ދައުލަތުގެ މީޑިއާ، ޕީއެސްއެމް އިން އިންތިޒާމުކުރާ މި އަހަރުގެ އޭޝިއާ މީޑިއާ ސަމިޓުގެ ޕާޓްނަރުންގެ ލިސްޓަށް ހައުސިން ޑެވެލޮޕްމެންޓް ކޯޕަރޭޝަން (އެޗްޑީސީ) ހަމަޖައްސައި އެކަމުގެ އެމްއޯޔޫގައި މިއަދު ސޮއިކޮށްފިއެވެ.

މިކަމާ ގުޅިގެން ނެރުނު ބަޔާނެއްގައި އެޗްޑީސީން ބުނީ މި އެމްއޯޔޫގައި އެޗްޑީސީގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ އެކްޓިން ހެޑް އޮފް ސީއެސްއާރު ޑިޕާޓްމަންޓް ހަސަން ޝަހީދުކަމަށެވެ. އަދި ޕީއެސްއެމްގެ ފަރާތުން ސޮއިކުރެއްވީ މެނޭޖިން ޑިރެކްޓަރު އަހްމަދު ޝަކީބެވެ.

މި އެމްއޯޔޫގެ ދަށުން އޭޝިއާ މީޑިއާ ސަމިޓަށްފަހު ކުޑަގިރީގައި ކުރިއަށްގެންދާ ހަރަކާތްތަކަށް އެޗްޑީސީން އެއްބާރުލުން ދޭނެކަމަށާއި، އެގޮތުން މީޑިއާ ސަމިޓަށްފަހު ކުޑަގިރި "ދޫނިޔާ ޑައިވް ރެކް" ސަރަހައްދުގައި މުރަކަ އިންދުމުގެ ހަރަކާތެއް ކުރިއަށްގެންދިއުމަށް ވެސް ހަމަޖެހިފައިވާކަމަށް އެޗްޑީސީން ވަނީ ބުނެފައެވެ.

އެޗްޑީސީން ބުނީ މިއީ، ދޫނިޔާ ޑައިވް ރެކް ސަރަހައްދުގެ ގުދުރަތީ ރީތިކަން ދަމަހައްޓައި، މޫދުގެ ދިރުންތައް އާލާކުރުމަށް އެޗްޑީސީން ކުރަމުން އަންނަ މަސައްކަތުގެ ތެރެއިން، ކުރިއަށްގެންދާ ހަރަކާތެއްކަމަށެވެ.

މިއަހަރުގެ އޭޝިއާ މީޑިއާ ސަމިޓު އޮންނާނީ މިމަހުގެ 11 އިން 14 އަށް ވިލާ ނޯޓިކާ ރިސޯޓުގައެވެ. އަދި ކުޑަގިރި ޑައިވް ސައިޓުގައި މުރަކަ އިންދުން ކުރިއަށްދާނީ މި މަހުގެ 14 ވަނަ ދުވަހުކަމަށް އެޗްޑީސީން ވަނީ ބުނެފައެވެ.

އެޗްޑީސީން ބުނީ ތިމާވެށި ހިމާޔަތްކުރުމުގައި ގްރޭޓާ މާލެ ސަރަހައްދުގައި ހަރަކާތްތެރިވާ މަދަނީ ޖަމިއްޔާ (އެންޖީއޯ) ތަކުން އެ މުރަކަ އިންދުމުގެ ހަރަކާތުގައި ބައިވެރިވުމުގެ ފުރުސަތު މިދިޔަ އޭޕްރީލް މަހުގެ 14 ވަނަ ދުވަހުން ފެށިގެން އެޗްޑީސީން ހުޅުވާލާފައިވާކަމަށެވެ.

މި ހަރަކާތުގައި ބައިވެރިވާން ޝައުގުވެރިވާ ފަރާތްތަކުން އަދި ހަރަކާތާ ގުޅޭގޮތުން އިތުރު މައުލޫމާތު ސާފުކުރަން ބޭނުންވާ ފަރާތްތަކުން އެޗްޑީސީއަށް މެއިލް ކުރުމަށްވެސް އެ ކުންފުނިން ވަނީ އެދިފައެވެ.