"އަދަދު" ނޫހުން ގެނެސްދިން "އައިޝާ" ޑޮކިއުމެންޓްރީއާ ގުޅިގެން ފުލުހުން ބަލަމުންދާ މައްސަލައިގައި އެ ނޫހުގެ ސީއީއޯ އަދި ޗީފް އެޑިޓަރު ހުސައިން ފިޔާޒް މޫސާގެ މައްޗަށް ޖިނާއީ ފަސް ކުށެއްގެ ތުހުމަތު ކޮށްފިއެވެ.

ކާކުކަން ނޭނގޭ ގޮތަށް އަދި އަޑު ބަދަލުކޮށްގެން ދައްކާފައިވާ ވާހަކަތަކެއް ހިމަނައިގެން އަދަދުން ހެދި ޑޮކިއުމެންޓްރީ އާންމުކޮށްފައި ވަނީ މިދިޔަ މަހުގެ 28 ވަނަ ދުވަހުއެވެ. އޭގެ ފަހުން މަހަކާ ގާތްވެފައި ވަނިކޮށް އެ މައްސަލައިގައި މިދިޔަ ހޯމަ ދުވަހު ފުލުހުން ވަނީ އެ ނޫސް ހިންގާ އޮފީހަށް ވަދެ ބަލާ ފާސްކޮށް އެތަނުގައި ހުރި ގިނަ އަދަދެއްގެ އިލެކްޓްރޯނިކް ސާމާނު ގެންގޮސްފައެވެ.

އަދި ތިން މީހެއްގެ ޕާސްޕޯޓު ހިފަހައްޓާފައިވާއިރު އޭގެ ތެރޭގައި ހިމެނެނީ އެ ނޫހުގެ މެނޭޖިން އެޑިޓަރު ހަސަން މުހައްމަދާއި ފިޔާޒް މޫސާގެ އިތުރުން އީޝާ އަޝްރަފްއެވެ.

އެ މައްސަލައިގެ ތަހުގީގު ބޭނުމަށް ހަސަން މިއަދު ހެނދުނު ކޯޓަށް ހާޒިރުކުރިއިރު ފިޔާޒް ކޯޓަށް ހާޒިރުކޮށްފައި ވަނީ މިއަދު ހަވީރުގެ ވަގުތެއްގައެވެ. ފުލުހުންގެ ތަހުގީގު ސުވާލުތަކަށްފަހު ފުލުސް އޮފީސް ބޭރުގައި ނޫސްވެރިންނާ ބައްދަލު ފިޔާޒްގެ ވަކީލް އަލީ ހުސެއިން ވިދާޅުވީ، ފިޔާޒްގެ މައްޗަށް ފަސް ކުށެއްގެ ތުހުމަތު ކޮށްފައިވާ ކަމަށެވެ.

އެގޮތުން އެ ތުހުމަތުތަކަކީ:

  1. ގާނޫނުލްއުގޫބާތުގެ 30 ވަނަ މާއްދާ: މީހަކު ކުރާ އަމަލަކަށް އެހެން މީހާކު ޒިންމާދާރުކުރުވުން، ބައިވެރިވުމުގެ ޒިންމާ
  2. ގާނޫނުލްއުގޫބާތުގެ 30 ވަނަ މާއްދާގެ (ހ)ގެ ދެވަނަ ނަންބަރު: މީހަކު ކުރާ އަމަލަކަށް އެހެން މީހާކު ޒިންމާދާރުކުރުވުން، ބައިވެރިވުމުގެ ޒިންމާ
  3. ގާނޫނުލްއުގޫބާތުގެ 81 ވަނަ މާއްދާ: ކުށެއް ކުރުމަށް އެދުން
  4. ގާނޫނުލްއުގޫބާތުގެ 82 ވަނަ މާއްދާ: ކުށެއް ކުރުމަށް ރޭވުން
  5. ގާނުލްއުގޫބާތުގެ 612 ވަނަ މާއްދާ: ގަޛްފުކުރުން

އަދި ހަމަ އެހެންމެ ފުލުހުންގެ ސުވާލުތައް ހުރީ ސީދާ މަސްދަރު ހާމަކުރަން ޖެހޭ ގޮތަށް ކަމުން ފިޔާޒް ހަނު ހުރުމުގެ ބޭނުން ކޮށްފައިވާ ކަމަށް އަލީ ހުސެއިން ވިދާޅުވިއެވެ.

ފިޔާޒް ހަނު ހުރުމުގެ ހައްގު ބޭނުން ކޮށްފައިވާއިރު، ހަމަ އެ މައްސަލައިގައި "އަދަދު" ނޫހުގެ އެޑިޓަރު ހަސަން މުހައްމަދު ފުލުސް އޮފީހަށް ހާޒިރުކުރުމުން އޭނާވެސް ވަނީ ހަނު ހުރުމުގެ ހައްގު ބޭނުންކޮށްފައެވެ. ހަސަންގެ މައްޗަށް ވެސް މި 5 ކުށުގެ ތުހުމަތުކުރެއެވެ.

އަދަދު ނޫހުން ތައްޔާރުކޮށްފައިވާ ޑޮކިއުމަންޓްރީގައި "އައިޝާ" ގެ ނަން ބޭނުންކޮށް ރައީސް މުއިއްޒުއަށް ތުހުމަތުވާ ގިނަ ކަންތައްތަކެއް ހިއްސާކުރި އަންހެނެއްގެ ވަހާކަތައް ވަނީ އޭއައި ބޭނުންކޮށްގެން ގެނެސްދީފައެވެ. މި ޑޮކިއުމަންޓްރީ އާންމުވި އިރު އޭގައި މައުލޫމާތު ދީފައިވާ އަންހެނާ އަކީ އީޝާ އަޝްރަފް ކަމަށް ބުނެ ސޯޝަލް މީޑިއާގައި ވަރަށް ގިނަ ބައެއްގެ ފާޑުކިޔުން ވަނީ ސަރުކާރަށް އަމާޒުވެފައެވެ.

ނަމަވެސް މި ކަމާ ގުޅިގެން ރަސްމީ އިދާރާއެއްގެ އެއްވެސް ބަހެއް ލިބިފައި ނުވާއިރު މި ހަފްތާގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އަދަދު ނޫހުގެ ނޫސްވެރިޔަކު ކުރި ސުވާލަކާ ގުޅިގެން ވަނީ މި މައްސަލަ ބަލައި ފިޔަވަޅު އެޅުމަށް ރައީސް މުއިއްޒު ގޮވާލައްވާފައެވެ. އެއާއެކު ކަމާ ގުޅުންހުރި އިދާރާތަކުން ދަނީ މި މައްސަލަ ވަރަށް ސީރިއަސް މައްސަލައެއްގެ ގޮތުގައި ބަލަމުންނެވެ.