"އަދަދު" ނޫހުން ތައްޔާރު ކުރި 'އައިޝާ' ޑޮކިއުމަންޓްރީއާ ގުޅިގެން ފުލުހުން ހިންގަމުންދާ ތަހުގީގަށް ސަރުކާރުން ނުފޫޒު ފޯރުވާ ކަމަށް ކުރެވޭ ތުހުމަތުތައް ހޯމް މިނިސްޓަރު އަލީ އިހުސާން ދޮގުކުރައްވައިފިއެވެ.
މި މައްސަލާގައި ކުރީގެ އުއްތަމަ ފަނޑިޔާރު ޑރ. އަހްމަދު އަބްދުﷲ ދީދީ އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، ފުލުހުންގެ މުއައްސަސާއަކީ ހޯމް މިނިސްޓްރީގެ ބެލުމުގެ ދަށުން ހިނގާ ތަނެއް ނަމަވެސް، ޖިނާއީ ތަހުގީގުތަކަށް ސީދާ ގޮތުންނާއި ނުސީދާ ގޮތުން ނުފޫޒު ފޯރުވުމުގެ ބާރު މިނިސްޓަރަށް ލިބިގެން ނުވާ ކަމަށެވެ. އަދި 'އައިޝާ' ޑޮކިއުމަންޓްރީގެ ތަހުގީގަކީ ސަރުކާރުގެ ނުފޫޒުން އެއްކިބާވެފައިވާ މިނިވަން ތަހުގީގަކަށް ހެދުމަށްޓަކައި، އެ މަސައްކަތް ހާއްސަ އިންވެސްޓިގޭޓަރަކާ ހަވާލުކުރަންޖެހޭ ކަމަށް ވެސް ޑރ. އަހްމަދު އަބްދުﷲ ދީދީ ވިދާޅުވިއެވެ.
ޑރ. އަހްމަދު އަބްދުﷲ ދީދީގެ މި ވާހަކަތަކަށް ރައްދު ދެއްވަމުން ހޯމް މިނިސްޓަރު ވިދާޅުވީ، ތަހުގީގުތަކަށް ނުފޫޒު ފޯރުވުމުގެ ބާރު ގާނޫނުން ލިބިދީފައި ނުވާތީ، އެ ބާރުގެ ބޭނުން ނުކުރައްވާ ކަމަށެވެ. އަދި މިހާތަނަށް ހިންގާފައިވާ އެއްވެސް ތަހުގީގަކަށް ސީދާކޮށް ނުވަތަ ނުސީދާކޮށް ވެސް ނުފޫޒެއް ފޯރުވާފައި ނުވާނެ ކަމުގެ ޔަގީންކަން މިނިސްޓަރު ދެއްވިއެވެ.
މީގެ އިތުރުން މިނިސްޓަރު އިހުސާން ވަނީ ޑރ. އަހްމަދު އަބްދުﷲ ދީދީއަށް ވަރުގަދަ ރައްދެއް ދެއްވާފައެވެ. މިނިސްޓަރު ވިދާޅުވީ، އެމަނިކުފާނު މަގާމުގެ މަސްއޫލިއްޔަތު އަދާކުރައްވަނީ ޑރ. އަހްމަދު އަބްދުﷲ ދީދީ އުއްތަމަ ފަނޑިޔާރުކަމުގެ މަގާމުގައި ހުންނަވައިގެން އަމަލުކުރެއްވި ގޮތަށް ނޫން ކަމަށެވެ.
އަދަދު ނޫހުން ތައްޔާރުކޮށްފައިވާ ޑޮކިއުމަންޓްރީގައި "އައިޝާ" ގެ ނަން ބޭނުންކޮށް ރައީސް މުއިއްޒުއަށް ތުހުމަތުވާ ގިނަ ކަންތައްތަކެއް ހިއްސާކުރި އަންހެނެއްގެ ވަހާކަތައް ވަނީ އޭއައި ބޭނުންކޮށްގެން ގެނެސްދީފައެވެ. މި ޑޮކިއުމަންޓްރީ އާންމުވި އިރު އޭގައި މައުލޫމާތު ދީފައިވާ އަންހެނާ އަކީ އީޝާ އަޝްރަފް ކަމަށް ބުނެ ސޯޝަލް މީޑިއާގައި ވަރަށް ގިނަ ބައެއްގެ ފާޑުކިޔުން ވަނީ ސަރުކާރަށް އަމާޒުވެފައެވެ. ނަމަވެސް މި ކަމާ ގުޅިގެން ރަސްމީ އިދާރާއެއްގެ އެއްވެސް ބަހެއް ލިބިފައި ނުވާއިރު މި ހަފްތާގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އަދަދު ނޫހުގެ ނޫސްވެރިޔަކު ކުރި ސުވާލަކާ ގުޅިގެން ވަނީ މި މައްސަލަ ބަލައި ފިޔަވަޅު އެޅުމަށް ރައީސް މުއިއްޒު ގޮވާލައްވާފައެވެ.
އަދަދުގެ ނޫސްވެރިޔާ ކުރި ސުވާލުގައި އެ ޑޮކިއުމަންޓްރީ ތައްޔާރު ކުރި އިރު އެ ތުހުމަތުތަކުގެ ވާހަކައަށް އެދެވޭ ވަރުގެ ހެކި ލިބިފައިވާ ކަަމަށް ވަނީ ބުނެފައެވެ. އަދި އެ ތުހުމަތުތަކަށް ރައީސްގެ ބަސްފުޅެއް ހޯދުމަށް މަސައްކަތް ކޮށްފައި ވެއެވެ. ރައީސް ވަނީ އެ ތުހުމަތައް ދޮގު ކުރައްވައި އަދަދު ނޫހުން އެ ޑޮކުމަންޓްރީ ހެދި ކަމަށް އިއުތިރާފްވެފައިވާތީ އެ މައްސަލަ ބަލައި ދައުވާ ކުރައްވާނެ ކަމަށް ވިދާޅުވެފައެވެ.
އެއާއެކު ރޭގެ ވަގުތެއްގައި ފުލުހުން ވަނީ މި މައްސަލަ ޖިނާއީ މައްސަލައެއްގެ ގޮތުގައި ބަލަން ފަށައި އަދަދު ނޫހުގެ އިދާރާއަށް ރެއިޑް ޖަހާފައެވެ. އެ ޑޮކިއުމެންޓްރީގެ މައްސަލައިގައި އަދަދު ނޫހުގެ ސީއީއޯ އަދި ޗީފް އެޑިޓަރު ހުސައިން ފިޔާޒް މޫސާގެ ޕާސްޕޯޓު ހިފަހައްޓާފައި ވާއިރު، މެނޭޖިން އެޑިޓަރު ހަސަން މުހައްމަދު (ހަސަނާ)ގެ ޕާސްޕޯޓު ވެސް ހިފަހައްޓާފައެވެ.
ހ. ހަޒާރުމާގޭގެ އަށްވަނަ ފަންގިފިލާގައި ހިންގާ އަދަދު ނޫހުގެ އޮފީހަށް ފުލުހުން ވަދެ، ގާތްގަނޑަކަށް ހަތަރު ގަޑިއިރު ވަންދެން ހަރަކާތްތެރިވިއެވެ. ހަތްދިހަ ދެ ގަޑިއިރުގެ މުއްދަތަށް ދީފައިވާ ބަލައި ފާސްކުރުމުގެ އަމުރުގެ ދަށުން، ނޫސް ހިންގަން ބޭނުންކުރާ އިލެކްޓްރޯނިކް ގިނަ ވަސީލަތްތަކަކާއި ބައެއް މުދާ ފުލުހުންގެ ބެލުމުގެ ދަށަށް ވަނީ ގެންގޮސްފައެވެ.
