އިންޑިއާއިން ރާއްޖެއަށް ދޫކުރި 400 މިލިއަން ޑޮލަރުގެ ކަރަންސީ ސްވޮޕް އަނބުރާ ދައްކައިފިއެވެ.
މި 400 މިލިއަން ޑޮލަރަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު 2024 ވަނަ އަހަރު އިންޑިއާއަށް ކުރެއްވި ރަސްމީ ދަތުރުފުޅުގެ ތެރެއިން ދެ ގައުމުގެ ދެމެދުގައި ގާއިމްކުރި ކަރަންސީ ސްވޮޕް އެއްބަސްވުމުގެ ދަށުން ދޫކުރި ފައިސާއެވެ.
ރާއްޖޭގެ ފޮރިން މިނިސްޓްރީން މިރޭ ނެރުނު ބަޔާނެއްގައި ވަނީ މި ފައިސާ ދައްކާ ހަލާސްކޮށްފައިވާ ކަމަށެވެ.
މީގެ އިތުރުން، އިންޑިއާއިން އަލަށް 319 މިލިއަން ޑޮލަރު (30 ބިލިއަން އިންޑިއަން ރުޕީސް) ގެ ކަރަންސީ ސްވޮޕެއް ރާއްޖެއަށް ދިނުމަށްވެސް ނިންމާފައިވާ ކަމަށް އެ ބަޔާނުގައި ވެއެވެ. މިކަމާ ގުޅިގެން ރާއްޖޭގައި ހުންނަ އިންޑިއާ ހައިކޮމިޝަނުން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، އަލަށް ދޫކުރަން ނިންމި ކަރަންސީ ސްވޮޕް ފެސިލިޓީގައި ބޮޑެތި ލުއިތަކެއް ހިމެނޭނެ ކަމަށެވެ.
ހަމަ އެހެންމެ މިއީ ދެ ގައުމުގެ ދެމެދުގައި އޮތް އިގްތިސާދީ ގުޅުން އިތުރަށް ބަދަހިވަމުންދާ ކަމުގެ ހެއްކެއް ކަމަށްވެސް އެ ކޮމިޝަނުން ވަނީ ފާހަގަކޮށްފައެވެ.
މީގެކުރިން 2019 ވަނަ އަހަރު ރާއްޖެއިން ވަނީ ސްޓޭޓް ބޭންކް އޮފް އިންޑިއާ (އެސްބީއައި) މެދުވެރިކޮށް އިންޑިއާއިން ރާއްޖެއަށް ހަމަޖައްސައިދިން 150 މިލިއަން ޑޮލަރުގެ ތެރެއިން 50 މިލިއަން ޑޮލަރު ވެސް ދައްކާފައެވެ.
