ދާއިމީ ބަލިތައް ތަހައްމަލު ކުރަމުންދާ ފަރާތްތަކަށް ދެމެހެއްޓެނިވި ގޮތެއްގައި ބޭސް ލިބޭނެ އިންތިޒާމް ހަމަޖެއްސުމަށް ސަރުކާރުން އުފައްދާފައިވާ "ސްޓޭޓް ފާމާ" އިން މަސައްކަތް ކުރަމުންދާއިރު، ބޭސް ގެނައުމުގެ މަސައްކަތް ކުރާ އަމިއްލަ ކުންފުނިތަކަށް އެއްވެސް ހުރަހެއް ނޯންނާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަފުޅު ދައްކަވަމުން ރައީސް މުއިއްޒު ވިދާޅުވީ، ބޭސް ލިބުމުގެ މައްސަލަ ހައްލުކުރުމަށް ހާއްސަ ކުންފުންޏެއް އުފައްދައިގެން ރައްޔިތުންގެ ކަންބޮޑުވުންތަކަށް ހައްލު ހޯދުމަށް ގިނަ މަސައްކަތްތަކެއް ކުރަމުންދާ ކަމަށެވެ. އެގޮތުން ސްޓޭޓް ފާމާ ކުންފުނިން މިހާރު ކުރަމުންދާ މަސައްކަތްތަކުގެ ތެރޭގައި ގުދަންތައް ބިނާކުރުމާއި، ބޭސް އެތެރެކުރުމުގެ މަސައްކަތް ހަރުދަނާ ނިޒާމެއްގެ ތެރެއިން ކުރުމަށް ބޭނުންވާ ސިސްޓަމްތައް ގާއިމްކުރުން ހިމެނޭ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
މީގެ ކުރިން އެސްޓީއޯ އިން ކުރަމުން އައި ބޭހުގެ ވިޔަފާރި ސްޓޭޓް ފާމް ކުންފުންޏަށް ބަދަލުކޮށް، އެ މަސައްކަތް އިތުރަށް ވަރުގަދަކުރަމުންދާކަން ރައީސް ފާހަގަކުރެއްވިއެވެ. ރައީސް ވިދާޅުވީ ދާއިމީ ބަލިތަކަށް ބޭސްކުރާ ފަރާތްތަކަށް ބޭސް ލިބުމުގައި ހުރި ދަތިތަކަކީ އެމަނިކުފާނު ކެމްޕެއިންގައި "ދޮރުން ދޮރަށް" ހިންގެވި ހަރަކާތްތަކުގެ ތެރެއިން ރައްޔިތުން އެންމެ ބޮޑަށް ހިއްސާކުރި އެއް ކަންބޮޑުވުން ކަމަށެވެ.
"ސްޓޭޓް ފާމާ އަކީ ބޭހާއި ސިއްހީ ގޮތުން ބޭނުންވާ ޑިވައިސްތައް ހޯދުމަށް ސީދާ އުފެއްދި ކުންފުންޏެއް. މި މަސައްކަތުގެ ތެރެއިން ބޭސް ހޯދުން ދެމެހެއްޓެނިވި ގޮތެއްގައި ރޭވިގެން ކުރިއަށްދާނެ،" ރައީސް ވިދާޅުވިއެވެ. އެމަނިކުފާނު އިތުރަށް ވިދާޅުވީ އަމިއްލަ ކުންފުނިތަކުން ދެމެހެއްޓެނިވި ގޮތެއްގައި އެ މަސައްކަތް ނުކުރުމުގެ ސަބަބުން ރައްޔިތުންނަށް ދިމާވާ ދަތިތައް ހައްލުކުރުމަކީ ސަރުކާރުގެ އަމާޒެއް ނަމަވެސް، ޕްރައިވެޓް ކުންފުނިތަކަށް އެ މަސައްކަތް ކުރުމުގައި އެއްވެސް ހުރަހެއް ނޯންނާނެ ކަމަށެވެ.
ދައުލަތުގެ މާލީ ޒިންމާތަކާ ގުޅޭގޮތުން ވާހަކަފުޅު ދައްކަވަމުން ރައީސް ވަނީ، ކުރިއަށް އޮތް ދުވަސްތަކުގައި ދިވެހި ކުންފުނިތަކަށް ދައްކަންޖެހޭ 260 މިލިއަން ރުފިޔާ ދައްކަން ނިންމަވާފައިވާ ކަން ހާމަކުރައްވާފައެވެ. މީގެ ތެރޭގައި އާސަންދަ މެދުވެރިކޮށް އެކި ފާމަސީތަކަށް ދައްކަންޖެހޭ ފައިސާވެސް ހިމެނޭނެ ކަމަށް ރައީސް ވިދާޅުވިއެވެ.
ބޭސް ލިބުމުގެ ދަތިކަން ހައްލުކުރުމަށް ސްޓޭޓް ފާމުން ކަނޑައަޅާފައިވާ ޓާގެޓްތައް ހާސިލްވުމުން، ރައްޔިތުންނަށް ބޮޑު ލުޔެއް ލިބިގެންދާނެ ކަމުގެ ޔަގީންކަން ރައީސުލްޖުމްހޫރިއްޔާ ވަނީ ދެއްވާފައެވެ.
