ، ޔޫކްރެއިނުންވެސް އެކަން ދަމަހައްޓާނެއެވެ. އަދި ދެން އޮތީ ރަޝިއާއިން އަޅާނެ ފިޔަވަޅެއް ކަމަށް އޭނާ ފާހަގަކުރެއްވިއެވެ. ޒެލެންސްކީ ވަނީ ހަތިޔާރު ބަހައްޓައި، ހަގީގީ ޑިޕްލޮމެސީއަށް ރުޖޫއަވުމަށް ރަޝިއާއަށް ގޮވާލައްވާފައެވެ. އަދި ޕްރޮޕެގެންޑާ ފާހަގަކުރުންތަކަކަށްޓަކައި ހަމަލާތައް ހުއްޓާލުމަށް އެދުމަށްފަހު، އޭގެ ކުރިން ކޮންމެ ދުވަހަކު މިސައިލް އަދި ޑްރޯން ހަމަލާތައް ދިނުމަކީ ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށް އޭނާ ވިދާޅުވިއެވެ. ޓެލެގްރާމްގައި ކުރެއްވި ޕޯސްޓެއްގައި ޒެލެންސްކީ ވިދާޅުވެފައިވަނީ، “އެއްވެސް އަހަރީ ދުވަހެއް ފާހަގަކުރުމަށްވުރެ އިންސާނެއްގެ ފުރާނައިގެ އަގު މާ ބޮޑުކަމަށް އަޅުގަނޑުމެން ގަބޫލުކުރަން” ކަމަށެވެ.
ރަޝިއާގެ ވެރިރަށް މޮސްކޯގައި ފާހަގަކުރުމަށް ހަމަޖެހިފައިވާ 'ވިކްޓަރީ ޑޭ' އަކީ ދެވަނަ ބޮޑު ހަނގުރާމައިގައި ނާޒީ ޖަރުމަނުގެ މައްޗަށް ސޯވިއެޓް ޔޫނިއަންއިން ހޯދި ކާމިޔާބީ ފާހަގަކުރުމަށް ބާއްވާ ހާއްސަ ދުވަހެކެވެ. 2000 ވަނަ އަހަރުގެ ކުރީކޮޅު ލަޑިމިއާ ޕޫޓިން ވެރިކަމާ ހަވާލުވެވަޑައިގަތް ފަހުން މި ދުވަސް ފާހަގަކުރުން ވަނީ ވަރަށް ބޮޑަށް ފުޅާކޮށްފައެވެ. ނަމަވެސް ޔޫކްރެއިންގެ ފަރާތުން ކުރިމަތިވެދާނެ ޓެރަރިސްޓް ހަމަލާއެއްގެ ބިރަށްޓަކައި، މިއަހަރު ރެޑް ސްކުއެއާގައި ބާއްވާ ބޮޑު އަސްކަރީ ޕެރޭޑް ވަރަށް ބޮޑަށް ކުޑަކުރުމަށް ކްރެމްލިންއިން ވަނީ ނިންމާފައެވެ. މިގޮތުން ބަރު ހަތިޔާރުތައް މި ޕެރޭޑްގައި ނުދައްކާނެ ކަމަށް ވަނީ އިއުލާނު ކޮށްފައެވެ.
މީގެ އިތުރުން، މެއި 9 ވަނަ ދުވަހާ ހަމައަށް މޮސްކޯގެ ރައްޔިތުންނަށް މޯބައިލް އިންޓަނެޓްގެ ހިދުމަތް މެދުކެނޑިދާނެ ކަމުގެ އިންޒާރުވެސް ކަމާބެހޭ ފަރާތްތަކުން ވަނީ ދީފައެވެ. ޔޫކްރެއިނުން ދާދިފަހުން ވަނީ ރަޝިއާގެ އެތެރެއަށް ދޭ ޑްރޯން ހަމަލާތައް އިތުރުކޮށް، ހަކަތަ އުފައްދާ މަރުކަޒުތަކަށާއި ތެޔޮ ސާފުކުރާ ކާރުހާނާތަކަށް ބޮޑެތި ގެއްލުންތަކެއް ދީފައެވެ. އަންގާރަ ދުވަހުގެ ހެނދުނު ރަޝިއާގެ އެކި ކަންކޮޅުތަކުގައިވާ ވައިގެ ބަނދަރުތައް ވަގުތީގޮތުން ބަންދުކުރަން ޖެހުނުއިރު، މޮސްކޯގެ މޭޔަރު ސަރްގޭ ސޮބްޔާނިން ވަނީ ވެރިރަށާ ކައިރިން ގިނަ ޑްރޯންތަކެއް ވައްޓާލާފައިވާކަން ހާމަކުރައްވާފައެވެ.
ޔޫކްރެއިންގެ ހަމަލާތައް ހުއްޓުވުމަށް ރަޝިއާއިން އިތުރު ފިޔަވަޅުތަކެއް އަޅަމުންދާއިރު، މެއި 9 ވަނަ ދުވަހުގެ ޕަރޭޑަށްފަހު ރަޝިއާގެ އަސްކަރިއްޔާއިން ޔޫކްރެއިންގެ އިރުމަތީ ސަރަހައްދުތަކުގައި ފަށާނެ ކަމަށް ބެލެވޭ އާ އޮޕަރޭޝަންތަކަށް ދެ ގައުމުގެ ސިފައިންވެސް މިހާރު ދަނީ ތައްޔާރު ވަމުންނެވެ.
