ށ. މިލަންދޫ އެއާޕޯޓް ތަރައްގީކުރުމަށް ބޭނުންވާ ބިން ހިއްކުމުގެ މަސައްކަތް ނިންމާލައިފިއެވެ.
މިލަންދޫ އެއާޕޯޓް ތަރައްގީކުރުމަށް ބޭނުންވާ ބިން ހިއްކުމުގެ އަމަލީ މަސައްކަތް ފެށީ އެޕްރީލް 3 2026 ވަނަ ދުވަހުއެވެ. މި މަޝްރޫއަކީ ވަރަށް ހަލުވި ދުވެއްޔެއްގައި ކުރިއަށްގެންގޮސް، އެންމެ މަހެއްހާ ދުވަހުގެ ތެރޭގައި ބިން ހިއްކުމުގެ މަރުހަލާ އެއްކޮށް ނިންމާލާފައިވާ މަސައްކަތަކަށްވާއިރު މި މަޝްރޫއު ކުރިއަށް ގެންދިޔައީ މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް، އެމްއޭސީއެލްއާ ހަވާލުކޮށްގެންނެވެ.
މިއަދު އެކްސްގައި ހިއްސާކުރެއްވި ޕޯސްޓެއްގައި ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒު ވިދާޅުވީ ށ. މިލަންދޫ ބިން ހިއްކުމުގެ މަސައްކަތް މިމަހުގެ 4 ވަނަ ދުވަހު ނިންމާލާފައިވާ ކަމަށެވެ. މިލަންދޫ ބިން ހިއްކުމުގެ މަސައްކަތުގެ ދަށުން 12 ދުވަސް ތެރޭގައި 21 ހެކްޓަރުގެ ބިން ހިއްކާފައިވާކަން ރައީސް ވަނީ ފާހަގަކުރައްވާފައެވެ. މި 21 ހެކްޓަރުގެ އިތުރުން ރުއްގަސް ނެގުމަށްފަހު އިތުރުކުރި 4.9 ހެކްޓަރުގެ ބިން ހިމެނޭހެން މުޅި މަޝްރޫއުގެ ބޮޑުމިނަކީ 25.90 ހެކްޓަރުކަމަށް ރައީސްގެ މެސެޖްގައިވަނީ ހާމަކުރައްވާފައެވެ.
މި މަޝްރޫއުގެ ތެރެއިން 21 ހެކްޓަރުގެ ބިން ހިއްކުމަށް 1,134،534 ކިއުބިކް މީޓަރުގެ ވެލި ވަނީ އަޅާފައެވެ. ބިން ހިއްކުމުގެ މަސައްކަތް ކުރިއަށް ގެންގޮސްފައިވަނީ ބޮސްކާލިސް ކުންފުނީގެ، 35,000 ކިއުބިކް މީޓަރުގެ ގާބިލުކަން ހުރި "ކުއިން އޮފް ދަ ނެދަލޭންޑްސް" ޑްރެޖަރު ބޭނުންކޮށްގެންނެވެ.
