ސަރުކާރުގެ އިސް މަގާމުތަކެއް ފުރުއްވާފައިވާ މުހައްމަދު ހުސެއިން މަނިކު ރިޓަޔާކުރައްވައިފިއެވެ.

މަނިކު ރިޓަޔާ ކުރެއްވިއިރު އޭނާ ހުންނެވީ ކެޕިޓަލް މާކެޓް ޑިވެލޮޕްމަންޓް އޮތޯރިޓީ (ސީއެމްޑީއޭ)ގެ ސީއީއޯގެ މަގާމުގައެވެ. މިކަމާ ގުޅިގެން ސީއެމްޑީއޭއިން އެކްސްގައި ކުރި ޕޯސްޓެއްގައި ވަނީ މަނިކު ސީއީއޯގެ މަގާމުގައި ހުންނަވާ ދެއްކެވި ލީޑާޝިޕާ ކޮށްދެއްވި އަގުހުރި މަސައްކަތްތަކަށް ޝުކުރު އަދާކޮށްފައެވެ.

ރާއްޖޭގެ އިގުތިސޯދީ އަދި ގައުމުގެ ތަރައްގީއަށް ގިނަ މަސައްކަތްތަކެއް މަނިކު ކޮށްދެއްވާފައިވާކަން ފާހަގަކުރައްވާ ސީއެމްޑީއޭއިން ވަނީ ދެފުށް ފެންނަ ހަރުދަނާ މާލީ ދާއިރާއަކަށް އެ އޮތޯރިޓީގެ ދައުރު ހައްދަވައިދެއްވީ މަނިކު ކަމުގައި ބުނެފައެވެ.

ސީއެމްޑީއޭގެ ސީއީއޯގެ މަގާމަށް 2021 ވަނަ އަހަރު އައްޔަންކުރެއްވި މަނިކު ވަނީ ފިނޭންސް މިނިސްޓްރީއާ އެމްއެމްއޭގައިވެސް މަސައްކަތް ކުރައްވާފައެވެ.

މީގެއިތުރުން ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމްގެ ވެރިކަމުގައި އެސްޓީއޯގެ މެނޭޖިން ޑިރެކްޓަރުކަން ކުރައްވާފައިވާ މަނިކަކީ ޕެންޝަން އޮފީހުގެ އެންމެ ފުރަތަމަ ސީއީއޯގެ މަގާމުގައިވެސް ގިނަ އަހަރުތަކެއް ހޭދަކުރެއްވި ބޭފުޅެކެވެ.

މަނިކު ވަނީ އެމެރިކާގައި ހުންނަވާ ރާއްޖޭގެ ސަފީރުކަންވެސް ފުރުއްވާފައެވެ.