އަޑެއް ބަޑެއް ނުލައްވާ ޟިރާރު މަޑުމަޑުން އެ ގަސްތަކުގެ ތެރެއިން ބޭރަށް ފިޔަވަޅެއް އެޅީ ދަނޑިވަޅުގެ ބޭނުން ހިފަން ތައްޔާރުވެ ހުރެއެވެ. ހާލުގެ ފަސްފަހަތުން މަޑު ފިޔަވަޅުތަކެއްގައި އޭނާ ކުރިއަށް ޖެހެމުން ދިޔައިރު އޭނާގެ ހިތްގަނޑު ނެގިނެގިފައި ޖެހެމުން ދިޔައެވެ. ޟިރާރު ނޭވާ ހިފަހައްޓައިގެން ހުރީ މިފަހަރަކީ އޭނާއަށް ކާމިޔާބު ވާނެ ފަހަރުކަން ޔަގީން ވުމުންނެވެ. އެހެންޏާ އޭތި ކައިރިއަށް ނުދެވޭހާ ކައިރިއަށް އާދެވިއްޖެއެވެ. ދެފޫޓުގެ ދުރުމިނުގައި ހުރި ޟިރާރާ ދިމާއަށް އެ ހާ އެނބުރިލަން މަސައްކަތް ކުރަން އުޅޭހެން ހީވުމުން ފުންމައިގެން ހާލާ ދިމާއަށް ޟީރާރު ޖެހިގަތީ އޭނާގެ އަތުން އޭތި ބީވާން ބޭނުން ނުވީމައެވެ.
*** *** *** *** *** ***
މުޅި ކޮޓަރިތެރެ އަނދިރިކޮށްގެން ނައުރީން އިނީ ދެފައިވަށްކޮށްގެން ތަޅުން މަތީ އިށީނދެގެންނެވެ. އޭނާގެ އުނގުގައި އޮތް ފޮތުގެ ގަނޑުތައް އުކަމުން ކުރިމަތީ އެފޮތް ބޭއްވީ ކައިރީ ހުރި އުއްބަތިތައް ރޯ ކުރާށެވެ. ކޮންމެ ރެއަކު ޖެހެމުންދިޔަ މުސީބާތުން ސަލާމަތްވޭތޯ އަލިމަގެއް ހޯދަން އޭނާ ބޭނުން ކުރީ އިބްޒީމާގެ ގޯތިން ހޯދި ސިހުރު ބާތިލް ކުރާ ފޮތުގެ ބޭނުމެވެ. އެފޮތުގައި ދީފައިވާ އިރުޝާދާ އެއްގޮތަށް އޭނާ ކަންތައް ކުރަމުން ދިޔައެވެ.
ހުދު ކުލައިގެ ޗޯކަކުން ތަޅުންމަތީ އަކަ ކުރަހާ ހެދުމަށްފަހު އެ ފޮތުގައި ހުރި ކިޔެވެލިތައް އޭނާ ކިޔަވަން ފެށީ ފުން ނޭވާއެއް އެތެރެކޮށްލަމުންނެވެ. ލޯމަރައިގެން އިނދެ މިއަދު ހަތަރުދަމު އޭނާ ކިޔައި ހިތުދަސްކުރި ކިޔެވެލިތައް ކިޔަވަން ފެށިއެވެ. ތުންތަޅުވަމުން އޭނާ އެ ކިޔެވެލިތައް ކިޔަވަމުން ދިޔަ އިރު އޭނާ އިށީނދެގެން އިނީ އެ ކޮޓަރީގައި ކުރަހާފައިވާ އަކަތަކުގެ މެދުގައެވެ. އެ އަކަތައް ވަށައިގެން 5 އުއްބަތި ރޯކޮށްފައި ހުރިއިރު ނައުރީންގެ ކިޔެވެލި އަވަސްވަމުން ދިޔަ ވަރަކަށް އެ އުއްބަތިތަކުގެ ހުޅުކޮޅު ބޮޑުވެ ތަނަށް ގަދައަލިކަމެއް ވެރިވަމުން ދިޔައެވެ. ދެ
ލޯ މަރާ ތަގުޅިކޮށްގެން ކިޔަވަންއިން ނައުރީންގެ ކިޔެވުން މެދުކެނޑުނީ އެ ކޮޓަރިއަށް ވަންނަން މީހަކު ތަޅުގައި ހިފާ އަނބުރާލި އަޑު އިވުމާއެކީގައެވެ. ހާސްވެފައިވާ ހާލުގައި ނައުރީން ދެލޯ ހުޅުވާލަމުން ދޮރާ ދިމާއަށް ބަލާލީ ޖެހިލުންވެ ހުރެއެވެ. ފެނުނު މަންޒަރުން މުޅި މީހާ އެ ހުރިތަނަށް ގަނޑުވެގެން ދިޔައެވެ.
އަޒީމްގެ ސިކުނޑީގައި އެނބުރެމުން ދިޔައީ މަންޝާގެ ހަނދާންތަކެވެ. މަންޝާގެ ފަރާތުން ފެންނަމުންދިޔަ ތަފާތު ކަންތައްތައް އޭނާގެ ސިކުނޑިއަށް އުނދަގޫ ކުރަމުން ދިޔައެވެ. އަސްރާރު ނޫނީ ރިޔާޒްގެ ކޯލެއް އަންނާނެ ވަގުތެއްގެ އިންތިޒާރުގައި އޭނާ ވަގުތު ގުނަމުން ދާތާ ކޮން އިރެއް ހެއްޔެވެ. އަތުގައި އޮތް ފޯނުގެ ސްކްރީނަށް ބަލަމުން ކޮޓަރިތެރެއަށް އަޒީމް ވަދެ ފުން ނޭވާއެއް ބޭރުކޮށްލިއެވެ. ފޯނުން އޭނާގެ ނަޒަރު ދުރުކޮށްލަމުން ކޮޓަރިތެރެއަށް ބަލާލީ ނައުރީން ހުރިތޯ ޔަގީން ކޮށްލާށެވެ. ނައުރީން ފެންނަން ނެތުމުން މިވަގުތު ނައުރީން ދިޔައީ ކޮންތާކަށް ބާވައޭ އޭނާގެ ހިތް ބުންޏެވެ.
ތަޅުންމަތީ އިށީނދެގެން އިން ނައުރީންގެ ކިޔެވެލި ހުއްޓުނީ އޭނާގެ އިޚްތިޔާރުން ބޭރުގައެވެ. އަޒީމްގެ ހަރަކާތްތަކަށް ބަލަން ހުއްޓުން އަރާފައި އޭނާއަށް އިނދެވުނީ ހަދާނެ ގޮތް ހުސްވެފައިވާ ހާލުގައެވެ. އެ އިންތަނުން ތެދުވާކަށްވެސް ނައުރީނަކަށް ނުކެރުނެވެ. އަޒީމް ބުނާނެ އެއްޗަކާ ދޭތެރޭ ވިސްނާލަން ހިނދުކޮޅަކު ހިމޭނުން އިނދެވުނީ ދެން ހަނދާނެ ގޮތަކާމެދު ވިސްނާށެވެ. ކުރިމަތިލާން ޖެހިދާނެ އެތައް ސުވާލުތަކަކަށް ޖަވާބު ދޭނެ ގޮތަކާ މެދު ވިސްނަމުން ދިޔައެވެ. ވެގެން އުޅޭ ގޮތް އަޒީމަށް އެނގިއްޖެނަމަ އަންނާނެ ރުޅި ނައުރީނަށް އެނގޭތީއެވެ.
ކޮޓަރިތެރެއަށް ވަދެގެން އައި އަޒީމްގެ ލޮލުގައި އަޅައިގަތީ ތަޅުންމަތީ އޮތް މަޑު މުށި ކުލައަކަށްދާ ފޮތެވެ. ފޮތް ނަގާ ޑްރެސިންގް ޓޭބަލްމަތީ އަޒީމް ބޭއްވީ އިރު އެ ހަރަކާތްތަކަށް ބަލަން ނައުރީން އިނީ އަޖައިބުވެފައެވެ. އެވަގުތު ނައުރީންގެ ހަނދާނަށް އައީ އެފޮތުގައި ލިޔެފައިވާ ޖުމްލައެކެވެ. މި ސިހްރު ބާތިލްކުރަން ކިޔެވެލި ކިޔަވަން ފެށުމާއެކީ އުއްބައްތިތަކުގެ ހުޅުކޮޅު ބޮޑުވެގެން ދާނެކަމެވެ. އެހިސާބުން އެއްވެސް އިންސާނަކަށް އެ އަކަ ތެރޭގައިވާ އެއްވެސް ކަމެއް ނުފެންނާނެކަމެވެ. ފުން ނޭވާއެއް ނައުރީނަށް ދޫކޮށްލެވުނީ އަޒީމާށް އޭނާ ނުފެންނަ ކަން ޔަގީންވުމުންނެވެ.
މަޑު ހިނގުމެއްގައި އަޒީމް އައިސް އެނދުގައި އިށީނދެ ފޯނުގެ ސްކްރީނަށް ބަލަން އިނީ ނައުރީން ފޯނު ނަގާނެ ވަގުތަކަށެވެ. އަޒީމްގެ ފޫދަށުން ތުރުތުރެއް އެޅިކަން އިހްސާސްވުމުން ކައްޓެއް ޖެހިހެން އެތަނުން ތެދުވެ އެނދާ ދިމާއަށް ބަލާލިއެވެ. ނައުރީންގެ ފޯނު އެ އޮތީ އެނދުމަތީގައެވެ. ފޯނު ބާއްވާފައި ރޭގަނޑުގެ މިވަގުތު ނައުރީން އެ ދިޔައީ ކޮންތާކަށް ބާވައޭ އަޒީމްގެ ހިތަށް އެރިއެވެ. ވެފައިވާ ވަރުބަލިން އަރާމްކަމެއް ހޯދުމުގެ ބޭނުމުގައި އަޒީމް އެނދުގައި އޮށޯވެ ހަމަޖެހިލިއެވެ. ކިޔެވެލި ކުރިޔަށް ގެންދަން ނައުރީން އަނެއްކާވެސް މަސައްކަތްކުރިއެވެ. އޭނާއަށް އެކިޔެވެލި މަޑުކުރެވުނު ހިސާބުން ކިޔަވަން ފެށީ އޭނާ ކުރަން ބޭނުންވެފައިވާ ކަންތައް އެކީ ނިންމާލުމުގެ އަޒުމުގައެވެ. ދެލޯ މަރާލަމުން ކިޔަވަން ފެށީ އާ ހިތްވަރަކާ އެކީގައެވެ. ނަމަވެސް ވަކި ހިސާބަކަށް ކިއުމަށްފަހު އޭނާގެ ތުންތެޅުވުން ހުއްޓުނެވެ. ނިންމާލި ލަފްޒު ދެބުރަކަށް ތަކުރާރުކޮށްލަމުން މަޑުމަޑުން ދެލޯ ހުޅުވާލީ އޭނާގެ ހަނދާނަށް ހިތުދަސްކުރި ބައިތައް ނާންނާތީއެވެ. ކައިރީގައި ބޭއްވުނު ފޮތްމަތިން ހަނދާންވުމުން އެ ދިމާއަށް ނައުރީން ބަލާލިއެވެ. ކަމަކުދާކަށް ނެތެވެ. އެ ފޮތް އެއޮތީ ނައުރީން އަތުޖެހޭ ހިސާބަކު ނޫނެވެ.
ކިޔެވެލީގެ ބާކީބައި ހަނދާން ކުރެވޭތޯ މަސައްކަތް ކުރަމުން ތަންކޮޅެއް ކުރިން ކިޔެވި ހިސާބުން އަނެއްކާ ފެށިއެވެ. އެބައި ހަނދާންވާނެކަމުގެ އުންމީދުގައެވެ. ނަމަވެސް އެހިސާބަށް އައުމާއެކީ ނައުރީންގެ ކިޔެވުން މެދުކެނޑެނީއެވެ. އޭރު އުއްބައްތީގެ ހުޅުކޮޅު ކުޑަވަމުން ދިޔައެވެ. ކޮޓަރިތެރޭ ހުރި ގަދަ އަލިކަން ފަނޑުވަމުން ދިޔައެވެ.
އަނދިރިކޮށް އޮތް ކޮޓަރީގައިވާ ބޮކި ދިއްލަން އަޒީމް ބޭނުން ނުވާ ކަހަލައެވެ. އަޒީމްގެ ހަނދާނަށް އަންނަމުން ދިޔައީ މީގެ ވިހި އަހަރު ކުރިން މަންޝާއަށް އަވަލައިގެން އުޅުނު ޖިންނީގެ ކިބައިން ސަލާމަތްވާން އޭނާ ކުރި މަސައްކަތެވެ. އެ ދުވަހުގެ ބިރުވެރިކަމާއި ނާމާންކަން ހިތަށް ވެރިވުމުން އަޒީމްގެ ގައިން ހީބިހި ނަގައިގެން ދިޔައެވެ.
ނައުރީނަށް ހަދާނެގޮތް ހުސްވި ކަހަލައެވެ. އެތަނުން ތެދުވެގެން އެ ފޮތް ނަގަން ދިއުމަކީ ބުއްދިވެރިކަމެއް ނޫނެވެ. ފޮތުގައި ބުނެފައިވާ ގޮތުން ކިޔެވެލީގެ ވަކި ހިސާބަކުން ނައުރީނަށް ހާޒިރުވެވެނީ ރޫހާނީ ދުނިޔެއަކަށެވެ. އެދުނިޔޭގައި އޭނާއަށް ހަމައެކަނި ހިމާޔަތެއް ލިބެން އިން މަގަކީ އެ އަކަ ކުރަހާފައިވާ ފާހަގައެވެ. ފޮތާ ދިމާއަށް ބަލަން އިން ނައުރީނަށް ކިޔެވެލި ކުރިއަށް ގެންދެވެން އޮތީ އެ ފޮތާ ހަމައަށް ވާސިލްވެގެންނެވެ. އެނޫން ގޮތަކުން މެނުވީ އޭނާއަށް އެ މަސައްކަތް ފުރިހަމަ ކުރެވޭކަށް ނެތެވެ.
ފުން ނޭވާއެއް ބޭރުކޮށްލުމަށްފަހު ނައުރީން އެ އިންތަނުން ތެދުވިއެވެ. މަޑުމަޑުން އޭނާގެ ކަނާތުފައި އެ އަކަތެރެއިން ބޭރަށް އެޅީ އަޒީމާ ދިމާއަށް ބަލަމުންނެވެ. ކޮޓަރީގައިވާ ދޮރަށް ފުރަގަސްދީގެން ހުރި ނައުރީނަށް ކަމެއްވާކަންވެސް ފާހަގަ ނުވާކަހަލައެވެ. ދޮރު ދަށުން މޫތަކެއް ޒާތުގެ އެއްޗެއް ކުރިފަޅަމުން އެތެރެއަށް ވަދެ ދޮރުގެ ތަޅާ ދިމާއަށް އެ މޫތައް ދަތުރުކުރަމުން ދިޔަތަން ނައުރީނަކަށް ނުފެނެއެވެ. ޑްރެސިންގް ޓޭބަލްއާ ހަމައަށް ނައުރީން ދިޔައީ މަޑު ފިޔަވަޅުތަކެއްގައި ސިއްރުސިއްރުން އަޑެއް ލައްވާ ނުލައެވެ. ފޮތުގައި އަތް ޖައްސާލި ވަގުތު ބާވެފައިވާ ދޮރެއް ހުޅުވޭ އިރު ގޮވާ ކަހަލަ އަޑެއް އިވުމުން ދޮރާ ދިމާއަށް ނައުރީން ބަލާލީ ޖެހިލުންވެ ހުރެއެވެ. އެ ކޮޓަރީގެ ދޮރަށާއި ފާރަށް އައިސްފައިވާ ބަދަލުތައް ފެނުމުން ނައުރީންގެ ހިތުގައި ބިރުވެރިކަމެއް އަށަގަތެވެ. ތެޅިތެޅި އޮތް ހިތަކާއެކީ ނައުރީނަށް ބަލާލެވުނީ އެނދުގައި އޮތް އަޒީމަށެވެ. ނިދިފައި އޮތް އަޒީމް މަޑުމަޑުން އެއްފަރާތަކަށް އެނބުރިލަމުން ކައިރީ އޮތް ބާލީހުގައި ބައްދާލީ ކުޑަކުއްޖަކު ފަދައިންނެވެ. އެކޮޓަރިތެރޭ ކަމެއް ވާހެންވެސް އޭނާއަށް ނޭނގޭކަހަލައެވެ.
ތުރުތުރު ލާ އަތަކުން ޑްރެސިންގް ޓޭބަލްމަތީ އޮތް ފޮތް ނައުރީން ހުޅުވާލިއެވެ. ބިރުގެންފައި ހުރި ވަރުން ނައުރީންގެ ދެލޮލަށް ކަރުނަތައް ޖަމާވިއެވެ. ފޮތުގެ ސަފްހާތައް އުކަމުން ދިޔަ ނައުރީނަށް އެ ފޮތުގައި ލިޔެފައިވާ އެއްވެސް އަކުރެއް ކިޔާކަށް ނޭނގުނެވެ. ދެ ލޯ ފޮހެލުމަށްފަހު އޭގައި ލިޔެފައިވާ ލިޔުންތައް ކިޔަން ނައުރީން އަނެއްކާވެސް މަސައްކަތް ކުރިއެވެ. އަކުރުތަކުގެ އަރިއަރިމަތިން މޫތަކެއްހެން ދެލިތައް ފޭދެމުން ދިޔައެވެ. މުޅިގަނޑުގައި އެ ދެލިގަނޑު ފޭދި ކުރެހުމެއްހެން ދެލިތައް ދަތުރުކުރަމުން ދިޔައެވެ. ކުރެހުންގަނޑު ކުރެހެމުން ދިޔަ ވަރަކަށް ނައުރީނަށް ފަހަތަށް ފިޔަވަޅު އަޅާލެވުނީ އޭނާއަށް އެ ފެންނަ މަންޒަރު ގަބޫލުކުރަން ދަތިވީމައެވެ. އެ ނުބައި ރޫހާނީ އެތީގެ ބާރުން ނައުރީން ކޮންމެ ރެއަކު ހާޒިރުވާން މަޖުބޫރުވެފައިވާ ނިކަގަހުގެ މަންޒަރު އެ ކުރެހެމުން ފެންނަން ހުއްޓެވެ. އެއީ ހަމަ އެ ބިޔަ ނިކަގަސްކަން ނައުރީނަށް ޔަގީންވިއެވެ.
"ނޫން.. ނޫން..." ނައުރީނަށް ފަހަތަށް ފިޔަވަޅު އަޅަމުން ދިޔައިރު އޭނާގެ ހަނދާނަށް އައީ އެފޮތުގައިވާ އެ ޖުމްލައެވެ. "އެ ރޫހާނީ ދުނިޔެއަށް ދެވުމާއެކީ ހަމައެކަނި ހިމާޔަތެއް ލިބެން އިން މަގަކީ އެ އަކަ ކުރަހާފައިވާ ފާހަގައެވެ." އަކަ ކުރަހާފައިވާ ދިމާއަށް ނައުރީން ބަލާލީ އެވަގުތެވެ. ނައުރީންގެ ފިޔަވަޅު އަވަސްކޮށްލި ނަމަވެސް ހުޅުވިފައިވާ ދޮރުން އެ ކޮޓަރިތެރެއަށް ޖެހުނު ފިނި ވައިރޯޅިއާ އެކީ އެ އަކަތައް ވަށާ ދިއްލާފައިވާ ބައްތީގެ ހުޅުކޮޅު ނިވި މުޅި ކޮޓަރި ތެރެއަށް ކަނު އަނދިރިކަން ވެރިވެއްޖެއެވެ. އެއީ ރަނގަޅު ފާލެއް ނޫންކަން ނައުރީނަށް އެނގުނެވެ. ނަމަވެސް އޭނާ ކުރިއަށް ފިޔަވަޅެއް އެޅި އެ އަކަތަކާއި ހަމައަށް ވާސިލްވާށެވެ.
"ނައުރީން...." ނައުރީންގެ ކަންފަތް ދަށުން އިވިގެން ދިޔައީ އަޒީމްގެ އަޑެވެ. ސިހިފައި ނައުރީން ފަހަތަށް ބަލާލީ އަޒީމް ހޭލީ ކަމަށް ހީކޮށެވެ.
"އަޒީމް... އަޒީމްތަ..." އަޑެއް ބަޑެއް ނީވި ވަގުތު ކޮޅެއް ދިޔައެވެ. ދެން އެ އަޑު އިވުނީ ހުޅުވިފައިވާ ދޮރާ ދިމާލުންނެވެ. ދޮރުގެ ބޭރުން ވެސް އަލިކަމެއް ފެންނާކަށް ނެތެވެ. އެ ދިމާއަށް ނައުރީން ބަލަން ހުރީ ޖެހިލުން ވެފައެވެ. އަކަ ކުރެހުނު ދިމާލަށް ދާން އޭނާ ހިނގައިގަތީ ހިތުލަފައަށެވެ. އަނދިރިކަމުގެ ތެރޭގައި ތަނެއް ދޮރެއް ފެންނަވަރެއް ނޫނެވެ. ނައުރީންގެ އަވަސްވެފައިވާ ނޭވާ ހަމައަކަށް އެޅޭތޯ މަސައްކަތް ކުރަމުން އޭނާ ތަޅުން މައްޗަށް ތިރިވެ ކަކޫ ޖަހާލިއެވެ. އަދި އަތް ހާކަމުން ތަޅުން މަތީ އޭނާ އުނގުޅެން ފެށީ އެތާ ހަރުކޮށްފައިވާ އުއްބައްތި އޭނާގެ އަތުގައި ޖެހޭތޯއެވެ.
އިރުއިރުކޮޅުން ދޮރާ ދިމާއަށް ނައުރީން ބަލަމުން ދިޔައީ އޭނާގެ ނަމުން މީހަކު ގޮވާހެން ހީވާތީއެވެ. އިވެމުން ދިޔަ އަޑުތަކަށް ސަމާލުކަން ނުދީވޭތޯ މަސައްކަތް ކުރިނަމަވެސް ނައުރީނަށް އޭނާގެ ހިތުގައި އަށަގެންފައިވާ ބިރުވެރިކަމުގެ ސަބަބުން ސިހޭގޮތް ވަނީއެވެ. ތަޅުންމަތީ އަތް ހާކަމުން ދިޔަ ނައުރީންގެ އަތް އުއްބައްތިއެއްގައި ޖެހުނުހެން ހީވުމުން އޭނާގެ ހިތަށް ހަމަޖެހުމެއް ލިބުނެވެ. އެ އުއްބައްތިން އަތް ދޫނުކޮށް ދެވަނަ އުއްބައްތި ހޯދަން ހަރަކާތްކޮށްލީ އަލިމަގެއް ފެންނަން އުޅެނީއޭ ހިތަށް އެރުމުންނެވެ. ދެވަނަ އުއްބައްތި އަތު ޖެހުމާ އެކީ ނައުރީންގެ ހިތަށް ތަސައްލީއެއް ލިބުމުން ހަމަޖެހުމުގެ ނޭވާއެއް ދޫކޮށްލިއެވެ. ސަލާމަތުގެ އައްސޭރިއަކަށް ވާސިލްވެވެނީއޭ އޭނާގެ ހިތް ބުނަމުން ދިޔައެވެ.
ދެ އުއްބައްތިން އަތް ދޫނުކޮށް ނައުރީން އޮތީ ވަރަށް ހުށިޔާރުވެގެންނެވެ. މަޑުމަޑުން ވަށައިގެން އޭނާގެ ފައި ހަރަކާތްކޮށްލީ ދެން ބާކީ ހުރި ތިން އުއްބައްތި ހުރިތަނެއް ޔަގީން ކުރާށެވެ. އެވަގުތު ބިންގަނޑަށް ލޮޅުމެއް އެރިކަން އިހްސާސްވުމުން ނައުރީން އެ އުއްބަތީގައި ބާރަށް ހިފަހައްޓާލިއެވެ. އެތަނުން އުއްބައްތިއެއް ވަކި ނުވާނެހެން ބިމުން ލުހިގެން ނާންނާނެހެންނެވެ. ނައުރީނަށް ފާހަގަވީ އޭނާ އެހުރި ދިމާލުން މައްޗަށް ބިންގަނޑު އުފުލުނުކަމެވެ. އޭރު ހުޅުވިފައިވާ ދޮރުން ފެހިކުލައަކަށްދާ އަލިކަމެއް ކޮޓަރިތެރެއަށް އެޅުނުވެ. އަލިވަމުން ދިޔަވަރަކަށް ނައުރީނަށް ތަންދޮރު ފެންނަވަރު ވިއެވެ. އޭނާއަށް އެ އޮވެވުނު ތަނަށް ބަލާލެވުމުން ކަރު ބުޑުން ހަޅޭއް ލަވައިގަނެވުނީ ބޭއިޚްތިޔާރުގައެވެ.
ބޮޑު ފިރިހެން ގެރިއެއްގެ ބުރަކަށިމަތީ ބަނޑުއަޅައިގެން އޭނާ އޮތީ އޭގެ ދެ ދަޅުގައި ދެއަތުން ހިފާ ބާރުކޮށްގެންނެވެ. ނައުރީނަށް ދެން ބަލާލެވުނީ ބޭރުން ދިއްލުނު ރަތްކުލައިގެ އަލި ގުޅައާ ދިމާއަށެވެ. އެ އަލި ގުޅަ ފެނުމާ އެކީ ފިރިހެން ގެރީގެ ފަހަތުފައިން އެއްފައި ބިންމަތީގައި ދެ ބުރަކަށް ކާއްތާލަމުން ބޯ ކޮޅު ކުޑަކޮށް ގުދުކޮށްލިއެވެ. އޭތީގެ ހަރަކާތް ހުރިގޮތުން ރަތްކުލަ ފެނި އެ ދިމާއަށް ދާން އަމާޒު ބެހެއްޓީކަން ނައުރީނަށް ކަށަވަރުވިއެވެ. ހުދު ނައުރީން ލައިގެން ހުރީވެސް ރަތްކުލައިގެ ހެދުމެއް ކަމުން އޭތީގެ ގައިން ދޫކޮށްލާ ބިންމައްޗަށް ވެއްޓިގަންނާކަށް ވެސް ނުކެރުނެވެ. ދެދަޅުގައި ހިފެހެއްޓުނު ބާރަކަށް ހިފަހައްޓައިގެން ނައުރީން އޮތީ ދެން ހަދާނެގޮތެއް ނޭނގުނީމައެވެ.
އެ ފިރިހެން ގެރި ހަތަރެސްފައި ބިންގަނޑު ކަނޑައިގެންދާ ހާ ބާރުކޮށް ޖަހަމުން އޭގެ މިސްރާބު ބެހެއްޓީ އެ ފެންނަމުން ދިޔަ ރަތް އަލި ގުޅައާ ދިމާއަށެވެ. އެ ކޮޓަރީގެ ދޮރުން ބޭރަށް އޭތި ނިކުތުމާއެކި ފަހަތުން އެ ދޮރު ލެއްޕުނެވެ. ނައުރީން އަޑުގެ ނެތްތަނަށް ހަޅޭއްލަވައިގަތެވެ.
"އަޒީމް.. މަ ސަލާމަތްކުރޭ... އަޒީމް..."
ނައުރީންގެ ހަޅޭކުގެ އަޑު އަޒީމާ ހަމައަށް ނުދާނެކަން އެނގުން ނަމަވެސް ނައުރީނަށް އެވަގުތު ގޮވުނީ އަޒީމަށެވެ. އެ ގެރީގެ ބާރު ދުވެލި މަޑުކޮށްލީ ނިކަގަހާ ހަމައަށް ދެވުމުންނެވެ. ކުއްލިއަކަށް އޭގެ ދުވެލި މަޑުކޮށްލުމުން ނައުރީންގެ ހަށިގަނޑު ބުރައިގެންގޮސް ގުޅަވަރަކަށް ޖެހުނީ އެ ނިކަގަހުގެ ބުޑަށެވެ. ފުރޮޅެމުންގޮސް ނައުރީންގެ ހަށިގަނޑު މަތަވުމާ އެކީ ބަލިކަށިގޮތަކަށް އިސްއުފުލާލަމުން އެ ގެރިއާ ދިމާއަށް ބަލާލިއެވެ. ހޭވިގެން މޫނުމައްޗަށް ވެއްޓިފައިވާ އިސްތަށިތަކުގެ ދޭތެރެއިން އޭނާއަށް ފެނުނީ އެ ގެރީގެ ކުރީ ދެފައި ބިމުން މައްޗަށް އަހެއްހެން އުފުލާލި ތަނެވެ. ހަމައެއާ އެކު އޭތީގެ ސިފަ ބަދަލުވެގެން ދިޔައެވެ. މޫނުގެ ބައްޓަން ބަދަލުވެގެން ދިޔަ އިރު ކެހެރި ފަޅާފައިވާ އެ ހަށިގަނޑާއި، ރަތްކަން ގަދަ ދެލޯ ފެނުމުން އެއީ ކާކުކަން ނައުރީނަށް ވަކި ކުރަން އެނގުނެވެ.
ހަށިގަނޑު ސީދާ ކޮށްލަމުން އޭގެ ދެއަތް އުފުލާލިއެވެ. އޭތީގެ ބުރަކަށިން ކަޅުފަތްތަކަކުން ފުރިފައިވާ ބިޔަ ފިޔަގަނޑެއް ނިއުޅުވާލީ ފަޒާގެ ތެރެއަށް މޫނު އުފުލާލަމުންނެވެ. އެ ފިޔަގަނޑު ތަޅުވާލަމުން އޭތި ބިމުން މައްޗަށް އުފުލެން ފެށުމުން ނައުރީން އެ އޮތް ތަނުން ތެދުވަން މަސައްކަތް ކުރިއެވެ. އެ ނުބައި ނުލަފާ މާރިދު ބިންމަތީ ހުރި ނައުރީނާ ދިމާއަށް އިސްއޮބާލަމުން ބަލާލީ ބުޅާ މަސްގަނޑާ ދިމާއަށް ބަލާ ފަދަ ޒާތަކަށެވެ. ދުއްވައިގަންނަން ބޭނުންވި ނަމަވެސް އެތަނުން ސަލާމަތް ނުވެވޭނެކަން ނައުރީނަށް އެނގެއެވެ. އެ ހުރި ފިޔަވަޅު މަތީ ގުޑިވެސް ނުލާ ނައުރީން ހުރީ އޭނާގެ ނިކަމެތިކަން ހިތަށް ވެރިވުމުންނެވެ. އުދުހިފައި އައިސް އެ މާރިދުގެ ދެއަތުން ނައުރީންގެ ހަށިގަނޑުގައި ވަށާލިއެވެ. އަދި ނައުރީނާ އެކު ފަޒާގެ ތެރެއަށް އުދުއްސައިގެން ދިޔައިރު ނައުރީންގެ ހަށިގަނޑުން އޭތި ވަސްގަންނަމުން ދިޔައެވެ.
*** *** *** *** *** ***
ފާރުގައި ހަރުކޮށްފައިވާ އެކި ކުރެހުންތަކަށް ނަޒަރު ހިންގަމުން އައިސް ޒަފްރީންގެ ފިޔަވަޅު މަޑުކޮށްލީ އިރުއޮއްސޭ މަންޒަރު ބަލަން އިން އަންހެން ކުއްޖެއްގެ ކުރެހުން ފެނުމުންނެވެ. މުނާޒާ ކުރިމަތިލަމުން އެ ކުރެހުމަށް ޒަފްރީން އިޝާރާތްކޮށްލީ އެއްޗެކޭ ބުނާށެވެ. ޒަފްރީނަށް ބަހެއް ނުބުނެވިގެން އުޅެނިކޮށް ވާހަކަ ދެއްކީ މުނާޒެވެ. "ރީތިތަ؟... ޒަފްގެ އިންސްޓާ އަށް ލާފައިން ފޮޓޯ ރީތިވެގެން އަހަރެން އެ ކުރަހާލީ.. އަދި ތި ކުރެހުން ނުނިމޭ..."
ޒަފްރީނަށް އެއީ އޭނާކަން އެނގުނަސް އެ ކުރެހުން ފެންނަ ކޮންމެ މީހަކަށް އެއީ ޒަފްރީންކަން ނޭނގިދާނެއެވެ. އެ ފޮޓޯގައި ޒަފްރީންގެ މޫނުން ފެންނަނީ ތަންކޮޅެކެވެ. އޭނާގެ ރީތި ބޮޑު ދެލޮލެވެ. މުނާޒާ ދިމާއަށް އެނބުރިލަމުން ޒަފްރީން ކަރުކެހިލީ އިތުރު ވާހަކައެއް އޮޅުން ފިލުވާލަން ބޭނުންވީމައެވެ. "މުނާޒްގެ މަންމައަށް ޒަފް އިނގޭނެތަ؟.. މަންމަ އުޅުނު ގޮތުން ހީވަނީ ކަމެއް އެނގެނީހެން..."
ސްޓޫޑިއޯ ތެރޭ ހުރި ހުސްގޮނޑިއެއްގައި އިށީންނަމުން މުނާޒް ހިންދެމިލިއެވެ. ފުން ނޭވާއެއް ބޭރުކޮށްލަމުން އޭނާ ދެކޮނޑު އަރުވާލިއެވެ. "އަހަރެން ނުބުނަން... ނޭނގެ ކީއްވެކަމެއް އެހެން އެބުނީކީ.. މޭބީ މަންމަމެން މާ ބޮޑު ވާހަކައެއް ދައްކަން އޮތީ ކަމަށްވެސް ވެދާނެއްނު..."
މުނާޒްގެ ޖަވާބު އެހެން އައި ކަމުގަ ވިޔަސް އޭނަގެ ހިތުގައިވެސް ޝައްކުކަމެއް އުފެދިފައިވިއެވެ. މަންމަމެންގެ ހަރަކާތާއި ބަސްމަގު ހުރި ގޮތުން މުނާޒާއި ޒަފްރީންގެ ގުޅުން އެމީހުންނަށް އެނގެނީ ހެއްޔެވެ. "މަށަށް ނުފެންނަން ފިލައިގެން ދޯ ތިއުޅުނީ.. މާލެ އައިސް އަންގާވެސް ނުލާ... ހަބަރެއް ނުވީމަ އަހަރެން ހީކުރީ ރުޅި އައީ ކަމަށް..." ވާހަކަ އޮޅުވާލަން މުނާޒް ބެހެއްޓީ އެހެން ހަތިޔާރެކެވެ. ޒަފްރީންގެ ހަބަރެއް ނުވެ އެހާ ދުވަސްވެފައިވަނީ ކީއްވެގެންކަންވެސް ނުބުނެއެވެ. މުނާޒް ކުރި އެތައް މެސެޖްތަކަކަށް ޒަފްރީންގެ ޖަވާބެއް ނުލިބި ހުރުމުން މުނާޒް ވަނީ ހިތުގައި ޖެހިފައެވެ.
"އަސްލު... މުނާޒް ލޯބިވާ ކުއްޖެއް ހުރެޔޭ ބުނެ ޒަފް ކައިރީ ވާހަކަ ދެއްކީމެއްނު.. އެކުއްޖާ ކައިރީ ބުނަންވީހޭ... އެހީމެއްނު... އަހަރެން ބޭނުން ނުވީ މުނާޒްގެ ލައިފްއަށް... ދެން އެވާހަކަ ބާއްވާ... ކޮބާތަ އެ ލޯބިވާ ކުއްޖާ..." ބުރުގަލުގައި ހިފާ ދަމާލަމުން މޭމަތި ނިވާކޮށްފައިވާ ބައިގެ ރޫތަކާ ޒަފްރީން ކުޅެލީ އޭނާގެ ހިތަށް ކޮންމެވެސް ވަރަކަށް އުނދަގޫ ވީމައެވެ.
މުނާޒް ގޮނޑިން ތެދުވެ ކުރިއަށް ހިނގައިގަތީ ޒަފްރީންގެ މޫނަށް ބަލަމުންނެވެ. "އެ ކުއްޖާ ދޯ... އެކުއްޖާ ފަހުން އަހަރެންނާ ވާހަކަ ނުދެއްކި.. މޭބީ އަހަރެން ކަމުނުދަނީ ކަންނޭނގެ.. އެކަމާ ވަރަށް ދެރަވެފަ މިހުރީ... އެކަމަކު..."
"މުނާޒް ކަމު ނުދާންވީ ކީއްވެ.. ޔޫއާ ގުޑް ލުކިންގް... ސްމާޓް.. އިންޓެލިޖަންޓް.. ކެއާރިންގް.. އަންޑަސްޓޭންޑިންގް.. ދެން އިތުރު ކޮންކަމެއް ބޭނުންވާނީ..." އިސްޖަހާލަމުން ޒަފްރީން ވާހަކަ ދެއްކީ ހިތާ ދެކޮޅަށެވެ. އޭނާގެ ހިތުގައި މުނާޒަށް ދެވިފައިވާ ހާއްސަ މަގާމް ފޮރުވަމުންނެވެ. "އެހެންތަ... ދެން އެ ކުއްޖާ ފެނިއްޖިއްޔާ ބުނަންވީ ދޯ..." ޒަފްރީންގެ މޫނަށް އަރާ ފައިބަމުން ދިޔަ ކުލަވަރު މުނާޒަށް ފެންނަމުން ދިޔައެވެ. އެތައް މަސައްކަތެއް ކުރި ނަމަވެސް އޭނާގެ ކޯތާފަތަށާއި ނޭފަތަށް އަރަމުން ދިޔަ ޖަންބު ކުލަ ފޮރުވޭ ގޮތެއް ނުވިއެވެ. މުނާޒު ކުރި ސުވާލަށް ދޭނެ ޖަވާބެއް ޒަފްރީނަކަށް ނުވިސްނުނެވެ. އާނއެކޭ ބުނެފި ނަމަ އޭނާގެ ހިތް ކުދިކުދިވާނެއެވެ. ނޫނެކޭ ބުނެފިނަމަ އޭނާގެ ހިތުގައި ފޮރުވާފައިވާ ސިއްރު ހާމަވެދާނެއެވެ.
ކަރުކެހިލަމުން މުނާޒާ ހަތަރުކަޅި ހަމަކުރަން ޒަފްރީން މަސައްކަތް ކުރިއެވެ. ދެކޮނޑު އަރުވާލުމާއެކު ހިނިތުންވަމުން އެތަނުން ދާން ޒަފްރީން ހިނގައިގަތީ އޭނާގެ ބަލިކަށި ހިތަށް ކެތް ނުވާނެކަން އިހްސާވުމުންނެވެ.
އެއްލި އަތުން ޒަފްރީންގެ އަތުގައި މުނާޒް ހިފީ ހުށިޔާރު ކަމާއެކީގައެވެ. ޒަފްރީން އެ ހުރިތަނަށް ގަނޑުވިއެވެ. އިސްޖަހައިގެން އޭނާއަށް ހުރެވުނީ ފަސްއެނބުރި މުނާޒާ ދިމާއަށް ބަލާލަންވެސް ނުކެރިފައެވެ. "ޒަފް... އަހަރެން އެ ކުއްޖާ ދެކެ ވަރަށް ލޯބިވޭ... އޭނާގެ މަޑުމައިތިރި ރީތި ސިފަތައް ހަމަ ލޮލުން ފެނުނީމަ އަދި ވަކިން މިހިތުގަ އެ ކުއްޖާއަށް އޮތް ލޯތްބާއި ގަދަރު އުފުލިގެން ހިނގައްޖެ... އަބަދުވެސް އަހަރެންގެ ހިތްބުނި އެއީ އެހެން ހުރިހާ އަންހެން ކުދިންނާ އަޅާ ބަލާ އިރުވެސް މާ މާތް ކުއްޖެކޭ.." ޒަފްރީން މަޑުމަޑުން އޭނާގެ އަތް އަނބުރަމުން ލުކި ޖަހާލީ މުނާޒް ދައްކަމުން ދިޔަ ވާހަކަތައް އަޑުއަހަން ދަތިވީމައެވެ. ޒަފްރީންގެ އަތުން މުނާޒް ދޫކޮށްލުމުން އޭނާގެ ފިޔަވަޅު އަވަސްކޮށްލީ އެ ސްޓޫޑިއޯއިން ނިކުންނާށެވެ. ނަމަވެސް ޒަފްރީން ކުރިއަށް އެޅި ފިޔަވަޅު ހުއްޓުނީ މުނާޒް ގޮވާލުމުންނެވެ.
"ޒަފް.. އައި ލަވް ޔޫ..."
(ނުނިމޭ)
