ރާއްޖޭގައި ނަފްސާނީ ބަލިތަކާއި ނަފްސާނީ ދުޅަހެޔޮކަމަކީ މިހާރު ވަރަށް ބޮޑަށް ސަމާލުކަން ދެވޭ، ނަމަވެސް ގިނަ ގޮންޖެހުންތަކެއް ހުރި މައުލޫއެކެވެ. އެއްކޮޅުން ބަލިތަކަށް އޮންނަ ހޭލުންތެރިކަން އިތުރުވަމުންދާއިރު، އަނެއްކޮޅުން މުޖުތަމައުގެ ތެރޭގައި ހިނގާ ބުލީކުރުމާއި ބްލެކްމެއިލް ކުރުން ފަދަ ކަންކަމުގެ ސަބަބުން ނަފްސާނީ ރައްކާތެރިކަމަށް ވަނީ ބޮޑެތި ހުރަސްތަކަކާ ކުރިމަތިވެފައެވެ. މި ދެ ކަމަކީ އެއް ކަމެއް އަނެއް ކަމަކާ ގުޅިފައިވާ، އަދި މުޅި މުޖުތަމައުގެ ސަމާލުކަން ބޭނުންވާ ކަންކަމެވެ.
ނަފްސާނީ ބަލިތަކާ މެދު އޮންނަ ނުރަނގަޅު ވިސްނުން ނުވަތަ ސްޓިގްމާއަކީ އެންމެ ބޮޑު އެއް ގޮންޖެހުމެވެ. ނަފްސާނީ ބައްޔެއް ހުންނަ މީހަކީ މޮޔައެއް ނުވަތަ އީމާންތެރިކަން ކުޑަ މީހެއް ކަމަށް ބައެއް މީހުން ދެކެއެވެ. މިފަދަ ވިސްނުންތަކުގެ ސަބަބުން ބަލި ތަހައްމަލުކުރާ މީހުން އެހީތެރިކަން ހޯދަން ފަސްޖެހެއެވެ. މީގެ އިތުރުން، ރާއްޖޭގައި ނަފްސާނީ ފަރުވާދޭ މަރުކަޒުތަކާއި މާހިރުން މަދުވުމަކީ ބޮޑު މައްސަލައެކެވެ. ގިނަ ފަހަރަށް ފަރުވާ ހޯދުމަށް ދިގު އިންތިޒާރެއް ކުރަން ޖެހުމަކީ ވެސް ފަރުވާ ނުހޯދި ލަސްވެގެން ގޮސް އިތުރު ނުރައްކަލަކަށް ހުށަހެޅިގެންދާ ކަންކަމެވެ.
ހާއްސަކޮށް އަތޮޅުތެރޭގެ ރަށްތަކުގައި މިފަދަ ހިދުމަތްތައް ލިބުން ދަތިވުމުގެ ސަބަބުން، ގިނަ ބަޔަކު މާލެއަށް ބަރޯސާވާން ޖެހެއެވެ. ނަމަވެސް، މިދިޔަ އަހަރުގެ ޖަނަވަރީ 1 އިން ފެށިގެން ނަފްސާނީ ބަލިތަކަށް ކުރާ ހުރިހާ ހަރަދެއް އާސަންދައިން ކަވަރުކޮށްދޭން ނިންމި ނިންމުމަކީ ލިބުނު ބޮޑު ލުޔެކެވެ.
ކަންބޮޑުވާންޖެހޭ ތަފާސްހިސާބުތައް:
ދިވެހިރާއްޖޭގައި ނަފްސާނީ ބަލިތަކަށް ފަރުވާ ހޯދާ މީހުންގެ ތަފާސްހިސާބުތަކަށް ބަލާއިރު، ފާއިތުވި އަހަރުތަކުގައި މި އަދަދުތައް ވަނީ ވަރަށް ބޮޑަށް އިތުރުވެފައެވެ. ދުނިޔޭގެ ސިއްހަތު ޖަމްއިއްޔާ (ޑަބްލިޔުއެޗްއޯ) އާއި ހެލްތް މިނިސްޓްރީ ގުޅިގެން 2022 ވަނަ އަހަރު ހެދި ސްޓެޕްސް ސާވޭގެ ނަތީޖާ ދައްކާގޮތުން، ރާއްޖޭގެ ކޮންމެ 5 މީހަކުން 1 އަކީ ކޮންމެވެސް މިންވަރަކަށް ޑިޕްރެޝަން ނުވަތަ އެންޒައިޓީގެ އަލާމާތްތައް ތަހައްމަލުކުރަމުންދާ މީހެކެވެ. ހިއުމަން ރައިޓްސް ކޮމިޝަނުން 2023 ވަނަ އަހަރު އާންމުކުރި ރިޕޯޓެއްގައިވާ ގޮތުން، ފާއިތުވި 5 އަހަރުގެ ތެރޭގައި 26.63 މީހުން ވަނީ އާސަންދަ މެދުވެރިކޮށް ނަފްސާނީ ބަލިތަކަށް ފަރުވާ ހޯދާފައެވެ. މީގެ ތެރެއިން 63 ޕަސެންޓް މީހުންނަކީ މާލޭ ސަރަހައްދުގައި ދިރިއުޅޭ މީހުންނެވެ.
މީގެ އިތުރުން، ނޭޝަނަލް ސެންޓަ ފޯ މެންޓަލް ހެލްތުގެ ތަފާސްހިސާބުތަކުން ދައްކާގޮތުގައި 2019 ވަނަ އަހަރު 7،246 ގައި ހުރި ކޮންސަލްޓޭޝަންގެ އަދަދު 2023 އާ ހަމައަށް އައިއިރު ވަނީ ބޮޑުތަނުން އިތުރުވެފައެވެ. 2024 ވަނަ އަހަރުގެ ނިޔަލަށް ހުރި ހިސާބުތަކަށް ބަލާއިރު، ގުރައިދޫގައި ހުންނަ ހާއްސަ އެހީއަށް ބޭނުންވާ މީހުންގެ މަރުކަޒުގައި ތިބި 212 މީހުންގެ ތެރެއިން 178 މީހުންނަކީ ނަފްސާނީ ބަލިތައް ތަހައްމަލުކުރަމުންދާ މީހުންނެވެ.
ނަފްސާނީ ދުޅަހެޔޮކަމަށް އޮތް އެންމެ ބޮޑު އެއް ނުރައްކަލަކީ ބުލީކުރުމާއި ބްލެކްމެއިލް ކުރުމެވެ. ފުލުހުންގެ ތަފާސްހިސާބުތަކަށް ބަލާއިރު، ކުޑަކުދިންނަށް އަމާޒުކޮށްގެން ހިންގާ ބްލެކްމެއިލް ކުރުމުގެ މައްސަލަތައް 2024 ވަނަ އަހަރު ވަނީ ވަރަށް ބޮޑަށް އިތުރުވެފައެވެ. 2023 ވަނަ އަހަރު ރިޕޯޓްކޮށްފައި ވަނީ ބްލެކްމެއިލް ކުރުމުގެ 5 މައްސަލައެވެ. ނަމަވެސް 2024 ވަނަ އަހަރުގެ ފުރަތަމަ ނުވަ މަސް ދުވަހުގެ ތެރޭގައި މި އަދަދު ވަނީ 15 އަށް އަރާފައެވެ. ބުލީކުރުމުގެ މައްސަލަތައް 2023 ވަނަ އަހަރު 4 ގައި ހުރިއިރު، 2024 ގެ ފުރަތަމަ ނުވަ މަހު ވަނީ 12 އަށް އަރާފައެވެ.
2025 ވަނަ އަހަރު ފުލުހުންނަށް ސައިބާ ކްރައިމްގެ 814 މައްސަލަ ރިޕޯޓްކޮށްފައިވާ އިރު، މީގެ ތެރެއިން 10 ޕަސެންޓް މައްސަލައަކީ ރާއްޖެއިން ބޭރުގެ ގްރޫޕްތަކާ ގުޅިފައިވާ ބްލެކްމެއިލްގެ މައްސަލަތަކެވެ. 2026 ވަނަ އަހަރުގެ އޭޕްރީލް މަހުގެ ނިޔަލަށް ފުލުހުންނަށް ޖުމްލަ 3,717 މައްސަލަ ވަނީ ހުށަހެޅިފައެވެ. ޔުނިސެފް އާއި އެޑިއުކޭޝަން މިނިސްޓްރީގެ ދިރާސާތަކުން ދައްކާގޮތުގައި ރާއްޖޭގެ ސްކޫލްތަކުގައި ކޮންމެ ހަތަރު ކުއްޖަކުން އެއް ކުއްޖަކީ ބުލީގެ ޝިކާރައަކަށްވާ ކުއްޖެކެވެ.
ފެމިލީ އެންޑް ސޯޝަލް ވެލްފެއާ މިނިސްޓްރީގެ ތަފާސްހިސާބުތަކުން ދައްކާގޮތުގައި 2024 ވަނަ އަހަރު ނިމުނުއިރު ޖުމްލަ 2,854 މައްސަލަ މިނިސްޓްރީއަށް ހުށަހެޅިފައިވެއެވެ. މީގެ ތެރެއިން ގިނަ މައްސަލަތަކަކީ އިހުމާލުވުމާއި، ޖިންސީ އަނިޔާ އަދި ނަފްސާނީ އަނިޔާގެ މައްސަލަތަކެވެ. މިކަންކަން ޙައްލުކުރުމަށްޓަކައި މިނިސްޓްރީން ވަނީ 2025 ވަނަ އަހަރު އެކުލަވާލި "ނޭޝަނަލް އެކްޝަން ޕްލޭން އޮން ޕްރިވެންޝަން އޮފް ވައިލެންސް އެގެއިންސްޓް ޗިލްޑްރަން" ގެ ދަށުން 2026 ވަނަ އަހަރު ބުލީ ކުރުމާއި ބްލެކްމެއިލް ކުރުމުން ކުދިން ރައްކާތެރިކުރުމުގެ މަސައްކަތްތައް ހަރުދަނާ ކޮށްފައެވެ. މި ޕްލޭންގެ ދަށުން މިހާރު ދަނީ ސްކޫލްތަކާއި މުޖުތަމައުގެ ތެރޭގައި ހާއްސަ ޕްރޮގްރާމްތަކެއް ހިންގަމުންނެވެ.
ދިވެހިންގެ މެދުގައި އެންމެ އާންމުކޮށް ފެންނަ ނަފްސާނީ މައްސަލަތަކަކީ އެންޒައިޓީ އަދި ޑިޕްރެޝަން އެވެ. ދިރިއުޅުމުގެ ވައްޓަފާޅިއަށް އަންނަ ބަދަލުތަކާއި، އިގްތިސޯދީ ދަތިތަކާއި، އާއިލީ މައްސަލަތަކާއި، މަސްތުވާތަކެތީގެ ވަބާ ފަދަ ކަންކަމުގެ ސަބަބުން ނަފްސާނީ މައްސަލަތައް ކުރިމަތިވާ މިންވަރު އިތުރުވަމުންދާކަން ފާހަގަކުރެވެއެވެ. ކިޔެވުމުގެ ޕްރެޝަރާއި، ސޯޝަލް މީޑިއާގެ ނުފޫޒާއި، ބުލީ ކުރުމުގެ ސަބަބުން ޒުވާނުންގެ މެދުގައި ނަފްސާނީ ބަލިތައް އިތުރުވަމުންދާކަން ތަފާސްހިސާބުތަކުން ދައްކައެވެ.
މީގެ އިތުރުން ވެސް ބައިބޯވެފައިވާ ތަންތަނުގައި ދިރިއުޅުމާއި މާލީ ހާލަތު ދަށަށް ސިއުމާއި ވަޒީފާ ނުލިބި އުޅެން ޖެހޭ މީހުން އިތުރުވެ، އާއިލާތައް ރޫޅިގެން ދިއުމަކީ ވެސް ނަފްސާނީ މައްސަލަތައް އިތުރުވާ ސަބަބެއްގެ ގޮތުގައި ފާހަގަވެއެވެ. ޒަމާނުއްސުރެ ދިވެހިން ނަފްސާނީ ބަލިތަކަށް ރުގްޔާ ހޯދި ނަމަވެސް، ދީނީ އިލްމުވެރިން ވެސް މިހާރު ބާރުއަޅުއްވަނީ ދީނީ ފަރުވާއާއެކު ޑޮކްޓަރީ ފަރުވާ ވެސް ހޯދުމަށެވެ.
މިއަދު ދިވެހި މުޖުތަމައު އޮތީ ނަފްސާނީ ދުޅަހެޔޮކަމުގެ ބޮޑު އިމްތިހާނެއްގެ ކުރިމަތީގައެވެ. ބުލީކުރުމާއި ބްލެކްމެއިލް ކުރުމުގެ ސަބަބުން އެތައް ބައެއްގެ ދިރިއުޅުން ބަރުބާދުވަމުންދާއިރު، މިކަމުން އަރައިގަތުމަށްޓަކައި މުޅި މުޖުތަމައު އެކުގައި މަސައްކަތް ކުރަންޖެހެއެވެ. އެކަކު އަނެކަކަށް އަޅާލުމާއި، ކުށްކުރާ ފަރާތްތަކަށް ހައްގު އަދަބު ދިނުމާއި، ފަރުވާގެ ނިޒާމު ހަރުދަނާކުރުމަކީ ކޮންމެހެން ކުރަންޖެހޭ ކަންކަމެވެ. ނަފްސާނީ ބައްޔަކީ "ލަދުވެތި" ކަމެއްގެ ގޮތުގައި ދެކުން ހުއްޓާލައި، އެއީ ވެސް ފަރުވާ ބޭނުންވާ ސިއްހީ މައްސަލައެއްކަން ގަބޫލުކޮށްގެން މެނުވީ، ދުޅަހެޔޮ ޖީލެއް ބިނާއެއް ނުކުރެވޭނެއެވެ.
