ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ނިޒާމުގެ ތެރެއަށް އަތޮޅު ކައުންސިލްތައް އަލުން ތަޢާރަފުކުރުމަށްޓަކައި ގާނޫނުއަސާސީއަށް އިސްލާހު ގެނައުމުގެ ބިލެއް ރައްޔިތުންގެ މަޖިލީހަށް ހުށަހަޅައިފިއެވެ. މި ބިލު މަޖިލީހަށް ހުށަހެޅުއްވީ ގަލޮޅު އުތުރު ދާއިރާގެ މެންބަރު އިބްރާހީމް މުހައްމަދެވެ.
މި ބިލުގައި މައިގަނޑު ގޮތެއްގައި ހުށަހަޅާފައިވަނީ ގާނޫނުއަސާސީގެ 230 ވަނަ މާއްދާއާއި 231 ވަނަ މާއްދާއަށް އަތޮޅު ކައުންސިލް އިތުރުކޮށް، ބަދަލުތަކެއް ގެނައުމަށެވެ. ބިލު ހުށަހެޅުއްވި ސަބަބެއް ކަމަށް ބަޔާންކޮށްފައިވަނީ، ލާމަރުކަޒީ ނިޒާމު ފުރިހަމަ ގޮތެއްގައި ހިންގުމަށްޓަކައި އަތޮޅު ކައުންސިލްތައް އޮތުން މުހިންމު ކަމަށް ފެންނާތީއެވެ. މީގެ ކުރިން ގެނެވުނު އިސްލާހަކާ ގުޅިގެން އަތޮޅު ކައުންސިލްތައް ވަނީ އުވާލާފައެވެ.
މި ބިލުގެ ދަށުން ގާނޫނުއަސާސީގެ 230 ވަނަ މާއްދާގެ (ށ) އަށް ގެނައުމަށް ހުށަހަޅާފައިވާ އިސްލާހުގައި ބަޔާންކޮށްފައިވަނީ، ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމަށްޓަކައި، ގާނޫނުގައި ކަނޑައަޅާފައިވާ ގޮތުގެމަތިން، ރަށު ކައުންސިލްތަކާއި، އަތޮޅު ކައުންސިލްތަކާއި، ސިޓީ ކައުންސިލްތައް އުފެއްދުމުގެ ބާރު ރައީސުލްޖުމްހޫރިއްޔާއަށް ލިބިގެންވާ ކަމަށެވެ.
މީގެ އިތުރުން، 231 ވަނަ މާއްދާގެ (ށ) އަށް ގެނެވޭ އިސްލާހުގައި ބުނެފައިވަނީ، އިދާރީ ދާއިރާތައް ހިންގުމަށް އުފައްދާ ރަށު ކައުންސިލްތަކާއި އަތޮޅު ކައުންސިލްތަކުގެ ރައީސުން އަދި ސިޓީ ކައުންސިލްތަކުގެ މޭޔަރުން އިންތިހާބުކުރާނީ، އެ ކައުންސިލަކަށް ނިސްބަތްވާ ރައްޔިތުންގެ މެދުގައި ނެގޭ ސިއްރު ވޯޓަކުން ކަމަށެވެ.
ބިލަށް ހުށަހެޅި އިސްލާހާ އެކު މެންބަރު އިބްރާހީމް މުހައްމަދު ފާހަގަކުރެއްވީ އިންތިހާބުތައް އެއްކޮށްލުމާ ބެހޭގޮތުން ރައްޔިތުންގެ މެދުގައި ނެގުނު ހިޔާލުހޯދުމުގެ ވޯޓުގައި 68.74 ޕަސެންޓް ރައްޔިތުން ނޫނެކޭ ބުނުމަކީ ރައީސުލްޖުމްހޫރިއްޔާގެ އަމިއްލަ ވިސްނުންފުޅަށް ހުށަހެއްޅުއްވި ކަންކަމަށް ރައްޔިތުންގެ ރުހުން ނެތްކަން ހާމަވެގެންދާކަމެއްކަމަށެވެ. އަދި އެފަދައިން ގެނައި ބަދަލުތަކުގެ ތެރޭގައި، އަތޮޅު ކައުންސިލްތައް އުވައިލުމަށް ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފައިވާ ބިލަކީވެސް ރައްޔިތުންގެ އެދުމާ އެއްކޮޅު ބިލެއް ނޫންކަމަށެވެ. މިހެންކަމުން، މި ބިލު ހުށަހެޅުމުގެ އެންމެ ބޮޑު އެއް ސަބަބެއް ކަމަށް ބަޔާންކޮށްފައިވަނީ، ގާނޫނު އަސާސީ ތަސައްވުރުކޮށްފައިވާ ފުރިހަމަ ލާމަރުކަޒީ ނިޒާމު ހިންގުމަށްޓަކައި ބޭނުންވާ އަތޮޅު ކައުންސިލްތައް އުވައިނުލައި، ކުރީން އޮތްގޮތަށް ރުޖޫއަކުރުމެވެ.
އަތޮޅު ކައުންސިލް އުވާލާ، ކައުންސިލަރުންގެ އަދަދު މަދުވާ ގޮތަށް މަޖިލީހުން ފާސްކުރި ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ގާނޫނަށް 17 ވަނަ އިސްލާހު ގެނައުމުގެ ބިލު ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ތަސްދީގު ކުރެއްވީ 2025 ވަނަ އަހަރުގެ ޑިސެމްބަރު މަހުއެވެ. މި އިސްލާހާއެކު، އަތޮޅު ކައުންސިލުތައް އުވި، ދިވެހިރާއްޖޭގެ 21 އިދާރީ ދާއިރާގެ ތެރެއިން ސިޓީ ކައުންސިލްގެ ޝަރުތު ހަމަވާ އިދާރީ ދާއިރާތައް ފިޔަވައި، އެހެން ކޮންމެ އިދާރީ ދާއިރާއެއްގައި ހިމެނޭ މީހުން ދިރިއުޅޭ ކޮންމެ ރަށެއް ހިންގާނީ ރަށު ކައުންސިލުތަކުންނެވެ. އަދި ރަށު ކައުންސިލްތަކުން ޖަވާބުދާރީވާނީ ލޯކަލް ގަވަމަންޓް އޮތޯރިޓީ އަށާއި އެ ކައުންސިލެއް ހިމެނޭ ރަށެއްގެ ރައްޔިތުންނަށެވެ.
