ގައުމީ އަސާސީ ބޭހުގެ ލިސްޓު މުރާޖާކޮށް އެއަށް އަމަލުކުރަން ފެށުމަށް މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީ (އެމްއެފްޑީއޭ) އިން ފާމަސީތަކަށް އަންގައިފިއެވެ.
އެ އޮތޯރިޓީން މިއަދު ނެރުނު އިއުލާނެއްގައި ބުނީ، ރާއްޖޭގެ ސިއްހީ ނިޒާމުގެ ތެރެއިން ފޯރުކޮށްދޭންޖެހޭ އަސާސީ ބޭސްތައް މެދުނުކެނޑި ލިބެން ހުންނަކަން ކަށަވަރު ކުރުމަކީ އެމްއެފްޑީއޭހެ ޒިންމާއެއް ކަމަށެވެ.
އެގޮތުން، ފާމަސީތަކުގައި ބެހެއްޓުމަށް ލާޒިމްކުރާ އަސާސީ ބޭހުގެ ލިސްޓު މިހާރު އަދާހަމަކޮށްފައިވާ ކަމަށް އެމްއެފްޑީއޭއިން ބުނެފައި ވެއެވެ. އެ ލިސްޓު ދެ ގްރޭޑަކަށް ގިންތިކުރެވިފައިވާއިރު، ކޮންމެ ފާމަސީއަކުންވެސް އެ ފާމަސީއެއް ނިސްބަތްވާ ގްރޭޑަކަށް ކަނޑައެޅިފައިވާ ބޭހުގެ މަދުވެގެން 80 ޕަސެންޓް ބޭސް ލިބޭނެ އިންތިޒާމު ހަމަޖައްސަންޖެހޭނެ ކަމަށް އެ އޮތޯރިޓީން ބުނެފައި ވެއެވެ.
ހަމަ އެހެންމެ މިހާރު ހިންގަމުންދާ ފާމަސީތަކުން، ގިންތިކުރެވިފައިވާ ގްރޭޑާ އެއްގޮތަށް ހުރިހާ ބޭހެއް ލިބޭނެ އިންތިޒާމު ކުރިއަށް އޮތް 6 މަސް ދުވަހުގެ ތެރޭގައި ހަމަޖައްސަންޖެހޭނެ ކަމަށް ވެސް އެ އިއުލާނުގައި ބުނެފައި ވެއެވެ.
އަދި އަލަށް ހުޅުވާ ފާމަސީތައް ރަޖިސްޓްރީ ކުރުމަށްފަހު ބޭސް ވިއްކުމުގެ ހުއްދަ ދޫކުރާނީ، އެ ގިންތިއެއްގެ ފާމަސީގައި ބަހައްޓަންޖެހޭ ބޭސްތައް ހަމަކުރުމުން ކަމަށްވެއެވެ. ފާމަސީތައް ގިންތިކުރެވިފައިވާ ގޮތުގެ ތަފްސީލު "ގައިޑްލައިން އޮން މިނިމަމް ރިކުއާމަންޓް އޮފް އެސެންޝިއަލް މެޑިސިންސް އިން ފާމަސީ" ގައި ހިމަނާފައިވާއިރު އެ ގައިޑްލައިން އެމްއެފްޑީއޭ ގެ ވެބްސައިޓުންނާއި، މިނިސްޓްރީ އޮފް ހެލްތުގެ ވެބްސައިޓުގެ އިތުރުން ދިރިތި ޕޯޓަލްއިން ލިބެން ހުންނާނެ ކަމަށް އެމްއެފްޑީއޭއިން ބުނެއެވެ.
އެކަމާ ގުޅޭ އިތުރު ތަފްސީލު ބޭނުންވާ ފަރާތްތަކަށް އެ އޮތޯރިޓީގެ މެޑިސިން އެންޑް ތެރަޕިއުޓިކް ގުޑްސްގެ ހޮޓްލައިން ނަންބަރު 7200321 އަށް ގުޅައިގެން މައުލޫމާތު ހޯދުމަށް އެދިފައި ވެއެވެ.
ބޭހުގެ އަގުތައް ހަމައަގަށް ތިރިކޮށް މެޑިކަލް މާފިއާ ހުއްޓުވުމާއި އާސަންދަ އިސްލާހުކުރުމަކީ ވެސް ރައީސްގެ ވައުދުފުޅެކެވެ. ނަމަވެސް ބޭސް ނުލިބޭ ޝަކުވާތައް ދޭތެރެ ދޭތެރެއިން ފެންމަތިވެއެވެ.
