މި ސަރުކާރުން ހުޅުވާލި ބޯހިޔާވަހިކަމުގެ މަޝްރޫއަށް 20،000 އަށް ވުރެ މީހުން ފޯމް ހުށަހަޅައިފިއެވެ.

މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން ހައުސިން މިނިސްޓަރު ޑރ. އަބްދުﷲ މުއްތަލިބް ވިދާޅުވީ، މިހާތަނަށް ގޯއްޗަށާއި ފްލެތަށް އެދި 20،000 އަށް ވުރެ ގިނަ ފޯމް ހުށަހަޅާފައިވާ އިރު ޑްރާފްޓް މަރުހަލާގައި 16،000 އަށް ވުރެ ގިނަ ފޯމް އެބަ ހުރި ކަމަށެވެ. އެއާއެކު ފްލެޓާއި ގޯއްޗަށް އެދި ހުށަހެޅުމަށް އިތުރުކޮށްދިން މުއްދަތު ހަވާ އިރު 36،000 އަށް ވުރެ ގިނަ ފޯމް ހުށަހަޅާނެ ކަމަށް އަންދާޒާ ކުރެވޭ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

މި ސަރުކާރުން ހިންގާ ބޯހިޔާވަހިކަން އެންމެންނަށް މަޝްރޫއު އެންމެ ފުރަތަމަ ހުޅުވާލާފައި ވަނީ މިދިޔަ ޖެނުއަރީ މަހުގެ 18 ވަނަ ދުވަހުއެވެ.

މި މަޝްރޫއުގެ ދަށުން، ކުރީ ސަރުކާރުގެ ބިންވެރިޔާ ސްކީމުން ގޯތި ލިބުނު ފަރާތްތަކަށް އެ ގޯތި ދޫކޮށްލުމަށްފަހު ރަސްމާލެއިން ގޯއްޗަށް އެދުމުގެ މަގު މިހާރު ވަނީ ތަނަވަސްވެފައެވެ. އެގޮތުން 2022 ވަނަ އަހަރު ހުޅުވާލި ބިންވެރިޔާ ސްކީމުން ގޯތި ލިބުނު ފަރާތްތަކުން މިހާރު ލިބިފައިވާ ގޯތި، ޖޮއިންޓް ކޮށް އެ ގޯތި ލިބިފައިވާ ހުރިހާ ފަރާތްތައް އެ ގޯތި އެއްކޮށް ދޫކޮށްލަން އެއްބަސްވާނަމަ، ޖޮއިންޓްކޮށް ލިބުނު ކޮންމެ މީހަކަށް ވަކިން ގޯއްޗެއް ލިބޭ ގޮތަށް ހުށަހެޅޭނެއެވެ.

ހަމައެއާއެކު ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކުގެ ކެޓަގަރީއަށް އެންމެ ފަހުން ގެނެސްފައިވާ ބަދަލުތަކަށް ބަލާއިރު، މީގެ ކުރިން އާންމު ކެޓަގަރީތަކުގައި ކަނޑައަޅާފައިވާ މުއްދަތުތައް މި ފަރާތްތަކުގެ މައްޗަށް ނުހިނގާ ގޮތަށް ވަނީ ހަމަޖައްސާފައެވެ. އެގޮތުން، މާލޭގެ ރަށްވެއްސަކަށް ވެފައިވާތާ ނުވަތަ މާލޭގައި ދިރިއުޅޭތާ މަދުވެގެން 1 އަހަރު ދުވަސް ވެފައިވުމުގެ ޝަރުތު، މި ކެޓަގަރީން ކުރިމަތިލާ ފަރާތްތަކަށް ވަނީ މުޅިން އުވާލާފައެވެ. މި އުސޫލުގެ ދަށުން އެޕްލިކޭޝަން ހުށަހެޅޭނީ، ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ހައްގުތައް ރައްކާތެރިކުރުމާއި މާލީ އެހީތެރިކަން ފޯރުކޮށްދިނުމުގެ ގާނޫނުގައި ބަޔާންކޮށްފައިވާ ފަދަ ނުކުޅެދުންތެރިކަމެއް ހުންނަ ފަރާތްތަކަށެވެ.

ސަރުކާރުގެ ބޯހިޔާވަހިކަމުގެ ޕްރޮގްރާމްގެ ދަށުން ގްރޭޓާ މާލެ ސަރަހައްދުން ދޫކުރާ 7،900 ފްލެޓްގެ ތެރެއިން 100 ފްލެޓް ވަނީ ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ހާއްސަކޮށް ކަނޑައަޅާފައެވެ. މީގެ އިތުރުން މާލޭގެ ރަށްވެހިންނަށް 4،000 ފްލެޓް، ޒުވާނުންނަށް 250 ފްލެޓް، އަދި އެކަނިވެރި މައިންނާއި ބަފައިންނަށް 100 ފްލެޓް ވަނީ ކަނޑައަޅާފައެވެ.

މިހާރު މާލެ ސަރަހއްދުން ގޮއްޗަށާއި ފްލެތަށް އެދި ހުށަޅަން ކުރިން ދީފައިވާ މުއްދަތު ވެސް ވަނީ ފަހުން އިތުރުކޮށްފައެވެ. އެ ގޮތުން މިހާރު ފޯމް ހުަހެޅޭނެ އެންމެ ފަހު ތާރީހަކީ އަންނަ މަހުގެ ނިޔަލަށް ކަމަށް ހައުސިން މިނިސްޓްރީން ވަނީ ބުނެފައެވެ. ހުރިހާ އެޕްލިކޭޝަނެއް ވެސް ހުށަހަޅަން ޖެހެނީ ހައުސިން ޕޯޓަލް މެދުވެރިކޮށެވެ.