އަދަދު ނޫހުގެ ޗީފް އެޑިޓަރު އަދި ސީއީއޯ ހުސެއިން ފިޔާޒް މޫސާގެ ޕާސްޕޯޓު ހިފަހައްޓައިފިއެވެ.
ފިޔާޒްގެ ޕާސްޕޯޓު ހިފަހައްޓާފައި ވަނީ އަދަދު ނޫހުން ގެނެސްދިން "އައިޝާ" ޑޮކިއުމެންޓްރީއާ ގުޅިގެން ފުލުހުން ބަލަމުންދާ މައްސަލައިގައެވެ.
އެގޮތުން ކްރިމިނަލް ކޯޓުން މިރޭ 22:11 ގައި ނެރުނު އަމުރުގައި ބުނެފައި ވަނީ ފިޔާޒު ފުރުން މަނާކުރަނީ އޭނާ ފުރައިގެން ދާން އުޅޭ ކަމަށް ފުލުހުންގެ އިންޓެލިޖެންސަކަށް ލިބުނު މައުލޫމާތަކާ ގުޅިގެންނެވެ. އަދި އޭނާ ފުރުން މަނާކޮށްފައި ވަނީ މިއަދުން ފެށިގެން ޖުލައި 26، ގެ ނިޔަލަށް އެއް މަހުގެ މުއްދަތަކަށެވެ.
'އައިޝާ' ގެ ނަމުގައި އަދަދު ނޫހުން ގެެނެސްދިން ޑޮކިއުމަންޓްރީގެ މައްސަލައިގައި ފުލުހުން ދަނީ އެ ނޫހުގެ އޮފީހަށް ވަދެ ފާސްކުރަމުންނެވެ. އެ އޮފީސް ފާސްކުރަން ފަށާފައި މިވަނީ އެ ޑޮކިއުމަންޓްރީގައި ހިމެނޭ ވާހަކަތަކާ ގުޅިގެން ރައީސުލްޖުމްހޫރިއްޔާ އެކަން ދޮގުކުރައްވައި، އަދަދުން ދޮގު ހަބަރު ފެތުރިކަމަށްބަލަައި މައްސަލަ ތަހުގީގު ކޮށްދިނުމަށް ކަމާބެހޭ އިދާރާތަކުގައި މިއަދު އެދިވަޑައިގެންފައިވާވުމާއެކުއެވެ.
މިއަދު ރައީސް ބޭއްވެވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އަދަދު ނޫހުގެ ނޫސްވެރިޔާ ވަނީ ރަމަޟާން މަހު އާންމު ވެގެން ދިޔަ އޭއައި ބޭނުންކޮށްގެން ޖެނެރޭޓްކޮށްފައިވާ ވީޑިއޯ އަކީ އެ ނޫހަށް ލިބިފައިވާ ހެއްކާ އެކު އުފައްދާފައިވާ ޑޮކިއުމަންޓްރީއެއް ކަމަށް ބުނެފައެވެ. އަދި އެ ޑޮކިއުމަންޓްރީގައި އެމަނިކުފާނަށް ތުހުމަތު ކުރެވޭ ކަންކަމާ ގުޅުވާ ވަނީ ސުވާލު ކޮށްފައެވެ.
އެ ސުވާލަށް ޖަވާބު ދެއްވަމުން ރައީސް މުއިއްޒު ވިދާޅުވީ، އެ ނޫހަކުން އެމަނިކުފާނާ ގުޅުވައިގެން ދާދިފަހުން ނެރުނު ވީޑިއޯ ޑޮކިއުމަންޓްރީއަކީ އެއްވެސް އަސާސެއް ނެތް، ހަގީގަތާ ހިލާފު ދޮގު މައުލޫމާތުތަކެއްގެ މައްޗަށް ބިނާކޮށްފައިވާ އެއްޗެއް ކަމަށެވެ. އެ ވީޑިއޯގައި އެމަނިކުފާނަށް އަމާޒުކޮށްފައިވާ ތުހުމަތުތަކަކީ ކަނޑައެޅިގެން ދޮގު ވާހަކަތަކެއް ކަމަށް ރައީސް ވިދާޅުވިއެވެ. އަދި އެފަދަ ދޮގު މައުލޫމާތު ފެތުރި ފަރާތްތަކާ މެދު ގާނޫނީ ފިޔަވަޅު އެޅުމަށް ކަމާބެހޭ ފަރާތްތަކުގައި އެދިވަޑައިގަންނަވާނެ ކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ.
އެ އޮފީސް ފާސްކުރުމަުންދިޔުމާ ގުޅިގެން މޯލްޑިވްސް ޖާނަލިސްޓް އެސޯސިއޭޝަން (އެމްޖޭއޭ)ގެ ބައިވެރިންނާއި އެހެނިހެން ނޫސްވެރިން ދަނީ އެ ނޫހުގެ އޮފީސް ކުރިމަތީގައި އިހުތިޖާޖުވެސް ކުރަމުންނެވެ. އެމްޖޭއޭއިން ބުނި ގޮތުގައި، މި އިހުތިޖާޖުގެ ބޭނުމަކީ ނޫސްވެރިކަމުގެ މިނިވަންކަމަށް ހުރަސްއެޅުމަށް ކުރާ މަސައްކަތްތަކާ ދެކޮޅު ހެދުމެވެ. އަދި ހަމަ އެހެންމެ މިނިވަން ނޫސްވެރިކަމަށް ބިރުދެއްކުމާއި، ނޫސްވެރިންގެ މަސައްކަތަށް ހުރަސްއެޅުން ވަގުތުން ވަގުތަށް ހުއްޓާލުމަށް އެމްޖޭއޭއިން ކަމާބެހޭ މުއައްސަސާތަކަށް ދަނީ ގޮވާލަމުންނެވެ.
މީގެ އިތުރުން ވެސް ފުލުހުންގެ އެ އަމަލު ކުށްވެރިކޮށް ކުރީގެ ފޮރިން މިނިސްޓަރު އަދި އެމްޑީޕީގެ ރައީސް އަބްދުﷲ ޝާހިދުވެސް ވަނީ މިނިވަން މީޑިއާތަކަށް ބިރުދެއްކުމަށް ސަރުކާރުން ކުރާ މި މަސައްކަތަކީ ނޫސްވެރިކަމުގެ މިނިވަންކަމަށާއި، މައުލޫމާތު ހޯދައި ލިބިގަތުމަށް ރައްޔިތުންނަށް އޮތް ހައްގަށް ދިން ސީދާ ހަމަލާއެއް ކަމަށް ވިދާޅުވެފައެވެ.
