ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން ދޫކުރާ ލޯނުތައް އަނބުރާ ދެއްކުމަށް ކަނޑައަޅާފައިވާ އެންމެ މަތީ އުމުރުފުރާ 75 އަހަރަށް އިތުރުކުރުމަށް އެ ބޭންކުގެ ބޯޑުން ނިންމައިފިއެވެ.
މިކަން އިއުލާނު ކުރީ މިއަދު ބީއެމްއެލް އިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަދައްކަވަމުން އެ ބޭންކުގެ ސީއީއޯ އަދި މެނޭޖިން ޑިރެކްޓާ މުހައްމަދު ޝަރީފެވެ. އޭނާ ވިދާޅުވި ގޮތުގައި، ބޭންކުގެ ބޯޑުން މިހާރު ވަނީ ލޯނާއި ފައިނޭންސިން ފެސިލިޓީސް ދޫކުރާ އުސޫލުތަކަށް ބަދަލު ގެނެސް، އުމުރުގެ ހުރަސްތައް ކުޑަކޮށްފައެވެ.
މީގެކުރިން ބީއެމްއެލްގެ އުސޫލު އޮތްގޮތުން ލޯނު ދޫކުރެވެނީ އުމުރުން 60 އަހަރުވާއިރު ލޯނު އަނބުރާ ދައްކާ ނިންމޭ ގޮތަށެވެ. ނަމަވެސް، ބީއެމްއެލް އިން މި ގެނައި ބަދަލާއެކު، މިހާރު އުމުރުން 18 އަހަރާއި 75 އަހަރާއި ދެމެދުގެ ކޮންމެ މީހަކަށްވެސް ލޯނަށް އެދި ހުށަހެޅުމުގެ ފުރުސަތު ހުޅުވިގެންދާނެއެވެ.
މި ބަދަލާ ގުޅޭގޮތުން ޝަރީފް ވިދާޅުވީ، މީގެ ކުރިން 55 އަހަރުގެ މީހަކަށް ލޯނެއް ދެވެނީ އެންމެ 5 އަހަރުގެ ތެރޭގައި ދައްކާ ނިންމާ ގޮތަށް ކަމަށާއި، މީގެ ސަބަބުން ވަރަށް ގިނަ ފަރާތްތަކަށް ދަތިތަކާ ކުރިމަތިވި ކަމަށެވެ. ނަމަވެސް، އުމުރު 75 އަހަރަށް ބަދަލުކުރުމުން، މެދުއުމުރުގެ ބޭފުޅުންނަށް ގެދޮރު ގަތުމަށާއި އެހެނިހެން ބޭނުންތަކަށް 20 ނުވަތަ 25 އަހަރަށް ބަހާލައިގެން ލޯނު ދެއްކުމުގެ ފަސޭހަކަން ލިބިގެންދާނެ ކަމަށް އޭނާ ފާހަގަކުރެއްވިއެވެ.
މީގެ އިތުރުން، ރިސޯޓްތަކުގައި މަސައްކަތްކުރާ މުވައްޒަފުންނަށް ހާއްސަ ލުއިތަކެއް ދިނުމަށްވެސް ބޭންކުން ވަނީ ނިންމާފައެވެ. ސީއީއޯ ވިދާޅުވި ގޮތުގައި، މުސާރައާއި ސާވިސް ޗާޖު ޑޮލަރުން ލިބޭ މުވައްޒަފުން، ޑޮލަރުން ލޯނު އަނބުރާ ދައްކާނަމަ، އާންމު އިންޓްރެސްޓް ރޭޓަށްވުރެ 1.5 ޕަސެންޓް ކުޑަ ރޭޓެއްގައި ލޯނު ލިބޭނެއެވެ. އަދި މިފަދަ ލޯނުތަކަށް އަމިއްލައަށް އިންވެސްޓްކުރަންޖެހޭ މިންވަރު (އިކުއިޓީ) ވެސް ވަނީ 5 ޕަސެންޓަށް ކުޑަކޮށްދީފައެވެ. މި އިންތިޒާމަކީ ރާއްޖޭން ބޭރުގައި ތިބެގެންވެސް އެޕްލައި ކުރެވޭނެ އިންތިޒާމެއް ކަމަށް އޭނާ ވިދާޅުވިއެވެ.
