ގައުމީ ފުޓްސަލް ޓީމުގެ ކުޅުންތެރިންނަށް މުސާރަ ދިނުމާ ގުޅޭ މަޝްވަރާތައް ފަށާފައިވާކަމަށް ސްޕޯޓްސް މިނިސްޓަރު އަބްދުﷲ ރާފިއު ވިދާޅުވެއްޖެއެވެ.

ރާފިއު މިފަދައިން ވިދާޅުވެފައި ވަނީ މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުންނެވެ. މި މަޝްވަރާތަކުގެ ތެރެއިން މިހާރު އަމަލުކުރަމުންދާ ގަވާއިދުތަކާއި އުސޫލުތަކަށް ގެންނަންޖެހޭ ބަދަލުތައް ދެނެގަނެ އެކަންކަން ހަރުދަނާ ކުރުމުގެ މަސައްކަތް ނޭޝަނަލް ސްޕޯޓްސް ކައުންސިލާއެކު ކުރިއަށްދާ ކަމަށް ރާފިއު ވަނީ ވިދާޅުވެފައެވެ.

ރާފިއު ވިދާޅުވީ ހުޅުވާލެވިގެން ނެޝަނަލް މުބާރާތެއް ގެންދެވެން ޖެހޭ ކަމަށާއި އެއް އަހަރު ދުވަހަށް މިފަދައިން ޕެޓާނެއް ދިޔުމުން މުސާރަ ދެވޭ ހިސާބަށް ދާނެ ކަމަށެވެ. ދާދި އަވަހަށް މިކަން ފަހިވެގެންދާނެ ކަން ފާހަގަކޮށް ރާފިއު ވިދާޅުވީ މިހާރުވެސް އެފްއޭއެމްގައި ފިރިހެން ޓީމު ރަސްމީކޮށް ރެޖިސްޓާ ކުރެވިފައިވާކަމަށެވެ. އަދި އަންހެން ޓީމެއް އޮތްނަމަ ހަމަ މި ބީދައިން ކުރިއަށް ގެންދަވާނެ ކަމަށް ރާފިއު ވަނީ ވިދާޅުވެފައެވެ.

ފުޓްސަލް އަކީ ރާއްޖޭގައި އެންމެ މަގުބޫލު އެއް ކުޅިވަރަށްވާއިރު ގައުމީ ފުޓްސަލް ޓީމުގެ ކުޅުންތެރިންނަށް މުސާރަ ނުލިބުމަކީ ގިނަ ފަރާތްތަކެއްގެ ބޮޑު ކަންބޮޑުވުމެކެވެ.

ރާއްޖޭގެ ގައުމީ ފުޓްސަލް ޓީމުން، ސާފް ފުޓްސަލް ޗެމްޕިއަންޝިޕް ކާމިޔާބުކުރުމުގެ އިތުރުން ގައުމީ ފުޓްބޯޅަ ޓީމުން މިދިޔަ އަހަރު ބޭއްވި ސުޕަ ކަޕްގެ ޗެންޕިއަންކަން ހޯދުމާ ގުޅިގެން އެއް މިލިޔަން ރުފިޔާގެ ބޯނަހެއް ރައީސް ޑރ. މުހައްމަދު މުއިއްޒު ވަނީ ދެއްވާފައެވެ.

ސްރީ ލަންކާ ފުޓްބޯޅަ ފެޑެރޭޝަން އިން އިންތިޒާމްކޮށްގެން ކުރިޔަށް ގެންދިޔަ ސައުތު އޭޝިއަން ސުޕަ ކަޕް ކުރިއަށްގެންގޮސްފައި ވަނީ މިދިޔަ ސެޕްޓެމްބަރު މަހުއެވެ. ސުޕަ ކަޕްގެ ޗެމްޕިއަންކަން ރާއްޖެއިން ހޯދީ ސްރީލަންކާއާ ދެކޮޅަށް އެގައުމުގައި ކުޅުނު ދެ މެޗުގެ ތެރެއިން އެއް މެޗު ކާމިޔާބުކޮށް، އަނެއް މެޗު އެއްވަރުކޮށްގެންނެވެ. ރާއްޖޭން ފުރަތަމަ މެޗު 3-0 އިން މޮޅުވިއިރު، ދެ ވަނަ މެޗު ނިމުނީ 1-1 އިން އެއްވަރުވެގެންނެވެ. އަދި އެފަަހަރު ޗެމްޕިއަން ކަން ކަނޑައެޅީ އެގްރިގޭޓުންނެވެ.