މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ (އެމްއޭސީއެލް) އިން ވަޒީފާއަށް ނުނުކުންނަ ސިޔާސީ މުވައްޒަފުންނާއި ބައެއް މީޑިއާތަކަށް ފައިސާ ދެމުންދާ ކަމަށް ބުނާ މައްސަލައެއްގެ ހަގީގަތް ހޯދަން، އެ ކުންފުނީގެ އިސްވެރިން ރައްޔިތުންގެ މަޖިލީހަށް ހާޒިރު ކޮށްދޭން އެދިއްޖެއެވެ.

މި މައްސަލަ މަޖިލީހަށް ހުށަހެޅުއްވީ ކަނޑިތީމު ދާއިރާގެ އެމްޑީޕީ މެންބަރު އަމީން ފައިސަލެވެ.

މިދިޔަ ބުދަ ދުވަހު މަޖިލީހުގެ ކަމާ ގުޅުންހުރި ކޮމިޓީއަށް ހުށަހެޅި މި މައްސަލާގައި ބުނެފައިވަނީ، އެމްއޭސީއެލްއިން މަސައްކަތަށް ނުނުކުންނަ ސިޔާސީ މުވައްޒަފުންނަށް މުސާރަ ދިނުމަށް މަހަކު 2.4 މިލިއަން ރުފިޔާ ހަރަދުކުރާ ކަމަށެވެ.

މި ކަމާ ގުޅޭ ލިޔެކިޔުންތަކެއް ސޯޝަލް މީޑިއާގައި ދައުރުވަމުންދާއިރު، މިއީ ރައްޔިތުންގެ ބޮޑު ކަންބޮޑުވުމެއް އޮތް މައްސަލައެއްކަން ފާހަގަކުރައްވަމުން އަމީން ވިދާޅުވީ މިއީ ހަމައެކަނި ސިޔާސީ ކަމެއް ނޫން ކަމަށެވެ. އަދި މިއީ ދައުލަތުގެ ފައިސާއަށް ނަހަމަ ގޮތުގައި އަރައިގަތުމުގެ އަމަލެއްގެ ގޮތުގައި އޭނާ ވަނީ ސިފަކުރައްވާފައެވެ. މީގެ އިތުރުން މި ކަމަކީ ގާނޫނުއަސާސީއާއި، ގާނޫނުލްއުގޫބާތު، އޭސީސީގެ ގާނޫނު، މާލިއްޔަތު ގާނޫނު އަދި ވަޒީފާއާ ބެހޭ ގާނޫނާ ވެސް ހިލާފު ކަންތައްތަކެއް ކަމަށް އަމީން ހުށަހެޅުއްވި މައްސަލައިގައި ވިދާޅުވިއެވެ.

މީގެ އިތުރުން ދެން އަމީން ހުށަހެޅުއްވި މައްސަލައިގައި ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް (ވީއައިއޭ)އަށް އޮންނަ ޑިމާންޑާ އެއްގޮތަށް ފްލައިޓުތައް އޮޕަރޭޓު ކުރުމަށް ޖާގަ ނުދެވޭއިރު އިޝްތިހާރުކުރުމުގެ ނަމުގައި ބައެއް މީޑިއާތަކަށް، ބޮޑެތި އަދަދުތަކުން ފައިސާ ދޭ ކަމަށް ތުހުމަތުކޮށްފައެވެ.

އެހެންކަމުން މި މައްސަލައިގައި ދައުލަތުގެ މާލިއްޔާއަށް ލިބިދާނެ ގެއްލުންތަކަށް ރިއާޔަތްކޮށް، އެމްއޭސީއެލްގެ އިސްވެރިން މަޖިލީހުގެ ކޮމިޓީއަށް ހާޒިރުކޮށް، މިކަމުގެ ހަގީގަތް ސާފުކުރުމަށް މެންބަރު ވަނީ އެދިވަޑައިގެންފައެވެ.