އޮންލައިން ނޫސް "އަދަދު" ގެ އޮފީސް ފާސްކޮށް ފުލުހުން ގެންދިޔަ ލެޕްޓޮޕްތަކާއި އެހެނިހެން އިލެކްޓްރޯނިކް އާލާތްތަކުގެ ޕާސްވޯޑް ފުލުހުންނަށް ނުދިނުމަށް އެ ނޫހުން ނިންމައިފިއެވެ.

ކޯޓު އަމުރެއްގެ ދަށުން ފުލުހުން ހިފަހައްޓާފައިވާ މި ތަކެތީގެ ޕާސްވޯޑް ހޯދުމަށް، އަދަދު ނޫހުގެ ސީއީއޯ ހުސައިން ފިޔާޒު މޫސާ ވަނީ އިއްޔެ މެންދުރުފަހު 2:00 އަށް ފުލުހުންގެ އިދާރާއަށް ހާޒިރުކޮށްފައެވެ. ފުލުހުންގެ ސުވާލުތަކަށް ޖަވާބުދެއްވުމަށްފަހު ނޫސްވެރިންނާ ވާހަކަދައްކަވަމުން ފިޔާޒުގެ ގާނޫނީ ވަކީލު އަލީ ހުސައިން ވިދާޅުވީ، ފިޔާޒުގެ މައްޗަށް ތުހުމަތުކުރެވޭ ގަޒްފުގެ ކުށް އޭނާ ކުރައްވާފައި ނުވާނެކަން ފުލުހުންނަށް އަންގަވާފައިވާނެ ކަމަށެވެ. އަދި ނޫސްވެރިކަމުގެ މަސްދަރު ހާމަނުކުރެވޭނެ ކަމަށާއި، ޕާސްވޯޑްތައް ދީފިނަމަ އެ މަސްދަރުތައް ހާމަވެގެންދާނެ ކަމަށް ފުލުހުންނަށް ދަންނަވާފައިވާނެ ކަމަށް އޭނާ ވިދާޅުވިއެވެ. މި މައްސަލައިގައި ފިޔާޒު ވަނީ ތަހުގީގުގައި ހަނުހުރުމުގެ ހައްގު ބޭނުން ކުރައްވާފައެވެ.

ޕާސްވޯޑްތައް ނުދީ ހިފެހެއްޓި ސަބަބު ހާމަކުރައްވަމުން އަލީ ހުސަިއން ވިދާޅުވީ، ޕާސްވޯޑް ނުދިނީ ހަމައެކަނި މިހާރު ތަހުގީގުކުރަމުންދާ މައްސަލައާ ގުޅޭ މައުލޫމާތު ދިން ފަރާތްތައް ހިމާޔަތްކުރުމަށް ނޫން ކަމަށާއި، އެހެނިހެން މައްސަލަތަކުގައި ވެސް ނޫހަށް މައުލޫމާތު ދީފައިވާ ފަރާތްތަކުގެ ކާކުކަން ސިއްރުކުރުމުގެ ގޮތުން ކަމަށެވެ. ފުލުހުން އެދުނު ގޮތަށް ޕާސްވޯޑް ނުދީފިނަމަ އޭގެ ނަތީޖާއަކާ ކުރިމަތިލާންޖެހިދާނެ ކަމުގެ އިންޒާރު ފުލުހުން ދީފައިވާ ކަމަށް ވެސް ވަކީލު ހާމަކުރެއްވިއެވެ.

ޕާސްވޯޑް ހަވާލުނުކޮށްފިނަމަ ދައުވާކުރުމުގެ ފުރުސަތު އޮތްކަމާއި އޭގެ ގާނޫނީ ނަތީޖާތައް އެނގިވަޑައިގަންނަވާ ކަމަށް އަލީ ހުސައިން ވިދާޅުވިއެވެ. ނަމަވެސް، ދައުވާއަކާ ކުރިމަތިލާން ޖެހުނަސް ނުވަތަ ޖަލަށް ލީ ކަމުގައި ވިޔަސް، މަސްދަރުތައް ހާމަކުރަން ބޭނުން ނުވާ ކަމަށް ވިދާޅުވިއެވެ. ފިޔާޒު ވިދާޅުވެފައިވަނީ އުމުރު ދުވަހު ޖަލުގައި އޮންނަން ޖެހުނަސް މަސްދަރު ހާމަނުކުރައްވާނެ ކަމަށާއި، މިއީ ހަމައެކަނި އަދަދު ނޫހަށް އަމާޒުކޮށްގެން ހިންގާ ކަމެއް ނޫން ކަމަށާއި މިއީ މުޅި ރާއްޖޭގެ ނޫސްވެރިންނާއި ވިސްލްބްލޯވަރުންނަށް ބިރުދެއްކުމަށް ހިންގާ އަމަލެއް ކަމަށެވެ.

މިދިޔަ މަހުގެ 27 ވަނަ ދުވަހުގެ ރޭގެ ވަގުތެއްގައި އަދަދު ނޫހުގެ އޮފީހަށް ފުލުހުން ވަދެ ހަތަރު ގަޑިއިރު ވަންދެން ހިންގި ފާސްކުރުމުގެ އޮޕަރޭޝަނެއްގައި، 20 އާލާތެއް ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައި ވެއެވެ. އޭގެތެރޭގައި ނޫސްވެރިންނާއި، މާކެޓިން މުވައްޒަފުންނާއި، އެޑްމިނިސްޓްރޭޓަރުން ބޭނުންކުރާ ލެޕްޓޮޕްތަކާއި، ހާޑް ޑްރައިވްތަކާއި، މެމޮރީ ކާޑުތައް ހިމެނެއެވެ.

އަދަދު އޮފީސް ފާސްކުރުމަށް ފުލުހުން ގެންދިޔަ ކޯޓު އަމުރުގައި އެއްވެސް މުދަލެއް ހިފެހެއްޓުމުގެ އަމުރެއް ހިމެނިފައި ނުވާ ކަމަށާއި، އެއީ ހަމައެކަނި ފާސްކުރުމުގެ އަމުރެއް ކަމަށް އެ ނޫހުގެ ވަކީލުން ފާހަގަކުރައްވައެވެ. މުދާ ހިފެހެއްޓުމަކީ ގާނޫނާ ހިލާފު އަމަލެއް ކަމަށް ބުނެ، އެކަމާ ދެކޮޅަށް ކޯޓަށް މައްސަލަ ހުށަހަޅާނެ ކަމަށް ވެސް ވަކީލުން ވަނީ ވިދާޅުވެފައެވެ. ޖިނާއީ އިޖުރާއަތުގެ ގާނޫނުގައި ބަޔާންކޮށްފައިވާ ގޮތުން، ނޫސްވެރިކަމާ ގުޅުންހުރި އާލާތްތައް ފާސްކުރަންވާނީ އެ ދާއިރާއެއް ތަމްސީލުކުރާ ޖަމިއްޔާއެއްގެ ހާޒިރުގައެވެ. ނަމަވެސް މި އޮޕަރޭޝަންގައި އެފަދަ އެއްވެސް ފަރާތެއް ހާޒިރުވެފައި ނުވާކަން ވެސް ވަކީލުން ފާހަގަކުރެއްވިއެވެ.